ހަބަރު

މޫސުން އެޕްލިކޭޝަން ލޯންޗުކޮށްފި

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ މޫސުން ލަފާ ކުރާގޮތް ބުނެދޭ "މުސުން" އެޕްލިކޭޝަން ލޯންޗުކޮށްފި އެވެ.

އެންވާރަމަންޓް މިނިސްޓްރީގައި މިއަދު ކުރިއަށްގެންދިޔަ އެޕް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖެ އަކީ ޖަޒީރާ ގައުމަކަށް ވެފައި އެއްރަށުން އަަނެއް ރަށަށް ދަތުރު ކުރުމާއި ތަންތަނަށް ދިއުމުގައި މޫސުމަށް ބަރޯސާ ވާ ކަމަށެވެ.

އެހެންކަމުން، މޫސުމީ ބަދަލުތަކުން ރާއްޖެއަށް ދިމާވާ ގެއްލުންތަައް ކުޑަކުރުމާއި އާއްމު ރައްކާތެރިކަމަށް މި އެޕްލިކޭޝަންގެ ބޭނުން ހިފޭނެ ކަމަށެވެ.

"އެޕް އެއްގެ ސިފައިގައި ހިދުމަތްތައް ލިބެން ހުރީމަ އެލާޓްސް ތަކާ ބެހޭ މައުލޫމާތުތައް ވަރަށް ފަސޭހައިން ލިބޭނެ. ސަރަހައްދުތަކަށް ދަތުރު ކުރުމާއި މޫސުން ބަލަން ބޭނުންނަމަ އެޕްލިކޭޝަންގެ އެހީގައި ބަލާލެވޭނެ. އަދި މެޓް އޮފީހުން ދޭ މައުލޫމާތާއި އެޕްލިކޭޝަންގައި ހުންނަ މައުލޫމާތުގެ ސައްހަ ކަމަށް ބަދަލެއް ނާންނާނެ" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ލޯންޗު ކުރި މި އެޕްލިކޭޝަން ހަދާފައިވަނީ އިޓަލީ ސަރުކާރުގެ ހިލޭ އެހީގައި، މެޓް އޮފީހުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާއްމުންނަށް މޫސުމާ ބެހޭ މައުލޫމާތުތައް ގެނެސްދިނުމަށް ހިންގުނު ޕްރޮޖެކްޓެއްގެ ދަށުންނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޭނުންކުރާ ކޮމަން އެލާޓިން ޕްރޮޓޮކޯލް (ކެޕް) އެލާޓިން ސިސްޓަމް ރާއްޖޭގައިވެސް ގާއިމު ކުރުމަށް ހިންގުނު ޕްރޮޖެކްޓަކީ 22 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

"މޫސުން" އެޕްލިކޭޝަން މެދުވެރިކޮށް މޫސުމާބެހޭ އޮފީހުން ދޭ މައުލޫމާތުތައް އެންޑްރޮއިޑާއި އައި.އޯ.އެސް ބޭނުންކުރައްވާ ފަރާތްތަކަށް ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ލިބޭނެ ކަމަށް އެންވާރަމަންޓުން ބުންޏެވެ.

އެގޮތުން، އެލާޓުތަކާއި ކުރިއަށް އޮތް ފަސް ދުވަހުގެ މުސުން ލަފާ ކުރާ ގޮތް، އެންމެ ފަހުގެ ރާޑަރު އަދި ސެޓަލައިޓު ފޮޓޯތައް އަދިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ އޮޓެމެޓިކް ވެދާ ސްޓޭޝަން ތަކުން އެވަގުތެއްގައި ދައްކުވައިވާ މޫސުމީ ޑޭޓާ ވެސް ފެންނާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.