ހަބަރު

އިތުރު 24 ރަށެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ގާއިމުކޮށްފި

Jul 31, 2018
1

މޫސުމާބެހޭ މައުލޫމާތުތައް އިތުރަށް ފުޅާ ކުރުމަށް ރާއްޖޭގެ 24 ރަށެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ހަރުކުރަން ހިންގި މަޝްރޫއު ނިންމައި ބޭނުން ކުރަން ފަށައިފިއެވެ.

މި މަޝްރޫއަކީ އިޓަލީގެ ހިލޭ އެހީގައި ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. އިޓަލީ ވިލާތުގެ ސީއޭއީ ކުންފުންޏާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަސައްކަތުފެ އަގަކީ 11،877،684.92 ރުފިޔާ އެވެ.

މި މަޝްރޫއުގައި ރާއްޖޭގެ މޫސުން ބެލުމާއި، މެޓް އޮފީހުގެ އިދާރާއެއް ގާއިމްކުރެވިފައި ނެތް ސަރަހައްދުތަކުގެ މޫސުން ސީދާ ކަމާއެކު ފުރިހަމައަށް ހޯދޭނެ އެވެ.

މެޓް އޮފީހުން ބުނީ މި މަޝްރޫއުގެ ސަބަބުން މޫސުމާބެހޭ މަޢުލޫމާތު ހޯދާ ދެނެގަތުމުގެ ގާބިލުކަން އިތުރަށް ފުޅާކޮށް، މުޅި ރާއްޖެ ކަވަރު ކުރެވޭގޮތަށް "މޫސުމީ ވިޔުގަ" އެއް ގާއިމު ކުރުމަކީ ޕްރޮޖެކްޓުގެ އަމާޒެއް ކަމަށާއި މި ސްޓޭޝަން ތަކުން މޫސުމީ އެތައް މަޢުލޫމާތެއް ހޯދައި އެއް ކުރެވޭނެ ކަމަށެވެ.

އެ ގޮތުން ވައި ޖެހޭ ބާރުމިނާ ވައި ޖެހޭ ފަރާތާއި ވާރޭ ވެހުނު މިންވަރާއި ވައިގެ ތެއްކަމުގެ އެވްރެޖް ނިސްބަތާއި ފިނި ހޫނުމިނާއި އެޓްމޮސްފަރިކް ޕްރެޝާ ހިމެނޭއިރު އޭގެ ސަބަބުން މޫސުމާބެހޭ ހިދުމަތްތަކުގެ ފެންވަރު މަތިވާނެ އެވެ.

މި 24 ސްޓޭޝަން ގާއިމްކޮށް ނިންމީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި އަދަދާއެކު ރާއްޖޭގެ އޮޓޮމެޓިކް ވެދާ ސްޓޭޝަންތަކުގެ އަދަދު 54 އަށް އެރީ އެވެ.

އޮޓޮމެޓިކް ވެދާ ސްޓޭޝަން ހަރުކުރި 24 ރަށް

ހއ. ހޯރަފުށި
ހއ. ކެލާ
ހދ. ކުޅުދުއްފުށި
ށ. ކަނޑިތީމު
ށ. ފުނަދޫ
ނ. މާފަރު
ރ. މަޑުއްވަރި
ޅ. އޮޅުވެލިފުށި
ބ. ތުޅާދޫ
ބ. ގޮއިދޫ
ކ. ގާފަރު
ކ. ދިއްފުށި
ކ. ގުރައިދޫ
އއ. ތޮއްޑޫ
އއ. ހިމަންދޫ
ވ. ރަކީދޫ
ފ. ނިލަންދޫ
މ. މުލި
ތ. ބުރުނި
ލ. މާވައް
ގއ. ކޮލަމާފުށި
ގއ. ގެމަނަފުށި
ގދ. ތިނަދޫ
ގދ. ފަރެސްމާތޮޑާ

މި މަޝްރޫއުގެ ދަށުން ދ. ކުޑަހުވަދޫގައި ބަހައްޓާ ސްޓޭޝަން ހަރުކުރާނީ ކުޑަހުވަދޫ އެއާޕޯޓްގަ އެވެ. އެ ސްޓޭޝަން ހަރުކުރުމަށް އެއާޕޯޓުގައި ކަނޑައެޅިފައިވާ ބިން ތައްޔާރުވުމާއެކު އިންސްޓޯލް ކުރާނެ އެވެ.