ހިސާން ބިލު

ހިސާން ބިލު ކޮމިޓީއަށް އަލުން ފޮނުވާލަން ފާސްކޮށްފި

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހިސާން ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމަން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި އެވެ.

"ހިސާން ބިލު"ގެ މަސައްކަތް ޖުޑިޝަރީ ކޮމެޓީން ނިންމައި އެ ބިލު ފާސްކުރުމާ ގުޅޭ ގޮތުން ކުރި ބަހުސްގައި ގިނަ މެމްބަރުން ވަނީ ބިލު މިހާރު އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މީގެތެރޭގައި އެމްޑީޕީގެ މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ވެސް ހިމެނެ އެވެ.

އެހެންކަމުން އެ ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އެވެ.

އާޒިމް ހުށަހެޅުއްވި ގޮތަށް އެ ބިލު ކޮމެޓީއަށް ފޮނުވުމާ މެދު ނެގި ވޯޓުގައި ފެންނަ ކަމަށް 39 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވި އެވެ.

ބިލު ފާސްކުރުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީން ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެގޮތުން ސަރުކާރުން ބިލު ސްޕޮންސާކުރުމަށް ފަހު ބިލުގެ ދިފާއުގައި ނުނިކުންނަވައި ބިލު ހުށަހެޅުއްވި ހިސާން ނުރައްކަލަށް ހުށަހެޅުއްވި ކަމަށް އެ މެންބަރުން ތުހުމަތު ކުރެއްވި އެވެ.