ހަބަރު

ގުރުއާނާއި އަރަބި ކިޔަވާދޭނެ 5000 ޓީޗަރުން ތަމްރީން ކުރަނީ

އަރަބި ބަހާއި ޤުރުއާން ކިޔަވާދޭނެ 5000 ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ވޭތުވެދިޔަ ދެއަހަރު ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީއިން ކޮށްފައި ހުރި ކަންތަކަށް އަލި އަޅުވާލައި ނޫސް ވެރިންނާއި ވާހަކަ ދައްކަމުން ޝިހާމް ވިދާޅުވީ މިދިޔަ އަހަރު ތެރޭގައި އެމިނިސްޓްރީ އިން ސްކޫލު ތަކުގައި ޤުރުއާން މާއްދާއެއް ހަދައި އަރަބި ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަށް ފަށާފައިވާ ކަމަށާއި އެގޮތުން މިހާތަނަށް މުޅި ރާއްޖޭގައި 48 ސްކޫލެއްގައި މިހާރު އަރަބި ކިޔަވާދެމުން ދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިސްކޫލުތަކުގެ އިތުރުން ވަރަށް ގިނަ އެހެން ސްކޫލުތަކުންވެސް އަރަބި ދަސްކޮށްދިނުމުގެ ޕްރޮގްރާމް ހިނގަން ބޭނުންވީ ނަމަވެސް ކުއްލިއަކަށް ފެށި ޕްރޮގްރާމަކަށް ވުމުން ދިމާވެފައިވާ މައްސަލައަކީ އަރަބި ހުރިހާ ސްކޫލަކަށް ބޭނުންވާ ވަރަށް ޓީޗަރުން ތަމްރީން ވެފައި ނެތުން ކަމަށެވެ.

"މި ކަމަށް ހައްލެއް ގެނައުމުގެ ގޮތުން އަޅުގަނޑުމެން އިސްލާމިކް ޔުނިވާސިޓީއާއެކު މިހާރު އެއްބަސް ވުމެއްގައި ސޮއި ކުރެވިގެން މަސައްކަތްތަކެއް ކުރެވިގެންދޭ. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތާ 5000 ޓީޗަރުން މިދެދާއިރާއިން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުން ދާނަން،"ޝިހާމް ވިދާޅުވި އެވެ.

ޝިހާމް ވިދާޅުވީ ގޮތުގައި މިގޮތަށް ޓީޗަރުން ތަމްރީން ކުރަމުން އަރަބި އަދި ޤުރުއާން ކިޔަވާދޭ ޓީޗަރުން ކޮންމެ ސްކޫލެއްގައި ވެސް ހުންނާނެ ކަމަށެވެ.