ރާއްޖޭގެ މެދުއަތޮޅުތަކާއި ދެކުނުގެ ބައެއް އަތޮޅުތައް ހިމެނޭހެން ހަތް އަތޮޅަކަށް އުދަ އަރާ ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހަތް އަތޮޅެއްގެ 19 ރަށަކަށް އުދަ އަރާފައިވާ ކަމަށެވެ. އެ ގޮތުން އދ ފެންފުއްޓަށް އުދައިގެ އަސަރު ވަނީ ކޮށްފައެވެ. އުދައިގެ ރާޅުތަކާއެކު ދެ ޒުވާނަކު މޫދަށް ދަމައިގަނެ ގެއްލުނެވެ. ނަމަވެސް މިހާރު އެ ދެ ޒުވާނުން ވަނީ ފެނިފައެވެ. ފަރުވާ ދެމުންދާއިރު ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ތ އަތޮޅުގެ 8 ރަށަކަށް ވަނީ އުދަ އަރާފައެވެ. އެގޮތުން ކިނބިދޫގެ 8 ގެއަކަށް ފެން ވަދެ އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ. އެ އަތޮޅު ގުރައިދޫ މީހުން ދިރިއުޅޭ ހިސާބަށްވެސް އުދައިގެ އަސަރު ކޮށްފައިވެއެވެ. ނަމަވެސް ގޭގެއަށް ލޮނުގަނޑު ވަދެފައެއް ނުވެއެވެ.
ތ. ގާދިއްފުށީން 35 ގެއަކަށް ލޮނުވަދެ ގެއްލުން ވެފައިވެއެވެ. މަޑިފުށިން 60 ގެއަކަށް އުދައިގެ އަސަރުކޮށް ގެއްލުންވެފައިވެއެވެ.
އެ އަތޮޅު ދިޔަމިގިލިން ފަސް ގެއަކަށް ލޮނުވަދެ ގެއްލުންވީއިރު ވޭމަންޑޫއަށް އުދައަރައި 10 ގެއަކަށް ވަނީ ގެއްލުން ވެފައެވެ. އަދި ތިމަރަފުއްޓަށްވެސް އުދައިގެ އަސަރު ކޮށްފައިވެއެވެ. ތ. އަތޮޅު އޮމަދޫ 15 ގެއަކަށްވެސް އުދައިގެ އަސަރު ކޮށް ގެއްލުންތައް ލިބިފައިވެއެވެ.
އެންޑީއެމްއޭ އިން ބުނީ ލ އަތޮޅުން މާވަށަށް އުދަ އަރާފައިވާ ކަމަށެވެ. އެ ރަށުގެ ހަަތަރު ގެއަކަށް ވަނީ ގެއްލުންވެފައެވެ.
ގއ އަތޮޅުން ކޮލަމާފުއްޓާއި މާމެންދޫއަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ.
ގދ އަތޮޅުގެ ފަސް ރަށަކަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ. އެ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ މަޑަވެއްޔަށެވެ. މުޅި ރަށް އޮތީ ގާތްގަނޑަކަށް ފެނު އަޑީގައެވެ. އެ ރަށުގެ 98 ޕަސެންޓް ގޭގެއަށް ލޮނު ވަދެ ބޮޑެތި ގެއްލުންތައް ލިބުނެވެ.
އެ އަތޮޅު ފަރެސްމާތޮޑާއަށްވެސް އުދަ އެރިއެވެ. މީހުން ދިރިއުޅޭ ގެއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން ހޯނޑެއްދޫ އާއި ފިޔޯރީ އަދި ރަތަފަންދޫއަށްވެސް ވަނީ އުދަ އަރާފައެވެ.
އުދައިގެ ސަބަބުން އައްޑޫ ސިޓީގެ ރަށްތަކަށްވެސް ވަނީ ގެއްލުން ވެފައެވެ. އެންޑީއެމްއޭ އިން ބުނީ އައްޑޫ ސިޓީ މަރަދޫ 50 ގެއަކަށް ލޮނު ވަދެ އޭގެ ތެރެއިން ދެ ގެއަކުން މީހުން ބަދަލު ކުރަންވެސް ޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަދި އެ ސިޓީ މަރަދޫފޭދޫ އަށް އުދަ އަރާ ގާތްގަނޑަކަށް 30 ގެއަކަށް ވަނީ ލޮނު ވަދެފައެވެ.
ފާދިއްޕޮޅުން ކުރެންދޫއަށް ވަނީ އުދަ އަރާފައެވެ. އަދި އަތޮޅުގެ ވެރިކަން ކުރާ ނަައިފަރަށް ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައެވެ. ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.