ދުނިޔެ

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ވެސް ހައްދެއް އޮންނަން ޖެހޭ: ޕޯޕް

ކޮލަމްބޯ (15 ޖެނުއަރީ) – ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ވެސް ވަކި ހައްދެއް އޮންނަން ޖެހޭނެ ކަމަށާއި ދީންތަކަށް ފުރައްސާރަކުރެވިގެން ނުވާނެ ކަމަށް ޕޯޕް ފްރާންސިން މިއަދު ވިދާޅުވެއްޖެ އެވެ.

ފްރާންސްގެ ހަފުތާ މަޖައްލާ، ޝާލީ ހެބްދޫ އިން ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލައަކާ ގުޅިގެން އެ މަޖައްލާގެ އޮފީހަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕޯޕް މިގޮތަށް ވާހަކަ ދައްކަވާފައި ވަނީ ސްރީ ލަންކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު ފިލިޕީންސް އަށް ފުރާ ވަޑައިގަންނަވަމުންނެވެ.

"މިސާލަކަށް އަޅުގަނޑުގެ މި ގާތް އެކުވެރިޔާ، އަޅުގަނޑުގެ މަންމައާ ބެހޭ ގޮތުން ހުތުރުކަން ބޮޑުވެގެންވާ އެއްޗެއް ބުނެފި ނަމަ، ރުޅި އާދެވޭނެ. އޭނާގެ ގައިގައި ތަޅައި ވެސް ގަނެވިދާނެ،" ކައިރީގައި ހުންނެވި ބޭފުޅަކަށް އިޝާރާތްކުރައްވަމުން ޕޯޕް ވިދާޅުވި އެވެ.

"މިއީ ހަމަ އާންމު ކަމެއް. އެހެންވީމަ ގަސްދުގައި މީހަކު ރުޅިއަރުވައިގެން ނުވާނެ. އެހެން މީހަކު ގަބޫލުކޮށްގެން ހިތުގައި މަތިވެރި ދަރަޖައެއް ދީފައިވާ ކަމަކަށް ނުވަތަ މީހަކަށް ފުރައްސާރައެއް ނުކުރެވޭނެ. އެހެން މީހުންގެ ގަބޫލުކުރުންތަކަކަށް ފުރައްސާރައެއް ނުކުރެވޭނެ."

މި މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އޭނާ ވިދާޅުވީ މާތް ރަސްކަލާގެ ނަމުގައި ލޭ އޮހޮރުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ދީނަށް ފުރައްސާރަ ނުކުރެވޭނެ ކަމަށް ވިދާޅުވެ ޕޯޕް ވާހަކަ ދެއްކެވިޔަސް ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ޝާލީ ހެބްދޫ އިން ރަސޫލާ އަށް ކުރި ފުރައްސާރަ ދިފާއުކޮށްފަ އެވެ. އެންމެން ވެސް ބުނަމުން ދަނީ އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށާއި އެކަމަށް އަރައި ނުގަނެވޭނެ ކަމަށެވެ.

ނަމަވެސް ޕޯޕް ވިދާޅުވަނީ ހިޔާލުފާޅުކުރުމުގައި ވެސް ވަކި ހައްދެއް އޮންނަން ޖެހޭނެ ކަމަށެވެ.

ޕޯޕް މި މޭރުމުން ވާހަކަ ދައްކާވައިރު ފްރާންސްގެ ރައީސް ފްރާންސްވާ އޮލާންޑާ ވެސް ވަނީ މިއަދު މުސްލިމުން ދިފާއުކޮށް ވާހަކަ ދައްކަވައިފަ އެވެ. އަރަބް ވޯލްޑް އިންސްޓިއުޓްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ ފްރާންސްގައި އެހެން ދީންތަކުގެ މީހުންނަށް ފްރާންސްގައި ހިމާޔަތް ލިބޭއިރު މުސްލިމުންނަށް ވެސް އެ ހިމާޔާތް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

މުސްލިމުންނާއި ޔަހޫންދީންނާ ދެކޮޅު އަމަލުތައް ހުއްޓުމަކަށް ގެނެސް އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އަދަބު ދިނުމަށް ވެސް އޮލާންޑާ ގޮވާލެއްވި އެވެ. އޭނާ ވިދާޅުވެފައި ވަނީ އެންމެ ބޮޑަށް ފުރައްސާރަ އަމާޒުވެފައި ވަނީ މުސްލިމުންނާ ދެކޮޅަށް ކަމަށެވެ.

ރަސޫލާ އަށް ކާޓޫނު ކުރަހައި ފުރައްސާރަކުރި މައްސަލާގައި ނޫހަށް ދިން ޓެރަރިސްޓް ހަމަލާގައި 17 މީހަކު މިދިޔަ ހަފުތާގައި ފްރާންސުގައި މަރާލާފައިވެ އެވެ.