ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

ހެލްތް މިނިސްޓްރީއަށް އިތުރު އެހީތަކެއް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

ދިވެހިރާއްޖެއިން ކޮވިޑާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ބައެއް ތަކެތި މިއަދު ވަނީ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ތަކެތި ހެލްތާ ހަވާލުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރު އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަދު ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ބޭނުންވާ ބައެއް ބޭސްތަކުގެ އިތުރުން، 11 ޖީން އެކްސްޕާޓް މެޝިނާއި، 10 އޮޓޯކްލޭޓް، އަދި ކޮވިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް 6 މޮޓޯސައިކަލް ހިމެނެ އެވެ.

މީގެ އިތުރުން ކޮވިޑް-19 ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކާއި ޓެސްޓްކުރުމަށް ބޭނުންވާ 500،19 ޓެސްޓު ކިޓް މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

މިތަކެތީގެ ތެރެއިން 11 ޖީން އެކްސްޕާޓް މެޝިނާއި އެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި މެޝިންތައް ބެހެއްޓި ކޮވިޑަށް ޓެސްޓްކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބެހެއްޓި ސިއްހީ ހިދުމަތްދިނުމަށް ބޭނުންކުރާ ތަކެތި ރައްކާތެރިކޮށް ނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ އެވެ.

މީގެ އިތުރުންވެސް ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް ކޮވިޑަށް ޓެސްޓްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ މެޝިނާއި، ޓެސްޓްކިޓް ދަނީ ފޯރުކޮށްދެމުންނެވެ. އަދި އިމާޖެންސީ ސިއްހީ ހިދުމަތްދިނުމަށް ބޭނުންވާ އާލާތްތަކާއި ބޭސްވެސް އެޖަމިއްޔާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.