ހުޅުލެ/މާލެ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާތީ، ބްރިޖް މާލެއަށް ނިމޭ ހިސާބާ ދިމާލުގައި ހުރި ސުނާމީ ބިނާ، ލޮނުޒިޔާރަތް ކޮޅުން ލުހެލައި މާލޭގެ އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ފަށައިފި އެވެ.
ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އަޅަނީ ސުނާމީ ބިނާ ސަރަހައްދުން ފެށިގެން ހުޅުލޭގެ ރަންވޭގެ ދެކުނު ކޮޅާ ހިސާބަށް ކަަމަށާއި އެހެންކަމުން ސުނާމީ ބިނާ އެހެން ހިސާބަކަށް ބަދަލު ކުރާން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ބަދަލު ކުރާ ހިސާބެއް ހައުސިން މިނިސްޓްރީ އިން ނުބުނެ އެވެ. އެނގިފައިވާ ގޮތުގައި ސުނާމީ ބިނާ ގެންދާނީ މަޖީދީ މަގުން ހުޅަނގު ފަރާތުގެ ކޮޅަށެވެ.
އެމިނިސްޓްރީ އިން އިއްޔެ ހަވީރުން ފެށިގެން ވަނީ ސުނާމީ ބިނާ ނެގުމުގެ މަސައްކަތް ފަށާފަ އެވެ. އަދި މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ކެރޭނެއްގެ އެހީގައި ސުނާމީ ބިނާ އެސަރަހައްދުން ނަގާނެނެ އެވެ. މަސައްކަތް ހިނގަމުންދާތީ ސްނާމީ ބިނާގެ ޕްލެޓްފޯމަށް ނަރަން މިހާރު ވަނީ ބޯޑެއް ވެސް ބަހައްޓާފަ އެވެ.
ދެ ހާސް ހަތަރު ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި ސުނާމީގައި ލިބުނު ގެއްލުންތަކާއި މަރުވެދިޔަ މީހުންގެ ހަނދާނުގައި ހަދާފައިވާ ރަމްޒީ ބިނާ މާލޭގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ހައުސިން މިނިސްޓްރީ އިން ނިންމާފައވާއިރު އެ ހާދިސާގައި އެންމެ ގިނަ މީހުން މަރުވި ތ. ވިލިފުށިން ވަނީ އެރަށަށް ސުނާމީ ބިނާ ބަދަލު ކުރުމަށް އެދިފަ އެވެ.