މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ފަނަރަ އަތޮޅަށް އުދައިގެ އިންޒާރު

ހއ އިން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ހއ އިން ފެށިގެން ތ އަތޮޅަށް ހިމެނޭ 15 އަތޮޅަށް ވައިޓް އެލާޓް ނެެރެފައިވާ ކަމަށެވެ. އެ އަތޮޅުތަކުގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވެ ގިނަ ރަށްތަކަކަށް ދަނީ އުދަ އަރަމުންނެވެ. ފަހުގެ ތާރީހެއްގައި މިހާ ގިނަ ރަށްތަކަކަށް އުދަ އަރާފައެއް ނުވެއެެވެ. އުދަަ އެރުމުގެ ސަބަބުން ބައެއް ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.

ބައެއް ރަށްރަށުގެ 98 އިންސައްތަ ގޭގެއަށް ލޮނު ވަދެ ހިފާ ގެންގުޅޭ ގިނަ ސާމާނު ވަނީ ހަލާކުވެފައެވެ. ބައެއް އާއިލާތައް ތިބީ ވަގުތީ ހިޔާގައެވެ.

ތަފާސް ހިސާބު ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 11 އަތޮޅެއްގެ 34 ރަށަކަށް އުދަ އަރާ އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ. އެހާތަނަށް 451 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭއަށް ވަނީ ރިޕޯޓް ކޮށްފައެވެ.