ރެފިއުޖީން

ސީރިޔާ ރެފިއުޖީންނަށް އެމެރިކާގެ 22 ސްޓޭޓެއް ބަންދު

Nov 17, 2015

މިހާރު ކަންތައްތައް ހުރި ގޮތުން ސީރިޔާގެ ރެފިއުޖީންނަށް ފުރުސަތު ދެވެން ނެތް ކަމަށް އެމެރިކާގެ ބާވީސް ސްޓޭޓެއްގެ ގަވަރުނަރުން ވިދާޅުވެއްޖެއެވެ.

މިއީ ޕެރިހުގައި ދިން ހަމަލާތަކާ ގުޅިގެން އެ ސްޓޭޓް ތަކުގެ ސަލާމަތަށް ބަލައި އެޅި ފިޔަވަޅެއް ކަމަށް އެ ސްޓޭޓްތަކުން ބުނެއެވެ. ރެފިއުޖީންނަށް ދޮރު ބަންދުކުރި މަޝްހޫރު ބައެއް ސްޓޭޓް ތަކުގެ ތެރޭގައި އަލަބާމާ، ފްލޮރިޑާ، މިޝިގަން އަދި ޓެކްސަސް ހިމެނެއެވެ.

ޕެރިސް ހަމަލާއާ އެކު އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުގައި، ރެފިއުޖީންނަށް ފުރުސަތު ދިނުމުގެ މައްސަލަ ވަނީ ބޮޑު ބަހުސަކަށް ވެފައެވެ. ރެފިއުޖީން އެތެރެވާން ހުއްދަ ދިނުމާ މުޅިން ދެކޮޅު ނޫން ފަރާތްތަކުން ވެސް ބުނަނީ ޝައްކެއް ނެތް މިންވަރަށް ސެކިއުރިޓީ ވަރުގަދަ ނުކުރެވޭނަމަ ރެފިއުޖީން ވައްދައިގެން ނުރައްކަލަށް އުށަހެޅޭނީ އެމެރިކާ ރައްޔިތުން ކަމަށެވެ.

އޮބާމާގެ ސަރުކާރުން އަދިވެސް އޮތީ ރެފިއުޖީންނަށް ފުރުސަތު ދޭ ގޮތަށެވެ. ވޮޝިންޓަނާއި ޕެންސިލްވޭނިއާ ފަދަ ސްޓޭޓް ތައް އޮތީ އޮބާމާގެ ކޮޅުގައެވެ.

އެކަމަކު ފަނަރަ ސްޓޭޓާ އެކު، ނުފޫޒު ގަދަ ވަރަށް ގިން ސިޔާސީ ލީޑަރުން ތިބީ ރެފިއުޖީންނަށް އެމެރިކާ ހުޅުވާލައިގެން ތިބޭ ގޮތަކަށް ނޫނެވެ. އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރަމުންދާ ރިޕަބްލިކަން ކެނޑިޑޭޓުންގެ ހިޔާލުވެސް ރެފިއުޖީންނާ އިދިކޮޅަށް ހުރިއިރު ސްޓޭޓްތަކުގެ ގަވަރުނަރުން ވިދާޅުވަނީ ރެފިއުޖީންގެ ތެރޭގައި ޓެރަރިސްޓުން ނެތްކަން އެނގޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ގަވަރުނަރުންގެ ކަންބޮޑުވުންތައް އެމެރިކާގެ ރައީސްއާއި ހިއްސާ ކުރަމުންދާއިރު، މުޅި އެމެރިކާގެ ފޮރިން ޕޮލިސީއަށް ވެސް އަސަރުކުރާހާ ގިނަ ސްޓޭޓްތަކެއް މިވަނީ މައި ސަރުކާރުގެ ވިސްނުމާ ހިލާފުވެފައެވެ. ޕެރިސް ހަމަލާގެ ފަހުން އައިއެސް ކަމަށް ބެލެވޭ ބަޔަކު އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނެފައި ވަނީ އެމީހުންގެ ހަމަލާތައް ދެން އަމާޒު ކުރާނީ އެމެރިކާއަށް ކަމަށެވެ. އައިއެސްއިން ޒިންމާ ނަގާފަޖއިވާ ޕެރިސް ހަމަލާގައި 130 މީހުން މަރުވިއެވެ.