ދުނިޔެ

އެމެރިކާގައި މިސްކިތްތަކަކަށް ގެއްލުންދީފި

Nov 18, 2015
2

ފެރިހުގައި ދިން ހަމަލާއަށްފަހު އެމެރިކާގައި މިސްކިތްތަކަކަށް ގެއްލުންދީފިއެވެ.

ޕެރިސް ހަމަލާއަށްފަހު ސީރިޔާއިން ހިމާޔަތަށް އެދި އެމެރިކާއަށް އަންނަ މުސްލިމް ރެފިއުޖީންނަށް ފުރުސަތު ނުދޭނެ ކަމަށް އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ގަވަރުނަރުން ބުނެފައިވާއިރު، މުސްލިމުންނާ ދެކޮޅަށް ހިންގާ ރުޅިވެރި ކަމުގެ އަމަލުތައް ވެސް ވަނީ އިތުރު ވެފައެވެ.

މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ދަ ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް" އިން ބުނީ މުސްލިމުންނަށް އެމެރިކާގައި ކުރިމަތިވާ ފިއްތުންތަކާއި ރުޅިވެރިކަމުގެ ހަމަލާތައް އެމެރިކާގެ ގިނަ ސްޓޭޓް ތަކުގައި ޕެރިސް ހަމަލާއަށްފަހު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ.

މިސްކިއްތަކަށް ދީފައިވާ ގެއްލުން ތަކަށް ބަލާއިރު، ފަރާންސްގެ އައިފްލް ޓަވަރުގެ ކުރެހުމެއް މިސްކިތެއްގެ ފާރުތަކަށް ސްޕްރޭ ކުރުމާއި، މިސްކިތައް ކުނި އެޅުމާއި ޤުރުއާން މުސްހަފްތަކަށް ގެއްލުން ދިނުން ހިމެނެއެވެ.

މުސްލިމުންނަށް އެއްޗެހި ގޮވުމާއި ބިރު ދެއްކުމާއި ޖިސްމާނީ އެކިވަރުގެ އަނިޔާ ދިނުމުގެ މައްސަލަތައްވެސް މިދުވަސްވަރު ގިދަ އަދަދަކަށް ރިޕޯޓް ކުރެވެމުން ދެއެވެ. މިގޮތުން ނަމާދު ގަޑިއަކާ ދިމާކޮށް އެމެރިކާގެ ޕޯޓްލެންޑުގެ މިސްކިތެއް ކައިރިއަށް މީހުން އެއްވެ، މުސްލިމުންނާ ދެކޮޅަށް މުޒާހަރާ ކޮށްފައި ވެއެވެ.

އެމެރިކާގައި މުސްލިމުންނާމެދު އިތުރުވަމުންދާ ރުޅިވެރިކާމާއި ގުޅިގެން އެމެރިކަން އިސްލާމިކް ރިލޭޝަންސްއިން ބުނީ އައިއެސްގެ ހަމަލާގެ ޒިންމާ މުޅި އިސްލާމީ އުންމަތުގެ ބޮލުގައި ނޭޅުވުމަށާއި އައިއެސްގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް އެންމެ ގިނައިން ވަނީ ވެސް މުސްލިމުން ކަމަށެވެ.

ޕެރިސް ހަމަލާއަށް ފަހު އެމެރިކާގެ 27 ސްޓޭޓަކުން މުސްލިމް ރެފިއުޖީންނަށް ހިމާޔަތް ދޭން ބޭނުން ނުވާކަން ހާމަކޮށްފައި ވެއެވެ. އޭގެތެރެއިން 26 ސްޓޭޓަކީ ރިޕަބްލިކަން ޕާޓީގެ ގަވަރުނަރުން ތިއްބަވާ ސްޓޭޓް ތަކެވެ. އެމެރިކާގެ ޑިމޮކްރެޓުންނަށް ނިސްބަތްވާ އޮބާމާގެ ސަރުކާރުން ގަވަރުނަރުންގެ މި ނިންމުމާ ދެކޮޅެވެ. އަދި ވަކި ދީނަކަށް ބެލުމެއް ނެތި ސީރިޔާގެ 10000 ރެފިއުޖީންނަށް ހިމާޔަތް ދިނުމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ނުގެންނާނެކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފައެވެ.