ހައުސިން މިނިސްޓްރީގައި އަލިފާން ރޯވެ އަނދާ ހުލިވުމާ ގުޅިގެން އެ ތަނުގެ ސާވާ ސަލާމަތް ނުކުރެވިއްޖެނަމަ ގާތްގަނޑަކަށް އެ ތަނުގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާ އެއްކޮށް ގެއްލޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
މާލޭގައި އިއްޔެ ހެނދުނު ސަރުކާރުގެ ރަސްމީ ގަޑި ފެށުމުގެ ކުރިން އަލިފާން ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީ ގައެވެ. އޭގެފަހުން އަލިފާން ރޯވީ ހައުސިން މިނިސްޓްރީއާއި ޖެހިގެން ހުންނަ އެންވަޔަރަންމަންޓް މިނިސްޓްރީ ގައެވެ. އަލިފާންގަނޑު އިތުރަށް ފެތުރި އިރުގަނޑެއް ފަހުން ދެން ރޯވީ އެންވަޔަރަންމަންޓް މިނިސްޓްރީ ގައެވެ.
ދައުލަތުގެ މީޑިއާގައި މިއަދު ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވީ އެ ހާދިސާގައި "ގާތްގަނޑަކަށް ވުޒާރާގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާ އެއްކޮށް އެ ދިޔައީ" ކަމަށެވެ.
ހައިދަރު ލަފާ ކުރައްވާ ގޮތުގައި ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން އެކަން ވަނީ ވަރަށް ބޮޑު ގެއްލުމަކަށް ކަމަށާއި އޭރުން އެ ގެއްލުނީ ވަރަށް ގިނަ ލިޔެކިޔުން ކަމަށްވެސް ވިދާޅުވި އެވެ.
"ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އަޅުގަނޑުމެން ކުރަމުން ގެންދިޔަ ހުރިހާ މަޝްރޫއުއެއްގެ މައުލޫމާތެއްވެސް ރައްކާކުރެވިފައި ހުންނާނީ ސާވާގައި. ސާވާއަށް އެކްސެސް ނުލިބޭ ކަމަށްވާނަމަ އެ މައުލޫމާތު އަލުން ހޯދޭނެ ގޮތެއް ނެތް،" ހައިދަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގައި ރޯވެ އަނދާ ހުލިވުމާ ގުޅިގެން ގިނަ ލިޔެކިޔުންތަކެއް ގެއްލުމުގެ ބިރު އޮތް ނަމަވެސް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ލިބުނު މީހުންގެ ލިސްޓް ސަލާމަތް ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ގޯއްޗާއި ފްލެޓް ލިސްޓް ރައްކާކޮށްފައިވަނީ ކްލައުޑް ހޯސްޓިން ގައެވެ.