ރިޕޯޓް

ދެން މޫސުން ބަލަން މެޓަށް ގުޅާކަށް ނުޖެހޭނެ

ކޮންމެ ބަންދަކާ ދިމާކޮށް މީހުން ބަދަލުކުރުމުގެ ހަރަކާތެއް ފެނުމަކީ އާންމު ކަމެކެވެ. މާލޭގައި ދިރިއުޅޭ އާބާދީގެ ބޮޑުބައި ނައްޓާލާނީ އަތޮޅު ތެރެއަށެވެ. ކާރޫބާރު ބޮޑު މާލޭން ބޭރުވެ ކޮންމެ ވެސް ރަށެއްގެ ހިތްގައިމު މާހައުލުގައި އެއްބަޔަކު އާއިލާ ގޮވައިގެން ޗުއްޓީކޮށްލާށެވެ. އަނެއް ބަޔަކު އުފަން ރަށަށް އާއިލާއާ ބައްދަލުކޮށްލާށެވެ. އަތޮޅު ތެރެއިން ގިނަ މީހުން މާލެ އަންނާނީ ތަފާތު ބޭނުމެއްގަ އެވެ. ގިނަ ފަހަރު ރަށުން ލިބެންނެތް ހިދުމަތެއް ހޯދާށެވެ. އެކަން ގިނަ ފަހަރުވެފައި އޮންނަނީ ބަންދު ތެރޭގައި ޑޮކްޓަރަށް ދައްކާލުމަށެވެ. ތަފާތު މަގުސަދުތަކެއް ކަމުގައި ވީ ނަމަވެސް، ދެ ބައި މީހުން ވެސް ފޮށި ތަންމަތި ބަންދުކުރުމުގެ އެއް ކަމެއް ކުރެ އެވެ.

އެންމެ ފަހު ވަގުތު އެންމެން އަވަސްވެ ގަންނަނީ މެޓް އޮފީހަށް ގުޅާށެވެ. ދާން މިސްރާބުޖަހާ ހިސާބަކަށް މޫސުން ލަފާކުރެވޭ ގޮތް ބަލާށެވެ. ދަތުރު ފެށުމުގެ ކުރިން ކަނޑު ގަދަވާނެތޯ އެވެ. ވިއްސާރަކޮށް ޗުއްޓީ ފެން ވެދާނެކަމުގެ ބިރަށެވެ. ކުރިއަށް މި އޮތް ނުވަ ދުވަހުގެ އީދު ބަންދުގައި ވެސް ދެ ބައި މީހުން ވެސް ޔަގީނުންވެސް މި ކަން ކުރާނެ އެވެ. އެކަމަކު މިހާރު ޒަމާނުއްސުރެ ހޯދަން އެ ގުޅާ މައުލޫމާތުތައް މާ ފަސޭހައިން ބެލޭނެ ނިޒާމެއް މޫސުމާބެހޭ އޮފީހުން ވަނީ އީޖާދުކޮށްފަ އެވެ.

އިޓަލީ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު މެޓް އޮފީހުން މި ވަނީ ރާއްޖޭގެ މޫސުން އެންމެންގެ ފޯނުތަކާ ހަމައަށް ގެނެސްދީފަ އެވެ. ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާންމުންނާ ހަމައަށް މޫސުމީ މައުލޫމާތު ގެނެސްދިނުމަށްޓަކައި "މޫސުން" ގެ ނަމުގައި އެ އޮފީހުން ދާދި ފަހުން ވަނީ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްދީފަ އެވެ.

އަހަރުގެ އެކި ދުވަސްތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއެކު މޫސުމާބެހޭ އޮފީހުން ނެރޭ އެލާޓުތައް ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ފަދައިން އެކަހަލަ މައުލޫމާތުތައް އެންޑްރޮއިޑްގެ އިތުރުން އައިއޯއެސް ފޯނުތަކަށް ދިވެހި އަދި އިނގިރޭސި ބަހުން ލިބިގެންދާނެ ފުރިހަމަ އަދި ޒަމާނީ ނިޒާމެއް ވަނީ ގެނެސްދީފަ އެވެ.

ދެ ބަހުން ގިނަ މައުލޫމާތުތަކެއް

"މޫސުން" އެޕް ފަރުމާކޮށްފައިވަނީ އާންމުންނަށް ބޭނުންކުރަން ފަސޭހަ ޑިޒައިންއަކަށެވެ. އެއީ މެޓް އޮފީހުން ހާސިލް ކުރަން ބޭނުންވި މަގުސަދުވެސްމެ އެވެ. އެންމެ ފުރަތަމަ އެޕް ހުޅުވުމާއެކު، މޫސުމާބެހޭ އިދާރާގެ އޮފީހުން ގާއިމުކޮށްފައިވާ ފަސް ސްޓޭޝަން ހޯމް ޕޭޖުން އިހުތިޔާރު ކުރެވޭނެ އެވެ.

ހުޅުލެ، ހަނިމާދޫ، ކައްދޫ، ކާޑެއްދޫ އަދި ގަމުގެ އެ ވަގުތެއްގެ މޫސުމީ ހާލަތު ހޯމްޕޭޖުން ފެނެ އެވެ. އެއީ އެ ރަށްތަކުގެ ވައިޖެހޭ ބާރު މިނާއި މިސްރާބު، ކަނޑުގެ ހާލަތު، ފިނިހޫނުމިން، ވައިގެ ތެތްކަމުގެ އެވަރެޖް ނިސްބަތް ފެންނާނެ ގޮތަށެވެ. އޭގެ އިތުރުން ހޯމް ޕޭޖަށް ވަރަށް މުހިންމު ފީޗާއެއްވެސް ވަނީ ހިމަނައިފަ އެވެ. އެއީ މެޓުން އެއްވެސް އެލާޓެއް ނެރެފިނަމަ ހޯމް ޕޭޖުން ވަގުތުން އެލާޓް އައިކަން އެނގޭނެ ގޮތަށެވެ. އަދި އެ އައިކަންއަށް ފިތާލުމުން ސައިޑް މެނޫއިން އެއީ ކޮންކަމަކާ ގުޅިގެން ނެރެފައިވާ އެލާޓެއްކަން ބަލައިލެވޭގޮތަށް އޭގެ ތަފްސީލް ފެނެ އެވެ.

ހޯމްޕޭޖުން އިހުތިޔާރުކުރާ ސަރަހައްދެއްގެ ތަފްސީލީ މައުލޫމާތު ބޭނުންވާނަމަ، ފަސޭހައިން ބަލާލެވޭނެ ގޮތަށް ވެސް ހާއްސަ ސައިޑް މެނޫއެއް އެ އެޕްގައި ވަނީ ފަރުމާކޮށްފަ އެވެ. ވައަތުގައި އިންނަ ސައިޑް މެނޫ ސްލައިޑް ކުރުމުން، ހޯމްޕޭޖުން އިހުތިޔާރުކުރި ސަރަހައްދެއްގެ މައުލޫމާތު، ޓައިމް ޓްރެކިންގްއާއެކު އިރާއި ހަނދު އަރާ އޮއްސޭ ގަޑިތައް، ހަނދުގެ މަންޒިލް އަދި ދިޔަވަރުގެ ފުރިހަމަ ގްރާފެއް ވަނީ ހިމަނައިފަ އެވެ. އަދި އެ ސަރަހައްދަކަށް އެލާޓެއް ނެރެފިނަމަ، އެކަމެއްގެ ތަފްސީލް ސައިޑް މެނޫގެ އެންމެ މަތިން ފެންނާނެ އެވެ.

އޭގެ މާނައަކީ، އެ ސަރަހައްދަކަށް ވައި ގަދަވުން، ބޯކޮށް ވާރޭ ވެހުން، އުދަ އެރުން، އަދި އިންޑިއާ ކަނޑަށް ރިކްޓާ މިންގަޑުން ހައަކަށް އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުމާއެކު ނޫނީ ބިންހެލުމެއްގެ ސަބަބުން ރާއްޖެއަށް ސުނާމީއެއް އަންނާނެ ކަމަށް ލަފާކުރެވިއްޖެނަމަ، އެ މައުލޫމާތެއް އެލާޓެއްގެ ސިފާގައި ވަގުތުން ފޯނުން ފެންނާނެ ކަމެވެ.

ބަލައިލަން ބޭނުންވަނީ ހަމައެކަނި އެ ވަގުތެއްގެ މޫސުމާބެހޭ މައުލޫމާތު ނޫން ނަމަ، އެކަމަށް ވެސް އެ އެޕް މެދުވެރިކޮށް މެޓް އޮފީހުން ވަނީ ހައްލެއް ހޯދައިދީފަ އެވެ. އެގޮތުން، އެ ދުވަހަކާ ގުޅޭ މައުލޫމާތުތަކުގެ އިތުރުން ހޯމް ޕޭޖުން ހިޔާރުކުރި ސަރަހައްދެއްގެ ކުރިއަށް އޮތް ފަސް ދުވަހުގެ ލަފާ ކުރާ މޫސުން ފޯނުގެ ތިރީގައި އިންނަ ޓެބް ބާ މެނޫއިން ފެންނާނެ އެވެ. ލޮލަށް ފަސޭހަ ޑިޒައިނެއްގެ ދަށުން ފަރުމާކޮށްފައިވާ އެ މައުލޫމާތުތަކުގެ ތެރޭގައި އުޑުމަތީގެ ހާލަތު، ވައި، ފިނިހޫނުމިން ފަދަ މައުލޫމާތުތައް ހިމެނޭއިރު ކޮންމެ ދުވަހެއްގެ ކާޑަށް ފިތާލުމުން އެ ދުވަހު އެ ސަރަހައްދަށް އިރު ހަނދު އޮއްސޭ ގަޑިތަކާއި ދިޔަވަރުގެ މައުލޫމާތު ލިބިގެންދެ އެވެ.

ކޮންމެ ސަރަހައްދެއް ވަކިން ބަލައިލެވޭ

ހޯމް ޕޭޖުން އެންމެ ފަސް ރަށް އިހުތިޔާރު ކުރެވޭގޮތަށް އެޕު ފަރުމާ ކުރެވިފައި ވިޔަސް، އެހެން ރަށެއްގައި އުޅޭ މީހުން ވެސް މާޔޫސްވާކަށް ނުޖެހެ އެވެ. އެ މީހަކު އެވަގުތު ހުރި ރަށާއި ވީހާވެސް ކައިރި ސަރަހައްދުތަކުގެ ވާރޭވެހޭ ވަރު، ފިނި ހޫނުމިން، ކަނޑު އަދި ވައިގެ މައުލޫމާތު މަޕަކުން ފެންނާނޭހެން މެޓް އޮފީހުން ވަނީ އެޕު ތައްޔާރުކޮށްދީފަ އެވެ.

ތިރީގައި އިންނަ ޓެބް ބާ މެނޫގައި ހިމެނޭ ތިން ވަނަ ޓެބުން ފެންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ މެޓް އޮފީހުގެ އޮޓެމެޓިކް ވެދާ ސްޓޭޝަން ތަކުން އެވަގުތެއްގައި ހުންނަ މޫސުމީ މައުލޫމާތެވެ. އެގޮތުން، 36 އޮޓެމެޓިކް ވެދާ
ސްޓޭޝަންއާއެކު މުޅި ރާއްޖެ ކަވަރު ކުރެވޭ ގޮތަށް މޫސުމީ ވިޔުގައެއް އެ އެޕް މެދުވެރިކޮށް ޤާއިމު ކުރެވިފައިވޭ. އޭގެ އިތުރުން، މެޓް އޮފީހަށް އުނދަގޫނުކޮށް ނޫނީ އިތުރު ވަސީލަތެއް ބޭނުންކުރަންނުޖެހޭ ގޮތަށް ހަމަ އެ ޓެބް ބާ މެނޫގެ ތިރީ
ކައިރީގައިވާ އިތުރު މެނޫއަކަށް ފިތާލުމުން އެންމެ ފަހުގެ ރާޑަރު އަދި ސެޓެލައިޓް ފޮޓޯ ފެނެ އެވެ.

އެ އެޕަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެޕުގެ ތިރިން ފެންނަ ޓެބް ބާގެ އެންމެ ފަހު ބައިން ބިންހެލުމާއި ސުނާމީއާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު މެޕާއެކު އިތުރު މައުލޫމާތާއެކު ހިމަނާފައިވާތީ އެވެ. އެ ޓެބުން، އެންމެ ފަހުން އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަ ރިކްޓާ މިންގަނޑުން ފަހަކަށް ވުރެ ބާރުގަދަ ބިން ހެލުންތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފެނެ އެވެ.

މޫސުމާބެހޭ އޮފީހުގެ ޑިރެކްޓަރު މީޓިއޮރޮލޮޖީ އަހުމަދު ރަޝީދު ވިދާޅުވީ މި އެޕުގެ މަގުސަދަކީ މެޓް އޮފީހަށް ކޮންމެ ފަހަރަކު ގުޅަން ނުޖެހި، މަސްވެރިންނާއި ދަތުރުވެރީން، އަދި އާންމު ރައްޔިތުންގެ އަތުގައި އޮންނަ ފޯނުން ރާއްޖޭގެ މޫސުމާބެހޭ ތެދު، ސީދާ މައުލޫމާތު ލިބޭނެގޮތް މަގު ފަހި ކުރުން ކަމަށެވެ.

"މިއަހަރުގެ ދުނިޔޭގެ މޫސުމާބެހޭ ދުވަހާ ގުޅުވައިގެން މޫސުމާބެހޭ އޮފީހުން ކުރި ސާވޭގައިވެސް އެންމެ ގިނަ ބަޔަކު އެދުނީ މޫސުމާބެހޭ އޮފީހުގެ އެޕެއް ތައްޔާރު ކޮށްދިނުމަށް،" އަހުމަދު ރަޝީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މުސްތަގުބަލުގައި މޫސުމާބެހޭ އޮފީހުން ހަދާ މޮޑެލް ތަކުގެ އެނިމޭޝަން މި އެޕުގައި ހިމެނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި އެޕާ ގުޅިގެން ރައްޔިތުން ފާޅުކުރާ ހިޔާލުތަކަށް ބެލުމަށްފަހު، އިތުރު ބަދަލުތައް
ގެންނާނެކަމަށްވެސް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

މޫސުމާބެހޭ އޮފީހުގެ އުއްމީދާ އެއްގޮތަށް ރައްޔިތުންނަށް ބޭނުންތެރި އެތައް މައުލޫމާތުތަކެއް ލިބިގެންދާނެ މަގު މި އެޕާއެކު ލިބިގެންދެ އެވެ. މޫސުމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ އެކިއެކި ނުރައްކާތަކުން ސަލާމަތްވުމަށް ދުރާލައި އިންޒާރު ދިނުން ކޮންމެހެން މުހިންމުވާއިރު، މުދަލާއި ފުރާނަ ރައްކާތެރި ކުރުމަށް އެފަދަ މައުލޫމާތުތައް މުޅި ގައުމަށް އެންމެ އަވަހަށް ފޯރުކޮށްދެވޭނެ މަގު މެޓް އޮފީހުން މިވަނީ ހޯދައިފަ އެވެ.

މޫސުމާބެހޭ އޮފީހުން ވެސް ބުނާ ފަދައިން، މަސްވެރިއެއްވިޔަސް، ދަތުރުވެރިއެއް ނަމަވެސް، ކަނޑުމައްޗަށް އެރުމުގެ ކުރިން ދެން މެޓް އޮފީހަށް ގުޅާކަށް ނުޖެހޭނެ އެވެ.