ރިޕޯޓް

މި މަހު ކަރަންޓު ބިލް ވަރަށް ބޮޑުވާނެ!

ކޮންމެ އަހަރެއް ވެސް މާޗް މަހުން ފެށިގެން ޖޫންއާ ހަމައަށް އާއްމު ގޮތެއްގައި ދެ މިގެންދާނީ ރާއްޖޭގެ ހޫނު މޫސުމެވެ. މިހާރު ތަހައްމަލް ކުރަމުން މިދަނީ އެ ހޫނު ކަމެވެ. މިދިޔަ އަހަރަށް ބަލާއިރު މާޗް މަހު އެވްރެޖްކޮށް މާލޭގެ ހޫނުކަން ހުރީ 32.2 ޑިގްރީ ސެލްސިއެސްގަ އެވެ. ނަމަވެސް އޯގަސްޓް މަހާ މަހައަށް އައިއިރު ހޫނުމިން 32.8 ޑިގްރީ ސެލްސިއެސް އަށް މަތިވެފައިވާކަން މެޓް އޮފީހުގެ މައުލޫމާތު ތަކުން އެނގެ އެވެ. ކޮންމެ ދުވަހުގެ އިރު އަރައިގެން އައުމާއެކު ދުނިޔެ މައްޗަށް ވެރިވެ ގަންނަ ހޫނުކަމުގެ އިހުސާސް މި ދުވަސްވަރު ބޮޑެވެ. އެހެންވެ މިއީ އާއްމުން ސަމާލުވާން ޖެހޭ ކަމެވެެ. ހާއްސަކޮށް ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު މި ހޫނުކަމުގެ ސަބަބުން ކަރަންޓު ބިލްތައް ބޮޑުވުމަކީ އާއްމުންގެ އޮންނަ ޝަކުވާ އެކެވެ.

މިހާރު ބެލެވޭ ގޮތުގައި މި މަހު އަންނަ ކަރަންޓު ބިލް ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. މި މަހުގެ ކަރަންޓު ބިލް ބޮޑުވެދާނެ ސަބަބު ތަކަކީ ކޮބައި ހެއްޔެވެ؟ އަދި މި މަހު ބިލް ކުޑަ ކުރެވިދާނެ ގޮތަކީ ކޮބައި ހެއްޔެވެ؟

"މިއީ ހޫނު ދުވަސް ވަރެއް. އަނެއްކާ މި ދުވަސްވަރު ފީލްސް ލައިކް ޓެމްޕަރޭޗާ [ހޫނުމިނުގެ އިހުސާސް ކުރެވޭ މިންވަރު] ވެސް މަތި. އާއްމުކޮށް ހިއުމިޑިޓީ ދަށްވާނެ މި ދުވަސްވަރު. އެހެންވެ ހޫނުކަމުގެ އިހުސާސް ކުރެވޭވަރު މި ދުވަސްވަރުގެ ރޭގަނޑު ވެސް އެހެން ދުވަސްތަކާ ބަލާއިރު މަތި،" މެޓް އޮފީހުގެ އެސިސްޓެންޑް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒު ވިދާޅުވި އެވެ.

މެޓް އޮފީހުގެ މައުލޫމާތު ތަކަށް ބަލާއިރު، ވޭތުވެދިޔަ ހަތަރު ވަރަކަށް ދުވަހު މާލޭގެ ހޫނުމިން ހުރީ އެވްރެޖުކޮށް 33.1 ސެލްސިއެސްގައި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު ގާތްގަނޑަކަށް އެއް ވަރު މިންވަރެކެވެ. ނަމަވެސް މި ފަހަރުގެ ތަފާތަކީ ހޫނުމިން އިހުސާސް ކުރެވޭ މިންވަރު އާދަޔާ ހިލާފަށް މަތިވުމެވެ. އޭގެ ސަބަބުން ގޭގެ ފާރުގައި ހުންނަ ދުވާލުގެ ހޫނުކަން އަނެއް ދުވަހުގެ އިރު އެރުމާ ހަމައަށް ވެސް ދަށްނުވެ ހުރެ، އަނެއް ދުވަހުގެ އިރު އެރުމާއެކު އަނެއްކާ ވެސް ހޫނުވާން ފަށަ އެވެ. -- މިއީ ކަރަންޓު ބިލަށް އަސަރު ކުރުވާނެ ކަމެކެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ އެއާކޮންޑިޝަނުން ފިނި ކުރަން ކުރަން ޖެހޭ މަސައްކަތް އެތައް ގުނައެއް އިތުރު ވެގެންދާނެ ކަމެކެވެ. އޭގެ ސަބަބުން ބޭރުގައި ހުންނަ ޓެމްޕަރޭޗާއާ އެއްވަރަށް ފިނި ކުރަން އެއާކޮންޑިސަން ކުރަން ޖެހޭ މަސައްކަތް އެތަށް ގުނައެއް މަތިވެ އެވެ.

"އެހެންވީމަ މި ދުވަސްވަރު އެއާ ކޮންޑިޝަން އަވަސް އަވަހަށް ނިއްވުން ބުއްދިވެރިއެއް ނޫން. މިގޮތަށް ނިންވީމަ މާގޮތަކީ ޖައްސާ ކޮންމެ ފަހަރަކު ފިނި ކުރަން ކުރަން ޖެހޭ މަސައްކަތް މަތިވޭ. އަނެއްކާ ބައެއް މީހުން އެއާކޮންޑިޝަން އެބަ ވައްޓާލާލަ 16 އަށް. މީ ގޯހެއް. މިގޮތަށް ސޯޅައަށް ވައްޓާލުމުން ކަރަންޓު ހިނގާ އަދަދު މަތި ވެގެންދޭ. އެހެންވެ އެންމެ ރަނގަޅީ 24 އިން މަތީގައި ބެހެއްޓުން،" ރެފިރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން ދާއިރާއިން ތައުލީމް ހާސިލް ކޮށްފައިވާ އަހުމަދު ނައީމް ބުންޏެވެ.

މި ދުވަސްވަރުގެ ހޫނު ކަމުގެ އަސަރު މިހާރު ވެސް ވަނީ ފެންނަން ފަށާފަ އެވެ. މާލެއަށް ކަރަންޓުދޭ ސަރުކާރު ކުންފުނި ސްޓެލްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާޗު މަހުން ފެށިގެން މާލޭގެ ކަރަންޓުގެ ލޯޑު ދަނީ އާދަޔާ ހިލާފަށް މަތިވަމުންނެވެ. މިދިޔަ މަހު މާލޭގައި ބޭނުން ކުރި ކަރަންޓުގެ ނިސްބަތް 55،000 ކިލޯ ވޮޓް އަށް މައްޗަށް އުފުލިގެން ގޮސްފައިވެ އެވެ. މިއީ އާއްމު އެހެން މަސްތަކާ އަޅާބަލާއިރު ނިސްބަތުން ބޮޑު ތަނުން މަތިވުމެކެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި މި ދުވަސްވަރު ހޫނުކަން މަތިވުމުން ކަރަންޓު ބިލްތައް ހެދުމުގެ ކުރީގައި ބިލަށް އަންނަ ބަދަލު ބަދަލަން ސާމްޕަލް ރީޑިންތަކެއް ނެގި އެވެ.

"ސާމްޕަލް ރީޑިން ތަކުން ފެންނަނީ މިމަހުގެ ކަރަންޓު ބިލްތައް ބޮޑުކޮށް. ހުޅުމާލެއަށް ތިން އަހަރަށް ބަލާއިރު ވެސް މި އަހަރަކީ ރެކޯޑު މަތިވުމެއް،" ފަހުމީ ވިދާޅުވި އެވެ.

މި މަހު ކަރަންޓު ބިލަށް ބޮޑު އަދަދެއް އަންނާނެ ކަމަށް ބެލެވޭ އެއް ސަބަބަކީ ހަމައެކަނި ހޫނު ގަދަވުން އެކަންޏެއް ވެސް ނޫނެވެ. ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ ކަރަންޓުގެ ލޯޑު އާދަޔާ ހިލާފަށް މަތި ދުވަސް ވަރެކެވެ. ކަރަންޓުން ބޭނުންކުރާ ތަކެތި ތަކުރާރުކޮށް ކޮންމެ ދުވަހަކު ގޭގޭގައި ޖައްސާ ދުވަސް ވަރެކެވެ.

ބައެއް ގަޑިތަކުގައި އާދަޔާ ހިލާފު ލޯޑެއް

ސްޓެލްކޯ އިން އަވަސް އަށް ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާލޭގައި ބައެއް ގަޑިތަކުގައި އާދަޔާ ހިލާފަށް ކަރަންޓުގެ ލޯޑު މަތިވެގެން ދެއެވެ. ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހުން 1:00 އާއި ހަވީރު 6:00 އާ ދެމެދު ކަރަންޓުގެ ލޯޑު އިންތިހާއަށް މަތި ވެގެންދާ ކަމަށް ދައްކަ އެވެ.

މި ގަޑީގައި ކަރަންޓުގެ ލޯޑު މަތިވެގެންދާ ސަބަބަކީ މަތީ ދަރަޖައަކަށް ކަރަންޓު ބޭނުން ކުރާ ތަކެތި ކޮންމެ ދުވަހު ވެސް ބޭނުން ކުރުމެވެ. މަތިން ކަރަންޓު ނަގާ ތަކެތީގެ ތެެރޭގައި ބަދިގޭގައި ބޭނުންކުރާ މިކްސަޗަރާއި އަވަން ހިމެނެ އެވެ. އަދި މި ވަގުތަކީ ރޯދަ ވީއްލަން ތަކެތި ތައްޔާރު ކުރަން ބަދިގޭގައި މަސައްކަތް ކުރާ ވަގުތަށްވުމާއެކު ގިނައިން އައިސް އަލަމާރި ހުޅުވާ ލައްޕަ އެވެ.

ރޯދަ މަހު ކޮންމެ ދުވަހަކު އަވަނާއި މިކްސްޗަރު ބޭނުން ކުރެ އެވެ. ނަމަވެސް މި ތަކެއްޗަކީ އާއްމުކޮށް ރޯދަ މަސް ނޫން ދުވަސްތަކުގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު ބޭނުން ކުރާނެ އެއްޗިއްސެއް ނޫނެވެ. މިއީ ކަރަންޓު ބިލް ބޮޑުވުމުގެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ.

ބިލްތަކަށް 25 އާއި 30 ޕަސެންޓުގެ ބޮޑުވުމެއް

ފަހުމީ ވިދާޅުވި ގޮތުގައި މިފަހަރު ކަރަންޓު ބިލްތައް ބޮޑުވާނެ އަނެއް ސަބަބަކީ ކަރަންޓު ބިލުގެ ބޮޑު ބައެއް ރޯދަ މަހަށް ފޯލް ވެފައިވުމެވެ.

"މިދިޔަ އަހަރުގެ ރޯދަ މަހުގެ ދެބައި ކޮޅު އެއްބައި ދިޔައީ ބިލް ދެ ބަޔަކަށް ބެހިގެން. އެކަމަކު މި ރޯދަ މަހު މި އަންނަ ކަރަންޓު ބިލަށް އެބަ އާދެ ރޯދަ މަހުގެ 19 ވަރަކަށް ދުވަސް ވަދޭ. މިހާރު ބެލެވެނީ ކަރަންޓު ބިލް 25 އާއި 30 ޕަސެންޓުގެ ބޮޑުވުމެއް އަންނާނެ ކަމަށް،" ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހޫނު ގަދަވާ ދުވަސްވަރަށް ވުމުން ބިލްތައް ފޮނުވުމުގައި ކުރިން ޗެކް ކުރާނެ އެވެ.

"ކޮންމެ މަހަކު ވެސް ރީޑިން ނަގާފަ ބިިލް ހަވާލު ކުރުމުގެ ކުރިން ކުރީ ފަސް މަހުގެ ބިލާ އަޅާ ކިޔަން. ބޮޑުނަމަ އެ ބިލް ބަލާފަ އަލުން ރީޑިން ވެސް ނަގަން. ބޮޑުވާނަމަ ކަސްޓަމަރުންނާ ވާހަކަ ދެކެވޭ. އެ ބޭފުޅުން ބޭނުންކުރާ ވަރަށްވުރެ ބޮޑަށް ބިލް އޮތްނަމަ މީޓަރު ވެސް ޗެކް ކޮށްދެން،" ފަހުމީ ވިދާޅުވި އެވެ.

މި މަހު ކަރަންޓު ބިލް ބޮޑުވާނެ ކަމަށް ބެލުނު ނަމަވެސް ތަޖުރިބާކާރުންގެ ނަޒަރުގައި ހުރިހާ ބިލަކުން މި ބޮޑުވުން ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. މި ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ބިލަށް ބޮޑުވުން ފެންނާނެ ކަމަށް ބެލެވެނީ 600 ކިލޯ ވޮޓް އިން މަތިން ކަރަންޓު ބޭނުން ކުރާ ފަރާތް ތަކަށެވެ..

ކަރަންޓު ބިލް ބޮޑުވެދާނެ ކަމަށް ބެލެވިފައިވާއިރު، މި މަހުގެ ކަރަންޓު ބިލް ކުޑަ ކުރެވިދާނެ ހެއްޔެވެ؟ ސުވާލަކީމި އެވެ. މިހާރުން މިހާރަށް މަސައްކަތް ކޮށްގެން ވެސް ބައެއް ކަންތައް ތަކަށް ވިސްނައިގެން ބިލް ކުޑަ ކުރެވިދާނެ އެވެ. އެއް ކަމަކީ ކަރަންޓު އިގްތިސޯދު ކުރަން ވިސްނުމެވެ. އާއްމުކޮށް އަހަރެމެން ގެންގުޅޭ ކަންނެތް އާދަތައް ދޫކޮށްލުމެވެ. މަތިން ކަރަންޓު ނަގާ އެއްޗިހި ވެސް ބަހާލައިގެން ޖެއްސުމެވެ. ކޮންމެ ދުވަހަކު މިކްސަރު ޖެއްސުމުގެ ބަދަލުގައި މިރުސްގަނޑު ހަފުތާއަކު އެއް ދުވަހު ނޫނީ ދެ ދުވަހަކު ފުންޑައި އެ ފްރިޖް ކުރެވިދާނެ އެވެ. އެއާކޮންޑިޝަން ބޭނުން ކުރާއިރު ވެސް އިންވާޓާ ހިޔާރު ކުރުން ވެސް މިއީ ކުރެވިދާނެ ކަމެކެވެ. އަދި ފިނި ކުރަން ހިތުލައި އެއާކޮންޑިޝަން 16 އަށް ނުލުމަކީ ވެސް ކުރެވިދާނެ މުހިންމު ކަމެކެވެ.