މެދު ރާއްޖެތެރެއާއިޮ އުތުރުގެ އަތޮޅުތަކަށް އަނެއްކާވެސް ވައި ނުސާފުވެ ލޮލަށް ފެންނަ މިންވަރު ދަށްވެފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއަށް ވައި ނުސާފުވަނީ އިރުވައި މޫސުމުގައި އުތުރުން ވައި ޖެހޭއިރު، އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު އަންނަ ހިރަފުހާއި ދުމުގެ ސަބަބުން ކަމަށެވެ.
މިގޮތުން އާންމު ގޮތެއްގައި 10 ކިލޯމީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް، މިއަދު ހެނދުނު 7:00 އިން ފެށިގެން ހާއްސަކޮށް މެދު ރާއްޖެ ތެރެއަށް މި މިންވަރު އެވަރޭޖް ގޮތެއްގައި ހަތަރު ކިލޯމީޓަރަށް ދަށްވެފައި ވާކަމަށް މެޓް އޮފީހުން ބުނެއެވެ.
ދުރަށް ފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭ ވެހުން މުހިއްމު ދައުރެއް އަދާކުރެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީގެ އައިކިޔު އެއާ ވިޝުއަލް އެޕް މެދުވެރިކޮށް މިދުވަސްވަރު ރާއްޖޭގެ ވައިނުސާފުވާ މިންވަރު ބަލައިލެވޭނެ އެވެ.
ވައިގެ ކޮލިޓީ
- ރަނގަޅު މިންވަރެއް 0-50
- މެދު މިނުގެ މިންވަރެއް 51-100
- ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއް 101-150
- ސިއްހަތަށް ނުރަނގަޅު 151-200
- ވަރަށް ސިއްހަތަށް ނުރަނގަޅު 201-300
- ނުރައްކާތެރި 300+
އިރުވައި މޫސުމުގެ ގިނަ ދުވަސްތަކެއްގައި އާންމުކޮށް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ، ދުރަށް ފެންނަ މިންވަރު ދަށްވެގެން ދެއެވެ.
ވައިގެ ނުސާފު މިން މެދު މިނެއްގައި ހުންނައިރު ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުން އެކަށީގެންވާތީ ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި އުޅުން ދުރުހެލިވާންޖެހެ އެެވެ. ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއްގައި އާންމުކޮށް އެންމެންނަށް އަދި ހާއްސަކޮށް ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވުމާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނާނެ އެވެ.