މޫސުން

ފުރަހަޅައިން އުތުރުހަޅައަށް އޮތް ނުރައްކާ!

މި ހާރު ރާއްޖޭގައި ހިނގަމުން މިދަނީ ހުޅަނގުން ނެއްޓި، ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުމެވެ. އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު އައްސިދަ ނަކަތާއެކު ހުޅަނގު މޫސުން ލައިގަތުމާ ހަމައަށް ރާއްޖެ އޮންނާނީ އިރުވައިގެ ތެރޭގަ އެވެ.

ދެ މޫސުން ބެދޭ ހުޅަނގުގެ "ދޮށަ" އާއި އިރުވައިގެ "މުލަ" ނަކަތް ނިމި މިހާރު މި އޮތީ އިރުވައިގެ ހަޅަ ފަށައި ފުރަހަޅަ ގޮސް އުތުރުހަޅަ ނުވަތަ އުތުރަސަލައިގެ ތެރޭގަ އެވެ. އެކަމަކު އިރުވައިގެ ހަޅައަކީ އިރުވައި މޫސުމުގެ ފެށުމެއް ނޫނެވެ. ހަޅަ ފަށަނީ ފުރަހަޅައިގެ މެދާ ހަމައިން އުތުރު ހަޅައިގެ ނިޔަލަށް ނުވަތަ ހުވަން ނަކަތުގެ ފެށުމުން ނެއްޓި މެދާ ހަމަށް ދެމޭ ދުވަސްތަކެވެ. ނުވަތަ ޖަނަވަރީން 25، 26 ވަނަ ދުވަހާ ހަމައަށެވެ. ބައެއް ނިޔަމީން މިނޫން ގޮތްގޮތަށް ވެސް ކިޔައިދެ އެވެ.

ސަރަހައްދުގައި އުފެދޭ ތޫފާނެއް، ނުވަތަ ރާއްޖެ މަތީގައި އުފެދޭ ބޯ ވިލާގެ ކޮޅިގަނޑުތަކެއް ހިމެނޭ އެކުވުމެއްގައި އަންނަ މޫސުމީ ބޮޑު ބަދަލަކާ ކުރިމަތި ނުވެ، އާންމު ހާލަތެއްގައި ރާއްޖޭގެ މޫސުމަށް އަންނަ އުތުރުހަޅައިގެ ވިލާގަނޑާއެކު މާ ވައި ބާރު ނޫން އެކަމަކު ވާރޭ ބޯ ގަދަ ކޮޅިގަނޑުތައް އާދެ އެވެ. މައިގަނޑު ގޮތެއްގައި ވައި ހުންނާނީ އިރުމަތީ ފަރާތާއި ހުޅަނގަށް ބަދަލު ވޭވެ އެވެ. ބައެއް ފަހަރަށް ސީދާ މުރިނގާއި ޖައުޒާ ގައި ވެސް ވައި ހުންނާނެ އެވެ.

އެކަމަކު ވަރަށް ގިނަ ފަހަރަށް ދިޔަވަރު ފޫދޭން ދާ ގަޑިތަކުގައި ރޯޅި އިރު އުތުރަށް ބަދަލުވެ އެވެ. ދުނިޔޭގެ ދެކުނާއި އިރުމަތީން ބައިކޮށް އިރުމަތީ ބިތް، ނުވަތަ ސަމުގާގެ އީރާނަށް ބަދަލުވެ އެވެ. އެ ހާލަތުގެ ބޯ ކެރިގަނޑުގައި ގަސްގަހާގެހި މުލުން ލުހިގެން އައުމަކީ އެކަށީގެންވާ ކަމެވެ.

އިރުވައި ހަޅައިގެ އެންމެ ބާރުގަދަ ހިސާބަކީ ޑިސެމްބަރު 23 އިން ފެށިގެން އުތުރުހަޅަ ނިމޭން ދެނެވެ. އެހެންވެ އިރުވައި ހަޅަ ހާއްސަ ވަނީ ފުރަހަޅަ އާއި އުތުރު ހަޅައިގެ ދުވަސްތަކަށެވެ.

އިރުވައިގެ ފުރަހަޅަ ފަށާއި އުތުރުހަޅައަށް ލައްވާލާއިރު އުޑުމަތީގައި ފުހާއި ކޫރުން މަދުވެފައި ސާފު ނަމަވެސް މުޅީން ވިއްސާރަ ވިލާއަށް ނުވާ ގޮތަށް "އޮއިކަޅު" ގެ މިސާލުގައި ފުސް ވިލާތަކެއް ޖަހާނެ އެވެ. އާންމު ގޮތެއްގައި މި ވިލާތައް އުޑުމައްޗަށް ޖަމާ ވާނީ އަސުރުލުމާއި ހިސާބު ނޫނީ އަސުރުން ތިރިވާ ހިސާބުގަ އެވެ. ގިނަ ވިލާގަނޑު އެއްލައި ނަމަވެސް އޮހިގަންނަ އިރު ބޯ ކެރިގަނޑަކަށް ބަދަލު ވާނެ އެވެ.

ޖަނަވަރީ 18 ހަމައަށް ގިނަ ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ކަނިވާރޭ ލައިލައި އޮވެދާނެ އެވެ. އުތުރުހަޅަ ނިމޭނީ ވެސް ޖަނަވަރީ 18 އިގަ އެވެ. އެ މުއްދަތާ ހަމައަށް ކަނޑުތަކާއި ކަނޑު އޮޅިތަކާއި ރަށްރަށުގެ ދުނިފަށުގައި އުފެދޭ ރާޅުގެ ހިމޭންކަން ގެއްލި ވަރު ނަގާފައި އޮންނާނެ އެވެ. އިރު މެދުޖެހުމާއި މެދު ދިޔައިގެ ވަގުތުތަކުގައި ރާޅު ހަފޫޓާ ގާތަށް އުފުލޭނެ އެވެ. އާންމު ގޮތެއްގައި 21.6 މިލިމީޓަރަށް ވާރޭ ވެހުމަކީ ވަރަށް ކައިރި ކަމެކެވެ.

އިރުވައި ހަޅައިގެ ތެރޭގަ ވެސް އުދަ އަރާނެ އެވެ. ގިނައިން އުދަ އަރާނީ އުތުރުގެ ރަށްރަށަށެވެ. އުދަ އެރި ނަމަވެސް ގިނަ ރަށްރަށަށް ބޮޑަށް އަރާނީ އުދައަށް ވުރެ ބޮޑަށް އުދަބާންޏެވެ. ބައެއް ފަހަރާ މޯހިރުގެ ރާޅުބައި ކަހަލަ އުސް ރާޅުތައް ނަގުލެއްގެ ސިފައިގައި ރަށާ ދިމާއަށް ގޮނޑު ވެއެވެ.

އުދަބާނީ އުފެދޭން ފަށާނީ ހަޅަ ނިމޭން ދާ ދަނޑިވަޅުން ފެށިގެނެވެ. މި ބާނީގައި އޮޑި ބަންޑުން ޖަހާލުމާއި ދޯނި ފަހަރުގެ ބަނޑުފިލާ ދިއުން -- މިހާރު ފައިބަރު އޮޑި ބިންދައިގެން ދިއުން -- ނަގިލި ކަހާލުމާއި ދިޔަ ހިލުމާއި ފަރަށް އެރުމާއި އޮޔާ ދަމައިގަތުމާއި ގެނބުން ފަދަ ނުރައްކާތެރި ހާދިސާތައް ކުރިމަތިވެ އެވެ.

ކުޑަކުދީން މޫދަށް އެރުން ރައްކާތެރިއެއް ނޫން

ފުވައްމުލަކުގައި އިއްުޔެ ގެނބިގެން ކުއްޖަކު މަރުވި ހާދިސާއަކީ އެފަދަ އުދަބާނިގަނޑެއްގައި ބޭރަށް ދަމައިގަތް ދެ ކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެނބިގެން ކުއްޖަކު މަރުވި ހާދިސާއެކެވެ. އިރުވައިގެ މި ދުވަސްވަރު، ހާއްސަކޮށް ޖަނަވަރީން 26 ވަނަ ދުވަހާ ހަމައަށް ފަތަން ނޭނގޭ މީހުނާއި ކުޑަކުދީން، ފޫދޭ ދިޔައިގައި މޫދަށް އެރި އުޅުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫނެވެ.

އެކަމަކު ހުވަން އާއި ދިނަށަ ލައިގަންނަ އިރު އިރު އުތުރުގައި ވައި ހަރުލައި މޫސުން ރީތި ވާނެ އެވެ. ނަމަވެސް ބައެއް ފަހަރު އުދަބާނި ގަދަވެ ސުވެލް ނުވަތަ ސީދާ ބާރުދަ އުދައަށް ބަދަލުވާން ފަށައި އެކަން މެދު ނުކެނޑި ސީދާ ހުޅަނގަށް ވާރުތަވާ ގޮތް ވެސް ވެއެެވެ. އެކި ފަހަރު އެކި ގޮތަށް ބަދަލުވާތީ މުޅީން ޔަގީނެއް ނުކުރެވެ އެވެ.

ފަހަކަށް އައިސް މޫސުމީ ބަދަލުތަކާއެކު އެ ގޮތަށް މެދު ކެނޑުމަކާ ނުލައި ދިގު ދެމިގެން ގޮސް މެއި ޖުން ޖުލައި އާ ހަމައަށް ދެމިގެން ހިނގައިދާނެ އެވެ. އޭރު ނަކަތް ހުންނާނީ ހުޅަނގުގެ މިއަހެލިިން ނެއްޓި އަދަ ފުނޯހުގަ އެވެ.

ހަޅައިގެތެރޭ އުތުރު ދޮވެލުން | ޖަނަވަރީ 9، 1955

ޖަނަވަރީ 9، 1955 ގައި އުތުރުގެ އަތޮޅުތަކަށް ގަދަ ވިއްސާރައެއް ޖެހުނެވެ. މިއީ 1820 ޖެހުނު ކޭލަކުނު ތަޅައިލި ބޮޑު ވިއްސާރައެއް ނޫނެވެ. އެކަމަކު މި ވިއްސާރައިގައި ކިތަންމެ ރަށެއް ހަލާކުވެ، ބައެއް ރަށްރަށުގެ ފަޅުން އާނުގަނޑު ބަދަލު ވެގެން ދިޔަ އެވެ. އެންމެ ބޮޑަށް ގެއްލުންވި ށ. އަތޮޅާއި ނ. އަތޮޅާއި ރ. މި ތިން އަތޮޅަށެވެ. މި ވިއްސާރާގައި ށ. ފިރުނބައިދޫއަށް ރާޅުއަރާ ގެއްލުންވި އެވެ. އެ އަތޮޅު މާކަނޑޫދޫއަށް ގެއްލުންވެ ގަސްގަހާގެހި ބިމާ ހަމަވި އެވެ. މުޅި ރަށުގައި ފެންބޮޑުވެ 11 ގެއެއް ހަލާކުވި އެވެ. ނ. މާފަރު އިރުމަތީ ފަރާތުން އެރި ރާޅު ހުޅަނގުން ފައިބައިގެންދިޔަ އެވެ. މިލަދޫއަށް ގެއްލުންވެ އުނަގަނޑާ ހަމައަށް ފެންބޮޑުވިއެވެ. ވެލިދޫގެ ގެތައް ހަލާކުވެ ދޯނި ފަހަރަށް ގެއްލުންވި އެވެ. ރ. ރަސްމާދޫ އާއި ރަސްގެތީމަށްވެސް ރާޅު އަރާ ބޮޑެތި ގެއްލުންވި އެވެ.

މާދަމާ ހެނދުނު 10:00 އަށް މޫސުން

މީޓީއޮރޮލޮޖިކަލް ސާވިސްގެ މޫސުމާބެހޭ ލަފާ ކުރުންތަކުގެ މިއަދުގެ ފެކްޓް ޝީޓް ދައްކާގޮތުން މެންދުރުކުރި ރައްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ނަމަވެސް މެންދުރު ފަހު މެދު އަތޮޅުތަކާއި އުތުުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށިގެންވެ އެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ރާޅު ހުންނާނީ ހަތަރު ފޫޓާ ހަމައިގަ އެވެ.

އާދައިގެ މަސްވެރިކަމެއް، ފުޅަނގި އަރާނެ

މާ ކަނޑުގައި ގަދަގަދަ މަސްވެރި ކަމެއް ނެތަސް އާދައިގެ ގޮތެއްގައި މަސްވެރި ކަމާއި އެންވެރި ކަންވެސް ރަނގަޅުވާނެ އެވެ. ކަނޑު އޮޅިތަކާއި އުރަފަށުން ނެއްޓޭ ދުނި ބޭރުގައި ކަންލި އާލާވާނެ އެވެ. އައިނަކަށް ނުވާ އެކަމަކު ބައިގަނޑު ގަނޑަށް އުޅޭ ކަންނެލިތައް ފަހައިގަތުމުން މި މޫސުމުގައި ރަށްރަށުގެ ފުއްޓަރަށް ފުޅަނގި އަރާނެ އެވެ. އާންމު ގޮތެއްގައި ފުޅަނގި ތިޔާގި ވާނީ ފުއްޓަރުން ކަނޑާ އެއްގަން ކައިރި ގާމަތީ ރަށްރަށެވެ. އެކަމަކު ފުޅަންގަކީ އިރުވައި މޫސުމަށް ނުވަތަ އިރުވައިގެ ހަޅައަށް ހާއްސަ މަހެއް ނޫނެވެ. ހުޅަނގުގައި ވެސް ފުޅަނގި އަރަ އެވެ.

މަސްވެރިކަން މި ގޮތަށް އޮންނާނީ ދިނަށާއިގެ މެދާ ހަމައަށެވެ. އިރުވައިގެ ފަސްވަނަ އެ ނަކަތް ނިމޭނީ ފެބުރުއަރީން 13 އިގަ އެވެ.