ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮތް ގޮޅުމަށް ބުރޫ އަރާނެ އެއްވެސް ކަމެއް ރާއްޖޭގެ ސަރުކާރުން ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ދި ޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު ވިދާޅުވީ، ސްރީލަންކާއަކީ ރާއްޖެއާ އެތައް ގޮތަކުން ގުޅި ލާމެހިފައިވާ ގައުމެއް ކަމަށެވެ. އަދި މި ފަހުން ހިނގައި ދިޔަ ބައެއް ހާދިސާތަކާ ގުޅިގެން މީޑިއާގައި ދައުރު ވަމުންދާ ބައެއް ވާހަކަތަކަށް އިޝާރާތް ކޮށް އަލީ ނަސީރު ވިދާޅުވީ، އެކި އޭންގަލް ތަކުން ހަބަރާ ރިޕޯޓު ގެނެސް ދިނުމަކީ މީޑިއާގެ ދައުރު ކަމަށާ އެހެން ނަމަވެސް ރާއްޖެއާ ލަންކާއާ ދެމެދު އޮތް ގުޅުން ހީނަރު ވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގެ އެއްވެސް އަސްލެއް ނެތް ކަމަށެވެ.
"ސްރީ ލަންކާއަކީ ރާއްޖެއާ އެންމެ އަވައްޓެރި ގައުމު. ދެގައުމުގެ ދެމެދުގައި އެބައޮތް ވަރުގަދަ ވިޔަފާރީގެ ގުޅުމެއް. ދެގައުމުގެ ދެމެދުގައި އެބައޮތް އާންމު ފަރުދުންގެ ގުޅުން. ދެގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އެހާ ވަރުގަދަ. އެހެންވީމަ ދިވެހި ރާއްޖެއަކުން ނުކުރާނެ ދެ ގައުމުގެ ގުޅުމަށް ބުރޫ އަރާނެ އެއްވެސް ކަމެއް،" ނަސީރު ވިދާޅުވި އެވެ.
ނަސީރު ވިދާޅުވި ގޮތުގައި ސްރީލަންކާއާ އެކު ރާއްޖެއިން ގާއިމްކޮށްފައިވާ ގުޅުމަކީ ދެ ގައުމުންވެސް ވަރަށް ގަދަރު ކުރާ ގުޅުމެކެވެ. އަދި ސްރީލަންކާ އަކީ ރާއްޖެއަށް ޖެހޭ ކޮންމެ ދައްޗެއްގައި އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮންނަ އެއް ގައުމެވެ. ފިނިފެންމާ ލޯންޗުކޮޅުގައި ބޮން ގޮއްވާލި ހާދިސާއަށް ބެއްޔަސް އެކަން ހާމަވާނެ ކަމަށް ނަސީރު ވިދާޅުވި އެވެ.
" ފިނިފެންމާ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާއާ ގުޅިގެން ވެސް އެންމެ އަވަހަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދޭން އިސްނެގީ ސްރީލަންކާ އިން. އެހެންވެސް ކަންކަމުގައި ސްރީ ލަންކާއިން އަބަދުވެސް އެހީތެރި ވެދޭ. އެކަން ދެންވެސް އޮންނާނީ ހަމަ އެގޮތުގަ. އެހެންވީމަ ނޫސްތަކުގައި ރިޕޯޓްތަކުގައިޖަހާ ސްޓޭޓަސް އަށް ބަލައިގެން މި ދެގައުމުގެ ގުޅުމާ މެދު އެގޮތަށް ނުބުނެވޭނެ،" ނަސީރު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖް ހާލާ ހާމިދް ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތީ ވަރަށް ވަރުގަދަ ހަރުދަނާ ފޮރިން ޕޮލިސީ އެއް ކަމަށާއި، ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަމާޒުތަކާ އެއްގޮތަށް ސިޔާސަތު ތަންފީޒުކުރަން މިނިސްޓަރު ދުންޔާ ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރަން ޖެހޭ ކަމަށެވެ.