ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

ޕޮޒިޓިވް މީހަކު ތިނަދޫގެ އީދު ޖަމާއަތަށް ދިޔަ މައްސަލައެއް

ގދ. ތިނަދޫ މަސްޖިދު މަރިޔަމްގައި އީދު ދުވަހު އީދު ނަމާދުގެ ޖަމާއަތް ކުރިއަށް ދަނިކޮށް އެ ޖަމާއަތަށް ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީން ކޮށްފައި ހުރި މީހަކު ދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އީދު ނަމާދުގެ ހުތުބާ ކިޔަމުން ދަނިކޮށް ކޮވިޑަށް ޕޮޒިޓިވް އެ އަންހެން މީހާ މިސްކިތަށް ވަދެފައިވަނީ ކުޑަ އަންހެން ކުއްޖަކު ގޮވައިގެންނެވެ. އެ މީހާ ވަނީ އަތުން އެކި ހަރަކާތްތައް ކުރަމުން ސަފުތައް ކައިރިން އިމާމާ ކައިރިއަށް ގޮސް ހުއްޓި ހުރެ އަތުން އިޝާރާތްތަކެއް ކޮށްފައެވެ.

ތިނަދޫ ހޮސްޕިޓަލުން މިރޭ ބުނީ މަސްޖިދު މަރްޔަމް މިސްކިތުގައި އަލްހާ އީދު ނަމާދު ކުރަމުން ދަނިކޮށް އެ މިސްކިތަށް ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ގޮސްފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން މަރިޔަމް މިސްކިތަށް ދިޔަ މީހުންގެ ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މާދަމާ މެންދުރު ދެއަކުން ފެށިގެން 3:30 އަށް ހޮސްޕިޓަލްގެ ގޯތިތެރޭގައި ރެންޑަމް ސާމްޕަލް ނެގުމަށް ވަނީ ނިންމާފައެވެ.

ތިނަދޫއަކީ މި ފަހުން ކޮވިޑްގެ ހާލަތު އެންމެ ގޯސްވި އެއް ރަށެވެ. އެ ރަށުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަޅުތަކެއް އެޅިއެވެ. ގިނަ ދުވަސްތަކަކަށް ފަހު އެ ފިޔަވަޅުތައް ލުއި ދީފައިވަނީ ދާދި ފަހުންނެވެ. ތިނަދޫގައި އެކްޓިވް ކޭސްގެ އަދަދަކީ މިހާރު 77 އެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ޕޮޒިޓިވް ވެފައިވަނީ ހަތަރު މީހެކެވެ. މިއަދު ބަލިން ރަނގަޅުވީ ނުވަ މީހެކެވެ. ތިނަދޫ އިން ދެ މީހަކު ކޮވިޑްގައި މަރުވެފައިވެއެވެ.

އެ ރަށުން މުޅި ޖުމްލަ ބަލި ޖެހުނީ 921 މީހަކެވެ. އެއީ އަތޮޅުތެރޭގެ ރަށަކުން އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު އެއް ރަށެވެ. މިހާތަނަށް 842 މީހަކު ވަނީ ބަލިން ރަަނގަޅުވެފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ފުރަތަމަ ޑޯޒް 3،854 މީހަކު ޖަހާފައިވާއިރު 2،886 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.