މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ކަމަށް ހުރާ ކައުންސިލްގެ ރައީސް އީސާ އަހްމަދު އިންތިހާބު ކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ހުރާ ކައުންސިލަށް އިންތިހާބުވެފައިވާ އީސަ މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ކަމަށް ހޮވުނީ ކައުންސިލްގައި ހިމެނޭ ޖުމްލަ 10 ކައުންސިލަރުންގެ ވޯޓާއެކު އެވެ. މި އިންތިހާބުގައި އެއްވެސް ކައުންސިލަރަކު އީސައާ ވާދަ ކުރައްވާފައެއް ނުވެ އެވެ.
ލާމަރުކަޒީ ގާނޫނެއް އެކުލަވާލާ މިހާތަނަށް ބޭއްވި ހުރިހާ ކައުންސިލް އިންތިހާބެއްގައި ވެސް ހުރާ ކައުންސިލަށް ވާދަކުރައްވާ ހުރިހާ ދައުރެއްގައި ވެސް އީސަ ވަނީ ހުރާ ކައުންސިލް މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި މިހާރު ހިނގަމުންދާ ދައުރާއި މީގެ ކުރިން ދިޔަ ދެ ދައުރުގައި ހުރާ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވީ އީސަ އެވެ. އޭގެ ކުރީގެ ދައުރުގައި ހުންނެވީ ހުރާ ކައުންސިލްގެ ނައިބު ރައީސްގެ ގޮތުގަ އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ގިނަ އިސްލާހުތަކާ އެކު މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ އަތޮޅު ކައުންސިލްގެ މެޖޯރިޓީ ނަގާފައި ވަނީ ޕީޕީއެމުންނެވެ. އެގޮތުން މާލެ އަތޮޅު ކައުންސިލްގައި ހިމެނޭ އެ އަތޮޅުގެ ނުވަ ކައުންސިލެއްގެ ރައީސުންގެ ތެރެއިން ފަސް ބޭފުޅުންނަކީ ޕީޕީއެމްގެ ކައުންސިލަރުންނެވެ. އަމިއްލަ ގޮތުން އިންތިހާބުވެފައިވާ ތިން ކައުންސިލަރަކާއި އެމްޑީޕީގެ ކައުންސިލަރަކު ވެސް އަތޮޅު ކައުންސިލްގައި ހިމެނެ އެވެ.
މާލެ އަތޮޅު ކައުންސިލްގެ ރައީސަކަށް ހުންނެވީ ވެސް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު އަތޮޅު ކައުންސިލަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އެ އަތޮޅެއްގައި ހިމެނޭ ރަށްތަކުގެ ކައުންސިލްތަކުގެ ރައީސުންނެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސް ހޮވަންޖެހެނީ އަތޮޅުގެ ހުރިހާ ރައްޔިތުންގެ ވޯޓުންނެވެ.
މާލެ އަތޮޅު ކައުންސިލްގެ ނައިބް ރައީސް ހޮވުމަށް އެ އަތޮޅުގެ ވެރިރަށް ތުލުސްދޫގައި މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އީސަ ވިދާޅުވީ މާލެ އަތޮޅުގެ ނައިބް ރައީސް ކަމަށް އޭނާ އިންތިހާބު ކޮށްދެއްވީތީ މަގާމުގެ މަސްއޫލިއްޔަތު އޭނާ އަށް އަދާކުރެއްވޭ އެންމެ ފުރިހަމަ އަށް އެކަން ކުރައްވާނެ ކަމަށެވެ. ކައުންސިލްގައި ހިމެނޭ ހުރިހާ ކައުންސިލަރުން ވެސް އޭނާ އަށް ވޯޓު ދެއްވާފައިވާތީ އީސާ ވިދާޅުވީ ސިޔާސީ ފިކުރަށް ބައްލަވައިގެން އެއްވެސް މީހަކު ތަފާތު ނުކުރައްވާނެ ކަމަށެވެ. އަދި މާލެ އަތޮޅުގެ ތަރައްގީއަށް ރައްޔިތުންގެ ހިޔާލާއި ފިކުރާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފަ އެވެ.
މާލެ އަތޮޅުގައި ހިމެނޭ ރަށްތަކަކީ ދިއްފުށި، ގާފަރު، ގުޅި، ގުރައިދޫ، ހިންމަފުށި، ހުރާ، ކާށިދޫ، މާފުށި އަދި ތުލުސްދޫ އެވެ.