މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީ ބަރު އުޅަނދު ނުދުއްވަން އިލްތިމާސްކޮށްފި އެވެ.
މާލެއަށް މިއަދު މެންދުރުފަހުން ފެށިގެން މެދުނުކެނޑި ދަނީ ވާރޭވެހެމުންނެވެ.
މަގުތަކުގައި ފެން ބޮޑުވެފައިވާތީ ސިފައިން ނިކުމެ ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
ފުލުހުން މިރޭ ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި ނޫނީ ނުދުއްވުމަށް އެދޭ ކަމަށެވެ.
"މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ގޭގެއަށާއި ފިހާރަތަކަށް ފެން ވަނުން ރައްކާތެރިކުރުމަށް ވެލިބަސްތާ ޖެހުމާއި ފެން ވަދެފައިވާ ގެތަކުން ފެން ހިންދުމުގަ އާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުން،" ފުލުހުން ބުންޏެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުވެސް މިރޭ ވިދާޅުވީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެން ހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ހާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ހާއްސަ ސަމާލުކަމަކާއެކު ކުރަމުންދާ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.
މެޓް އޮފީހުން މިރޭ ދަންވަރު 12 ޖެހުމާ ހަމައަށް މާލެ ސަރަހައްދަށް ނެރެފައިވާ އޮރެންޖު އެލާޓުގައިވާ ގޮތުން މި ވަގުތުގެ ތެރޭގައި މި ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ އެވެ.