ހިިސާން ހުސައިން

ހިސާން އުޅުއްވަނީ ވަށައި ބޮޑީ ގާޑުން ލައްވައިގެން: އީވާ

ސަރުކާރުން ފޮނުވައިގެން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި "ހިސާން ބިލު" ގެ ފަހުން އެކަމަނާ އުޅުއްވަނީ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"ހިސާން ބިލު" ގެ މަސައްކަތް ޖުޑިޝަރީ ކޮމެޓީން ނިންމައި އެ ބިލު ފާސް ކުރުމުގެ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްތައް ކުރިއަށް ދާއިރު ވެރިކަން ކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް / ޕީއެންސީން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް އެދިވަޑައިގެންނެވީ ބިލު އަނބުރާ ކޮމެޓީއަށް ފޮނުވައިގެން ދިރާސާ ކޮށް ނިންމާށެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އީވާ ވަނީ އާޒިމްގެ އެ ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑު ވެސް ހަމައެކަނި ހިތާމައަކީ ބަސް ބުނާ މީހުންނަށް އަޅުގަނޑުމެންގެ އެތެރެއިން ވެސް އަޅުގަނޑުމެންނަށް މިހެން ހަދާތީ. އަޅުގަނޑުމެންގެ ޕާލަމަންޓްރީ ގްރޫޕްތެރެއިން މިހެން ހަދާތީ. އަޅުގަނޑު ހިތާމަ ކުރަނީ،" އީވާ ވިދާޅުވި އެވެ.

އީވާ އަދި ވިދާޅުވީ އެ ބިލު ހުށަހެޅި ފަހުން ދޮޅު މަހެއްހާ ދުވަސްވެފައިވާ އިރު އެ ބިލު އަނބުރާ ފޮނުވާލުމުން ހާސިލްވާނީ އެންމެ މަގުސަދެއް ކަމަށެވެ. އެއީ ހިސާން ނުރައްކަލާއި މަރުގެ ތުންފަތުގެ މައްޗަށް ހުށަހެޅުން އެކަނި ކަމަށެވެ.

"ތުޅާދޫ ދާއިރާގެ މެމްބަރު މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީއްސުރެ އުޅުއްވަން ޖެހެނީ ބޮޑީ ގާޑުންނާއެކު. މެމްބަރުގެ އަމިއްލަ ގެކޮޅުގައި އެއް ފްލޯއިން އަނެއް ފްލޯއަށް ވަޑައިނުގެންނެވޭ ސިފައިންނާ ނުލާ. އެ ހާލަތުގައި އެ އުޅުއްވަނީ. މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ސަރުކާރުގެ އެޓާނީ ޖެނެރަލް ފިޔަވައި އެންމެ ބޭފުޅަކު ވެސް ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރަށް އެވަރަށް މަރަން މަރަން ލާދީނީ ލާދީނީ ގޮވިއިރު އެންމެ ބޭފުޅަކު ވެސް ހިސާން ދިފާއުކޮށް ނުދެއްވާ" އީވާ ވިދާޅުވި އެވެ.

ހިސާން ބިލު އަނބުރާ ފޮނުވާލަން އަލީ އާޒިމް ހުށަހެޅުއްވުމުން އެކަމާ މެދު ގޮތެއް ނިންމަން މިއަދު ވޯޓަށް އަހާނެ އެވެ.