މިނިމަމް ވޭޖް

މިނިމަމް ވޭޖް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމުގެ އިޝާރާތެއް

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމުގެ އިޝާރާތެއް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދެއްވައިފި އެވެ.

މިނިސްޓަރު ފައްޔާޒު އިޝާރާތެއް ދެއްވާފައި މިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމު ކޮށްގެން މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ކުރިއަށް ގެންދިޔަ ފަންނީ ހުނަރުވެރިންގެ މަސައްކަތްތެރިންގެ ހުނަރު އިމްތިހާނުކޮށް ގައުމީ ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖަކާ ދިމާލަށް ދިއުމަށް ރާއްޖެއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް މިވަގުތު އެބަހުރި ކަމަށެވެ. ހަމަ އެހެންމެ މުޅި ދުުނިޔެވެސް އޮތީ ވަރަށް އުނދަގޫ މަރުހަލާއެއްގައި ކަން ފާހަގަކުރެއްވި އެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މިނިމަމް ވޭޖެއް އިއުލާންކުރެވިގެން ދިއުން. ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރަން. ނަމަވެސް އަލަށް ތައާރަފްކުރުމަކީ އެ ހިސާބުން ކުރިއެރުންތަކެއް ލިބޭނެ ކަމެއް." ފަޔްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް މިިދިޔަ މޭ މަހު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައަޅައި މިއަހަރު ނިމުމުގެ ކުރިން ތަންފީޒު ކުރެވޭވަރު ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާ ދޭން ޖެހެނީ ވޭޖް ބޯޑުންނެވެ. ބޯޑުގައި އިކޮނޮމިކް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރު ކަނޑައަޅާ ދެ ބޭފުޅަކު ހިމެނޭ ގޮތަށް ޖުމްލަ 11 މެންބަރުން ތިއްބަވަ އެވެ. ދެން ތިއްބަވަނީ ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ މެމްބަރުންނާއި، މަސައްކަތްތެރިން ތަމްސީލުކުރާ ފަސް މެމްބަރެކެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400ރ. އާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިވަން ވޭޖް ބޯޑުން މިދިޔަ އަހަރު އޮތީ ލަފާ ދީފަ އެވެ.

މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށް މަޖިލީހުން މިދިޔަ ސެޕްޓެމްބަރު މަހު އޮތީ ފާސްވެސް ކޮށްފަ އެވެ. އެންމެ ކުޑަ އުޖޫރަ ދެވޭނެ ސިނާއަތްތަކުގެ ގޮތުގައި މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ވަނީ ވަކި ސިނާއަތްތަކެއް ވެސް ކަނޑައަޅާފަ އެވެ. މީގެތެރޭގައި ހިމެނެނީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، ކޮންސްޓްރަކްޝަން، ދަތުރުފަތުރު، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ކުދި އަދި މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތާއި މެރިޓައިމްގެ ސިނާއަތެވެ.