ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

ތިނަދޫގައި ހަތް ދުވަހަށް ކާފިއު ހިންގަނީ

Jan 25, 2022

ކޮވިޑް-19 ގެ ހާލަތު ގޯސްވަމުން އަންނާތީ ގދ. ތިނަދޫގައި ހަތް ދުވަހަށް ކާފިއު ހިންގަން ފަށައިފި އެވެ.

ތިނަދޫ ކައުންސިލުން ބުނީ ކޮވިޑްގެ ހާލަތު ރަށުތެރޭގައި ގޯސްވުމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހު، ހަތް ގަޑިއިރަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެރަށުގައި ކާފިއު ހިންގާނެ އެވެ.

އެ މުއްދަތުގައި ކާފިއު ހިންގާ ގަޑީގައި ބޭރަށް ނިކުމެވޭނީ ޒަރޫރީ ބޭނުންތަކަށް، ފުލުހުން ދޫކުރާ ޕޮލިސް ޕާމިޓާ އެކީ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

އިތުރަށް އެރަށުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމާއި، ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތު ހަރަކާތްތައް ހިންގުން ވަނީ ކުރިއަށް އޮތް ހަތް ދުވަހަށް މަނާކޮށްފަ އެވެ.

ބޮޑު އާބާދީއެއް އޮންނަ ތިނަދޫގެ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެރަށުގައި 161 އެކްޓިވް ކޭސް އެބަ އުޅެ އެވެ. އިއްޔެ ވަނީ އަލަށް 48 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. ހާލަތު ގޯސްވުމާ ގުޅިގެން ތިނަދޫ އޮތީ އެޗްޕީއޭގެ ބަންދުގަ އެވެ.