މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވައިޓް އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.
އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އާ ހަމައަށެވެ.
މެޓް އޮފީހުން ވަނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފަ އެވެ.
މީގެ އިތުރުން ގަޑިއަކު 18 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު އުތުރުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ އެވެ. އަދި މެދުރާއްޖެތެރެ އާއި ދެކުނުގައި ރާޅުގެ އުސްމިނުގައި ފަސް ފޫޓާއި އަށް ފޫޓު ހުންނާނެ އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ މާލެއަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އެގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް މާލެއަށް 136.5 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.