މާލެއިން 30،569 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
މާލެއަށް އިއްޔެ މެންދުރުން ފެށިގެން ރޭ ދަންވަރާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން މަގުތަކުގައި ފެން ބޮޑުވެ އެތައް ބައެއްގެ އާއްމު ދިރިއުޅުމަށް ދަތިވެ، އެތައް ފިހާރައެއް ބަންދު ކުރަން ޖެހުނެވެ.
އެމްއެންޑީއެފް އިން ބުނީ އިއްޔެ ހެނދުނު 11:37 ގައި ފެން ހިންދުމަށް ފެށި އޮޕަރޭޝަން މިއަދު ހެނދުނު 8:30 ގައި ނިންމާލާފައިވާ ކަމަށެވެ.
ވާރޭވެހި މާލޭގައި ފެން ބޮޑުވުމުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ވަނީކޮށްފަ އެވެ.
އެގޮތުން ވެސްޓްޕާކާއި އައިޖީއެމްއެޗާއި ސަލްމާން މިސްކިތާއި ބޮޑުވަޅު ކައިރީގައި ޕަމްޕް ބަހައްޓައިގެން ވަނީ ފެން ހިންދާފަ އެވެ. މީގެ އިތުރުން މާފަންނު ފެރީ ޓާމިނަލް އާއި ކުޑަކުދިންގެ ބަގީޗާ އަދި ދިވެހިރާއްޖޭގެ އަޑު ސަރަހައްދުގައިވެސް ޕަމްޕް ބަހައްޓައިގެން ފެން ހިންދާފައިވެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ހުޅުލެއަށް 144 މިލިމީޓަރުގެ ވާރޭ އަދި މާލެއަށް 142.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.