ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

ތިނަދޫގައި އެކްޓިވް 85 ކޭސް

Jul 21, 2021

ކޮވިޑް-19ގެ ހާލަތު އެންމެ ގޯސް އެއް ރަށް ކަމުގައިވާ ގދ. ތިނަދޫގައި މިވަގުތު ބަލި ޖެހިފައި ތިބީ 85 މީހުންނެވެ.

ތިނަދޫ މޮނީޓަރިން އަށް ލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ތިން މަސް ތެރޭގައި އެރަށުން 909 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރެއިން 822 މީހަކު މިހާރު ވަނީ ބަލިން ރަގަޅު ވެފަ އެވެ. އަދި ދެ މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

އެރަށުން އިއްޔެ 15 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މިހާތަނަށް ނެގި ސާމްޕަލްތަކުގެ ތެރެއިން 135 މީހުންގެ ނަތީޖާ އަދި ނުލިބެ އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ސައީދު ކުރިން އަވަސް އަށް ވިދާޅުވެފައިވަނީ ރަށުގައި ޓެސްޓް ހެދޭނެ ވަސީލަތެއް ނެތް ކަމަށާއި ހަމައެކަނި ހުރި މެޝިނަކީ ޖީން އެކްސްޕާޓް - ބަލީގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓު ކުރެވޭ މެޝިނެއް ކަމަށެވެ. އެހެންކަމުން ސާމްޕަލްތަކުގެ ނަތީޖާ ލިބެނީ 72 ގަޑިއިރު ތެރޭގައި ނުވަތަ އޭގެ ފަހުން ކަމަށެވެ.

އެރަށުގައި ބަލީގެ ހާލަތު އެންމެ ގޯސްވި ދުވަސްތަކުގައި ތިނަދޫގައި ވަނީ 24 ގަޑިއިރު ކާފިއު ހިންގާފަ އެވެ. ބޭރަށް ނުކުމެވެނީވެސް ހަފްތާއަކު އެއްފަހަރު އެއް ގެއިން އެކަކަށް، އެއް ގަޑިއިރަށެވެ. ނަމަވެސް މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެރަށުން ވަނީ ލުއިތަކެއް ދީފަ އެވެ.

އެގޮތުން ޕޮލިސް ޕާމިޓާ ނުލައި ޖަމާއަތަށް ނަމާދަށް ދާން ހުއްދަ ދިނުމާއި ގައިދުރުކަމާ އެކު ޖަމާއަތުގައި ނަމާދުކުރަން ވަނީ ހުއްދަ ދީފަ އެވެ. ފަތިހު 5:30 އިން 6:30 އަށް ޕޮލިސް ޕާމިޓާ ނުލައި ކަސްރަތު ކުރަން ބޭރަށް ނުކުންނަން ވެސް މިހާރު ވަނީ ހުއްދަ ދީފަ އެވެ. އަދި ތިނަދޫ ކައުންސިލް އިދާރާގެ ކޮވިޑް-19 ސޯޝަލް ސަޕޯޓް ހެލްޕް ޑެސްކުން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން މަސްވެރިކަން ކުރަން ވެސް އުޅަނދުތަކަށް ވަނީ ހުއްދަ ދީފަ އެވެ.

ގދ. އަތޮޅުގެ އެހެން ރަށްރަށަށް ބަލާއިރު ހޯޑެއްދޫގައި މިވަގުތު ކޮވިޑް ބަލިޖެހިފައި ހުރީ އެންމެ މީހެކެވެ. ނަޑެއްލާއިން މިހާތަނަށް 89 މީހަކަށް ބަލި ޖެހިފައިވާއިރު އެކްޓިވް ތިބީ 86 ކޭސް އެވެ. އެރަށުން އިއްޔެ ވަނީ 59 މީހަކު ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.