ރިޕޯޓް

ތިދަނީ ޗުއްޓީއަށް، ސަމާލުވޭ

ދި ރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ސްކޫލުތަކުގެ ޗުއްޓީ އިއްޔެ ވަނީ ފެށިފަ އެވެ. ޗުއްޓީއަށް ކޮންމެވެސް ތަނަކަށް ދަތުރެއް ދިއުމަށް ކޮންމެ މީހަކުވެސް ބޭނުންވެ އެވެ. އެކަމަކު މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޗުއްޓީއަށް ފުރައިގެންދާއިރު ވިސްނަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ސަބަބަކީ މިފަދަ ދުވަސްތަކުގައި ބައެއް އެޕާޓްމަންޓްތައް ހުސްވާތީ ވައްކަން ކުރާ މީހުން ތިބެނީ އެކަމަށް ފާރަޔަށް ކަމަށްވާތީ އެވެ. އެހެންވެ ފުރައިގެން ދިއުމުގެ ކުރިން ބައެއް ކަންކަމަށް ސަމާލުވާން ޖެހެ އެވެ. ވަކިން ހާއްސަކޮށް ތިމާ ދިރިއުޅޭ ތަނާއި ގެންގުޅޭ މުދަލާއި ތަކެތި ރައްކާތެރިކުރަންޖެހެ އެވެ. އޭރުން އުފާވެރި ހިތްހަމަޖެހޭ ޗުއްޓީއެއް ހޭދަކުރުމުގެ އުފާވެސް ލިބޭނެ އެވެ.

ދިރިއުޅޭ ތަން ރަނގަޅަށް ތަޅުލުން

އެބައެއްގެ ދިރިއުޅުމުގެ ހާލަތާއި ފެންވަރާ ގުޅޭގޮތުން ކޮންމެ ގެއަކު ނުވަތަ ކޮންމެ އެޕާޓްމަންޓަކު ވެސް އަގު ބޮޑު އަދި ބޭނުންތެރި މުދަލާއި ތަކެތި ހުންނާނެ އެވެ. މުހިއްމު ލިޔެކިޔުން ފޮރުވާފައި ހުންނާނެ އެވެ. އަގު ބޮޑެތި ލެޕްޓޮޕާއި ޓީވީ އާއި ޕްލޭސްޓޭޝަން ކަހަލަ ހުންނާނެ އެވެ.

ފުރައިގެން ދިއުމުގެ ކުރިން މިފަދަ ކޮންމެ އެއްޗެއް ވެސް ރަނގަޅަށް ތަޅުލެވޭ ތަނެއްގައި ފޮރުވަން ވާނެ އެވެ. އެކަމަކު ގޭގައި ގިނަ އަދަދެއްގެ ފައިސާ ރައްކާކޮށްފައި ނުބަހައްޓާށެވެ. އަދި ފުރައިގެން ދިއުމުގެ ކުރިން ގޭގެ ނުވަތަ އެޕާޓްމަންޓްގެ ހުރިހާ ދޮރުތައް ރަނގަޅަށް ތަޅުލެވުނުކަން ޔަގީންކުރަން ވާނެ އެވެ. ވަކިން ހާއްސަކޮށް ބޭރު ދޮރާއްޓާއި ފެންލައިޓާއި ބެލްކަންޏަށް ހުންނަ ދޮރުތައް ރަނގަޅަށް ތަޅުލާން ހަނދާންކުރަންވާނެ އެވެ.

ދިރިއުޅޭ ތަން ވަރަށް ރަނގަޅަށް ތަޅުލުމަށްފަހު ބޭރު ދޮރުގެ ކައިރީގައި ބޫޓާއި ފައިވާން ބެހެއްޓުމަށް ހުންނަ ރެކެއްގައި ނުވަތަ އެތަނުން ބޫޓެއް ތެރޭގައި ނުވަތަ ދޮރުމަތީ އޮންނަ ކާޕެޓްކޮޅުގެ ދަށުގައި ވެސް ބައެއް މީހުން ތަޅުދަނޑި ފޮރުވަ އެވެ. އެއީ އެއްގޮތަކަށް ވެސް ކުރުން ރަނގަޅު ކަމެއް ނޫނެވެ. އެގޮތަށް އެކަން ކުރުމުގެ ބަދަލުގައި އިތުބާރު ހިފޭ މީހަކާ ތަޅުދަނޑި ހަވާލުކުރާށެވެ. އަދި އާދަކޮށް އެތަން ބަލައި ޗެކް ކުރުމަށް އެމީހެއްގެ ކައިރީގައި ބުނާށެވެ. ތިމާގެ މުދަލާއި ތަކެތި ރައްކާތެރިކުރުމަށް މިއީ އަޅަންޖެހޭ ފިޔަވަޅެކެވެ.

އަލިފާނުން ރައްކާތެރިކުރުން

ޗުއްޓީއަށް ފުރައިގެން ދާއިރު ދިރިއުޅޭ ތަނުގައި ގޭސް ފުޅި ހުރީ ރަނގަޅަށްތޯ ބަލާލަން ވާނެ އެވެ. ގޭސްފުޅީގެ ރެގިއުލޭޓަރު ނައްޓާލުމަށްފަހު ގޭސް ލީކް ނުވާކަން ޔަގީންކުރަންވާނެ އެވެ.

ފުރައިގެން ދިއުމުގެ ކުރިން ކޮންމެހެން ނިއްވާލަން ޖެހޭ ހުރިހާ ސްވިޗެއް ނިއްވާލައި ކަރަންޓް ކަނޑާލަން ވާނެ އެވެ. ވާރޭ ވެހިގެން ނުވަތަ ކަރަންޓް ކޭބަލެއްގައި އުޅޭ މައްސަލަ އަކުން ކަރަންޓް ޝޯޓޭޖެއް ހިނގާފާނެހެން ހީވާ އެއްވެސް ތަނެއް ހުރި ނަމަ ފުރައިގެން ދިއުމުގެ ކުރިން އެކަމެއް ރަނގަޅުކުރަން ވާނެ އެވެ.

ފެނަކީ ބިލް ކުރާ އެއްޗަކަށް ވާތީ ދިރިއުޅޭ ތަނުގައި ފެން ލީކު ނުވާނެކަން ޔަގީންކުރުންވެސް މުހިއްމެވެ. ފެން އިސްކުރުތައް ވެސް ބަންދުކޮށްލުން އެއީ ކޮށްލުން ރަނގަޅު ކަމެކެވެ.

ކާރާއި ސައިކަލް ރަނގަޅަށް ލޮކް ކުރުން

މާލޭގައި ކާރާއި ސައިކަލް އެތައް ބަޔަކު އަމިއްލަ ތަކެތީގެ ގޮތުގައި ގެންގުޅެ އެވެ. ސައިކަލާއި ކާރަކީ ކޮންމެ ދުވަހަކުވެސް ބޭނުންކުރަންޖެހޭ އަގު ބޮޑެތި އުޅަނދުތަކަކަށް ވާތީ ފުރައިގެންދާއިރު މިފަދަ އުޅަނދުތަކަށް ސަމާލުވާންޖެހެ އެވެ.

ކާރާއި ސައިކަލް ހުރީ ރަނގަޅަށް ލޮކް ކޮށްފައިތޯ ޔަގީންކުރާށެވެ. ހުންގާނާއި ދޮރުފަތާއި ޝަޓަރ ހުރީ ލޮކްކޮށްފައިތޯ އެއް ފަހަރަށް ވުރެ ގިނައިން ޔަގީންކުރަން ވާނެ އެވެ. ތަޅުދަނޑި ޖަހާފައި ނުބެހެއްޓުމަށް ވަކިން ބޮޑަށް ސަމާލުވެ ވަކިން ބޮޑަށް ހަނދާނުގައި ބަހައްޓަން ޖެހެ އެވެ.

މަގުމަތީގައި ސައިކަލާއި ކާރު ޕާކް ކުރާނަމަ އަލިގަދަ ތަނެއްގައި އަދި ސީސީޓީވީ ހުންނަ ހިސާބެއްގައި ޕާކް ކޮށްފައި ބޭއްވުން ރަނގަޅެވެ.

ޗުއްޓީއަށް ގޮސް ވިސްނާލުމަށް

ޗުއްޓީއަށް ފުރައިގެން ގޮސް ދަތުރުދާނަމަ ނުވަތަ މޫދަށް އެރޭނަމަ އަމިއްލަ ނަފްސަށް ރައްކާތެރިވާންޖެހޭނެ އެވެ. މިދުވަސްވަރަކީ މޫސުން ކޮންމެވެސް ވަރަކަށް ގޯސް ދުވަރަކަށް ވާތީ ފުރުމުގެ ކުރިން މޫސުމަށް ސަމާލުވާންޖެހޭނެ އެވެ. ދަތުުރުކުރާ އުޅަނދުގައި ލައިފްޖެކެޓް ހުރި ކަން ޔަގީންކުރަންވާނެ އެވެ.

މޫދަށް އެރޭއިރު ފަތަން ނޭނގޭނަމަ އެހީތެރިއަކާ އެކު ނޫނީ މޫދަށް ނުދާށެވެ. އަދި އެހީތެރިއަކު ހުރި ނަމަވެސް މޫދަށް އެރޭއިރު ރާޅު ހުރި ގޮތާއި އޮއިވަރުގެ ބާރު ހުރި ގޮތެއް ބަލައި ހިތާމަވެރި ހާދިސާއެއް ނުހިނގާ ގޮތަށް އަމަލުތައް ބަހައްޓަން ވާނެ އެވެ.

ޗުއްޓީއަށް ގޮސް އުޅޭއިރު ނުދަންނަ މީހުންނާ ބައްދަލުވެ، ހިއްސާކުރަން ނުޖެހޭ މައުލޫމާތު ވަކިން ހާއްސަކޮށް ފައިސާގެ މުއާމަލާތު ކުރުމަށް ބޭނުންކުރާ ވަސީލަތްތަކާއި މައުލޫމާތު ހިއްސާ ނުކުރާށެވެ.