ފޮރިން މިނިސްޓްރީ

ފަތުހުﷲގެ ބޭފުޅުންގެ ޝުކުރު ސަރުކާރަށް!

ފޮރިން މިނިސްޓްރީ މިހާރު ހިންގަމުންދާ އިމާރާތް، ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލަށް ނަންފުޅަށް ނިސްބަތްވާ ގޮތަށް ނަން ކިޔައި ބިލްޑިންގު ހުޅުވުމުން އެމަނިކުފާނުގެ ދެ ދަރިކަނބަލުން ޝުކުރު އަދާ ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތުގެ ނަން ފަތުހުﷲ ބިލްޑިންއަށް ބަދަލު ކޮށް ހުޅުވީ މިއަދު ފޮރިން މިނިސްޓަރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ފަތުހުﷲ ބޭފުޅުންގެ ތެރެއިން ދެ ދަރިކަނބަލަކު މިއަދު ވާޗުއަލްކޮށް ބައިވެރި ވަޑައިގަތެވެ.

ފަތުހުﷲ ގެ ދަރިކަނބަލުން އިޖުލާލު ފަތުހުﷲ ޖަމީލު މިއަދު ވިދާޅުވީ ބައްޕާފުޅު ރައްޖެއަށް ކޮށްދެއްވި ހިދުމަތްތަކަކީ އަގު ނުކުރެވޭނެ ހިދުމަތްތަކެއް ކަމަށެވެ. އަދި ބައްޕާފުޅުގެ ނަން ފޮރިން މިނިސްޓްރީގެ އިމާރާތަށް ދިނުމުން ބަޔާން ނުކުރެވޭފަދަ އުފާފުޅެއް ލިބިވަޑައިގެންނެވި ކަމަށެވެ.

"ފަތުހުﷲ އަކީ ހަމައެކަނި އަޅުގަނޑުމެންގެ ބައްޕަ އެކަންޏެއް ނޫން. އެއި ރާއްޖޭގެ ޑިޕްލޮމަސީގެ ބައްޕަވެސް މެ. ބައްޕަ ހަމައެކަނި ވަގުތު ދެއްވީ އަޅުގަނޑުމެނަށް އެކަންޏެއް ނޫން. ރާއްޖޭގެ ހާރިޖީ ސިޔާސަތު އެކުލަވާލުމުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި. ހަމަ އެހެންމެ ރާއްޖޭގެ މިހާރުގެ ފޮރިން ސާވިސްއިން ގެންގުޅޭ ޕްރޮފެޝިނިލިޒަމާ މެދު ބައްފަ ފަހުރުވެރިވާނެ." ފަތުހުﷲ ގެ އެހެން ދަރިކަނބަލެއް ކަމަށްވާ މަނާލު ފަތުހުﷲ ޖަމީލް ވިދާޅުވި އެވެ.

މިހާރު ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް އެންމެ ފުރަތަމަ އިމާރާތް ކުރަން ފަށައި އެތަން ހުޅުވީ ވެސް ފަތުހުﷲ ޖަމީލުގެ ހާރިޖީ ވަރީރުކަމުގައި 2005 ވަނަ އަހަރު އެވެ. އެ އިމާރާތުގެ ޑިޒައިނަކީ ވެސް އެމަނިކުފާނުގެ ޑިޒައިނެކެވެ. އެކަން އެމަނިކުފާނުގެ ދަރިކަނބަލުން ވެސް ފާހަގަ ކުރެއްވި އެވެ

"ބައްޕަ ވަރަށް ގިނަ ރޭ ހޭދަ ކުރެއްވި ފުރާޅުގައި ލާނެ ކުލައާމެދު ވިސްނެވުމުގައި" ދަރިކަނބަލަން އިޖުލާލު ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގަތުމުން އެކަން ވެސް ފަތުހުﷲ ގެ ދަރިކަނބަލަކު ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ މިއަދު ހަގީގަތަކަށް ވެގެން ދިޔައީ ރާއްޖޭގެ ފޮރިން ސާވިސްއާ މެދު ފަތުހުﷲ ގެންގުޅުއްވި ހުވަފެނެއް ކަމަށެެވެ.