ކުރިޔަށް މިއޮތީ ހައްޖާއި ބޮޑު އީދުގެ ބަންދާއި ޖުލައި ސައްބީހުގެ ވެސް ބަންދެވެ. ގާތްގަނޑަށް ހަފުތާއެއް އެ ބަންދަށް ވެސް ލިބޭނެ އެވެ. އަނެއްކޮޅުން މިހާރު ހިނގަމުން މިދަނީ ވެސް މަދަރުސާތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރެވެ. އަދި ސަރުކާރުން އިއްޔެއިން ފެށިގެން ވަނީ ކޮވިޑް ބަންދުގެ ލޮކްތައް ނައްޓާލައި "ކޮވިޑް ބްލޮކޭޑް" އެއްކޮށްގެން ރޫޅާލާފަ އެވެ. އެހެންވެ މި ހާރު އެންމެނަށް ވެސް އޮންނާނީ ދާނެ ތަނަކަށް ދާން، ދަތުރުރަށް ފަހިކޮށެވެ. އަދި ވެސް އެޗްޕީއޭއިން އިތުރު ލުއިތައް ދޭނެ އެވެ.
އާއިލާތައް އޮންނާނީ ވެސް ޗުއްޓީއަށް ފުރާ މޫޑެއްގަ އެވެ. ހުއްޓީފައިވާ މަސައްކަތްތައް ފަށައިގަތުމަށް މުދާ ބަރު ކޮށްގެން ކުރާ ދަތުރުތައް މިހާރު ފަށައިގަންނާނެ އެވެ. މަސް އައިންތައް އެތެރެވަރީއަށް ޖެހިލައި ކޯސްޓަލް އޭރިއާ އާއި ކަރީގައި ހުންނާނެތީ މަސްވެރިވެސް ކަނޑަށް ބޭރުވާން ތިބޭނީ ކެތްމަދުވެފަ އެވެ.
އެކަމަކު މައްސަލައެއް އެބަދިމާވެ އެވެ؛ މިއީ ރާއްޖޭގެ މޫސުމުގައި ދެން މި އަހަރު އަންނާނެ އެންމެ "ވައި ނުބައި" ދަނޑިވަޅެވެ. ދިވެހިން ދަންނަ ގޮތާއި ސިފަ ކުރުން އޮންނަ ގޮތުން "ޖޫންޖުލައި" އަކީ ގަދަ ވިއްސާރަ އެވެ. އެއީ ނަކަތުގެ ރަނގަޅު ކިޔައި ދިނުމެކެވެ. ޖުލައިިގައި އަބަދު ވެސް އޮންނާނީ ފެނެވެ. -- މޫސުމީ ބަދަލާއެކު އަބަދު އެހެނެއް ނުހިނގާ --
މިހާރުވެސް މޫސުން ދާ ގޮތުން ރާއްޖޭގެ ކޯސްޓްގާޑާއި މެޓް އޮފީހާއި ފުލުހާއި ޑިޒާސްޓާއިން ބުނެދޭ ގޮތެއްގެ މައްޗަށް ނޫން ގޮތަކަށް ދަތުރަށް އެރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
މުސޫމާބެހޭ އިދާރާގެ ލަފާ
ގައުމީ މޫސުމާބެހޭ އިދާރާއިން އިއްޔެ ރޭ މެންދަމުން ފެށިގެން އިންޒާރު ކޮށްފައިވާ ގޮތުން އިއްޔެއުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދެވެ ކަނޑުތައް ވެސް ގަދަވާނެ އެވެ. މެޓް އޮފީހުން ބުނާ ގޮތުގައި ހުޅަނގު މޫސުމުގެ ބާރު ގަަދަވުމުން ކުރިޔަށް މިއޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ އެވެ. ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ އެވެ. ކޮޅިގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ހުންނާނެ އެވެ އެއާއެކު ރާޅު އުފުލި އުދަ އަރާނެ އެވެ. ކޮޅިގަނޑު އަންނާނެ އެވެ.
ނަކަތުން ކިޔައިދޭ ލަފާތައް
ހުޅަނގު މޫސުމުގެ ރާއްޖެ މިހާރު ވަދެފައި މިވަނީ މޫސުމުގެ ހަތްވަނަ ނަކަތް, ފުނޯސްގެ ތެރެއަށެވެ. އެހެންވީމާ މިހާރު މިދަނީ 18 ނަކަތް އޮންނަ ހުޅަނގުގެ މެދު ޖެހޭށެވެ. އޭޕްރީލްގެ އަށް ވަނަ ދުވަހުގައި ފަށާއި ޑިސެމްބަރު މަހުގެ ނުވަނަ ވަނަ ދުވަހަށް ދެމިގެންދާ ހުޅަނގުގެ ހުރިހާ ގަދައެއް އަބަދު ވެސް އުފެދިގެން އަންނާނީ އިރުފޮހޭ ފަޅީންނެވެ.
ހުޅަނގުގެ ގަދަ މޫސުމުގެ ފުރަތަމަ ނަކަތް، އައްސިދައިން ފެށުނަސް އިރުވައިގެ ފަހުން ތިން ނަކަތް ފަސްބަދުރުވަ އާއި ފުރަބަދުރުވަ އާއި ރޭވައިގެ ތެރޭގައި ހުޅަނގުގެ ގަދައިގެ އިޝާރާތް ފަށާނެ އެވެ. ތޫފާންތަކާއެކު ފަސްބަދޔރުވަ ލައިގަންނާނީ ފެބުރުއަރީ 27 ގައެވެ. ވަރުގަދަ ކޮޅިގަނޑު އަންނަ ރޭވަ ނިމޭނީ އޭޕްރީގެ ހަތްވަނަ ދުވަހުގެ އިރު މެދުން ލަނބައިލުމުންނެވެ. އެހިސާހު އެއޮތީ ހުޅަނގުގެ ގަދައިގެ ތެރޭގައެވެ. އެކަމަކު މުޅި ހުޅަނގަކީ ގަދަވަތާއި ތޫފާނާއި ކޮޅިގަނޑާއި އުސްރާޅާއި ވިދުމާއި ގުގުރި ގަދަ ބޯވާރޭގެ ދުވަސްތަކެއް ނޫނެވެ.
ހުޅަނގުގެ 18 ނަކަތުގެ ތެރޭގައި ވަރަށް އޮމާން ދުވަސްތައް ހިމެނޭ ނަކަތް ވެއެވެ.
އިންޑިއާ ކަނޑުގެ މޫސުމީ ބައެއް ބަދަލުތަކާއި ދިޔަވަރާއި އޮޔަށް އަންނަ ބަދަލުން ރާއްޖޭގެ ހުޅަނގު މޫސުމަށް ވެސް އަދި އިރުވައިގެ ޒާތަށް ވެސް ބަދަލު އާދެ އެވެ. އެކަމަކު އެ ބަދަލުތައް ފަހަކަށް އައިސް ބޮޑަށް ފާހަގަ ކުރެވެނީ ހުޅަނގުގަ އެވެ. އުދައިގެ ދުވަސްވަރުގަ އެވެ.
މިހާރު މިހިނގާ ފުނޯހަކީވެސް އުދައިގެ ތޮބީއަތެއް އޮތް ނަކަތެކެވެ. ފުނޯސް ނަކަތުގައި އަބަދުވެސް ރާއްޖޭގެ މެދުން ނެއްޓި އުތުރާ ހަމައަށް ހިމެނޭ ރަށްރަށަށް ސުވެލް / އުދަ ރާޅު ލައްގާނެ އެވެ. ބައެއް ހާލަތުގައި ބޮޑުރާޅަށް ފުދާވަރުގެ އުދަ އަރާނެ އެވެ. ދެކުނުން ލ. އަތޮޅުގެ އިސްދޫ މުއްޔާއި ހަމައިން އައްޑު އައްޑު އޮތޮޅުގެ ދެކުނު ބޭސްލައިނުން ނެއްޓޭ ހިސާބުގައި ހުޅަނގުގެ ގަދަ އޮތް ނަމަ އުދަ ކުޑަވާނެ އެވެ. ދެކުނަށް އުދައިގެ ބާރު ގަދަވަނީ ހުޅަނގު ފަށާއި އައްސިދަ އިން ފެށިގެން ހިނގާ ބުރުނާއި ކެއްޗާއި ރީނާއި މިއަހެއްޔާއި އަދައިގަ އެވެ. މި ތޮބީއަތް ފުށުއަރާ ބަދަލުވާ ފަހަރު އާދެ އެވެ. އެކަމަކު މިހާރު މި ހިނގަނީ މި އަހަރު ދެން އަންނާނީ މޫސުމީ އެންމެ ވައި ނުބައި ދުވަސްވަރެވެ.