ތިމާވެށި

ކޮޕް26: ރާއްޖޭގެ އަމާޒަކީ ކޮބާ؟

Nov 1, 2021

ރާއްޖެއަކީ ގުދުރަތީ ގޮތުން ލިބިފައިވާ ރީތި ކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. ރާއްޖޭގެ އިގްތިސޯދުގެ ބޮޑު ބައެއް ބަރޯސާވެފައި އޮންނަނީ މި ރީތިކަމުގެ މައްޗަށެވެ. ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތިކަމަކީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ތަނެކެވެ. ކުދި ޖަޒީރާ ރަށްތަކަކަށް އުފެދިފައިވާ މި ރާއްޖެއަކީ ވަރަށް ނާޒުކު ގައުމެކެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާ އެއް ގައުމަކީ ރާއްޖެ އެވެ. ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އަސަރުކުރަމުން އަންނައިރު ފެން ވަނީ ތަޣައްޔަރުވެފަ އެވެ. ރަށްތައް އެކި ލެވެލްގައި ގިރަމުން އަންނައިރު ކަނޑުގެ ލޮނުގަނޑު އަންނަނީ އުސްވަމުންނެވެ. މިއީ އެހެން ގައުމުތަކުގެ އަމަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކެކެވެ.

މި ހުރިހާ މައްސަލައަކަށް ހައްލު ހޯދުމަށް ސްކޮޓްލޭންޑުގެ ގްލާސްގޯގައި ފަށައިފައިވާ މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓު، ކޮޕް26 ރާއްޖެއަށް ވަރަށް މުހިންމެވެ. ތިމާވެށީގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރާއްޖެއަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކޮޕް ސަމިޓަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެކެވެ. ކޮޕް26ގެ ބައްދަލުވުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންގެ ވާހަކަތައް ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް ސަރުކާރުން ދެކެ އެވެ.

ކޮޕް26 ގެ އަމާޒުތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކަށް ހަރަދުކުރާ ފައިސާ އިތުރުކުރުމާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުގެ ބަދަލު ހޯދޭނެ ގޮތްތައް ހޯދުމާއި، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތި ވިޔަ ނުދިނުމަށް ހުރިހާ ގައުމަކުން ވެސް ފިޔަވަޅުތައް އެޅުމަށް ގައުމުތައް އެއްބަސްކުރުން ހިމެނެ އެވެ.

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ހުރިހާ ގައުމަކުން 2015 ވަނަ އަހަރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ވައުދުވެފައިވާ ގޮތަށް ފިނިހޫނުމިން އެ ވަރަށް ދެމެހެއްޓުމަށް ރާއްޖެއިން މި ސަމިޓްގައި ވަރަށް ބޮޑަށް ބާރު އަޅާނެ އެވެ.

މިއަށްވުރެ މަތީގައި ދުނިޔޭގެ ފިނިހޫނުމިން ހުންނަނަމަ، ޖައްވު ހޫނުވުމުގެ ސަބަބުން ނިކުންނަ ކާރިސާތައް އިތުރުވެ، ސިއްހީ ގޮތުން ކުރާ ނޭދެވޭ އަސަރު އިތުރުވެ، ދަނޑުތައް ހަލާކުވެ އަދި މިކަމުގެ ސަބަބުން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުމަށްވެސް ދަތިވުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ޖަށްވަށް ބޭރުކުރާ ވިހަ ގޭހުގެ ސަބަބުން ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާ މިންވަރު އިންތިހާއަށް އިތުރުވެ، ފެންބޮޑުވުމުގެ ކާރިސާތައް އިތުރުވެ، އަނެއްބައި ހިސާބުތަކަށް ވާރޭވެހޭ މިންވަރު އިންތިހާއަށް ދަށްވެގެން ހިނގައިދާނެ ކަމަށްވެސް ތަޖުރިބާކާރުން ފާހަގަކުރެ އެވެ. ރާއްޖެއަށް މިބަދަލުތަކުގެ އަސަރު މިހާރުވެސް ކުރަމުން އަންނައިރު މި މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

މޫސުމީ މައްސަލަތައް ހައްލު ކުރުމަށް އެކި ގައުމުތަކަށް 100 ބިލިއަން ޑޮލަރު ދިނުމަށް ތަރައްގީވެފައިވާ ގައުމުތަކުން 2009 ވަނަ އަަހަރުގެ ކޮޕް ސަމިޓުގައި އެއްބަސްވި އެވެ. ނަމަވެސް ގައުމުތަކުން އެއްބަސްވި ގޮތަށް މިއަދާ ހަމައަށްވެސް އަމަލުކޮށްފައި ނުވާތީ އެ ފައިސާ ދޫކުރުމަށް ވެސް ބާރުއަޅާނެ އެވެ.

ތަރައްގީވެފައިވާ ގައުމުތަކުން ޖައްވަށް ދޫކުރާ ގޭސްތައް ހުއްޓުވައި އިންސާނިއްޔަތު ކަމަށާއި އިގްތިސާދަށް އަދި ސިއްހަތަށް ދިމާވާ މުސީބާތްތަކުން ސަލާމަތްވުމަށް މި ސަމިޓުގައި އަޑުއުފުލުމަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަމާޒެކެވެ.

ރާއްޖެއިން ވަނީ 2019 ވަނަ އަހަރު ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަގްވާމީ އެހީތެރިކަމާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން ބޭރުކުރާ މިންވަރު ނެޓް ޒީރޯއަށް ހެދުމަށް އަމާޒު ހިފާފައިވާކަން އިއުލާނުކޮށްފަ އެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ރާއްޖޭގެ އިސްނެގުމާއެކު ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގައި ތަފާތު އެކި ހަރަކާތްތައް ރާއްޖެއިން އެކި ފެންވަރުގައި ދަނީ ހިންގަމުންނެވެ. ހާއްސަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ރާއްޖެއިން ދަނީ ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންނެވެ.

ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތައް މި ސަމިޓްގައި ހިއްސާކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިނިސްޓަރު ޝައުނާގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ވަފްދެއް ވަނީ ބައިވެރިވެފަ އެވެ. އިއްޔެ ފަށައިފައިވާ މި ސަމިޓް މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ސަމިޓުގައި މިފަހަރު ރާއްޖޭގެ ރައީސަކު ބައިވެރިވަނީ 12 އަހަރަށް ފަހުގައި ކަމަށް ވެސް ފާހަގަކޮށްލެވެ އެވެ.