މަސައްކަތް ތެރިންނަކީ ކޮބައިތޯ؟ އާދެ! ކޮންމެ މީހަކަށްވެސް ކޮންމެވެސް ހުނަރެއް ލިބިފައިވާނެއެވެ. އަދި އެ ހުނަރުގެ ބޭނުން ކުރާނެކަން ޔަޤީނެވެ. އެހެންކަމުން އަޅުގަނޑުގެ ނަޒަރުގައި ހަމަ ކޮންމެ މީހަކީވެސް މަސައްކަތްތެރިއެކެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ މަސައްކަތްތެރިންނެވެ. ޤައުމު ހިންގަނީ މަސައްކަތްތެރިންނެވެ. ޤައުމު ކުރިއަރައި ދަނީ މަސައްކަތްތެރިންގެ ފުރިހަމަ ބައިވެރިވުމާއިއެކުއެވެ. ކޮންމެއަކަސް، މަސައްކަތެއްކުރުމަށް ކިތަންމެ މޮޅެތި މެޝިނަރީސްތައް ހުއްޓަސް، މަސައްކަތްތެރިންނާއި ނުލައި އެއްވެސް މަސައްކަތެއް ފުރިހަމައެއް ނުކުރެވެއެވެ. އަދި އެ މަސައްކަތުގެ ހައްޤު މިންވަރު ނުލިބޭނަމަ ކުރިއެރުމެއް ނުވެއެވެ.
ޙައްޤުތަކުގެ ވާހަކަ ދައްކާއިރު، އެބައެއްގެ ޙައްޤުތައް އެންމެ ބޮޑަށް ލިބެންޖެހޭ އެއްބަޔަކީ މަސައްކަތްތެރީންނެވެ. މިހާރު އަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ބަލާލާއިރު، މަސައްކަތްތެރީންނަށް ވަކި ޚާއްސަ ޙައްޤުތަކެއް ލިބިދީފައިވެއެވެ. މިގޮތުން ޤާނޫނު އަސާސީގެ 30 ވަނަ މާއްދާއިން މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމްޢިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ޙައްޤު ލިބިދީފައިވާއިރު، 31 ވަނަ މާއްދާގައި އިޙްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ޙައްޤު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރީންނަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން 37 ވަނަ މާއްދާގައި ހަމަހަމަކަމާއެކު މުއާމަލާތު ކުރެވޭ، ރައްކާތެރި މާހައުލެއްގައި މަސައްކަތްކުރުމާއި، ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބުމާއި، ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖެއިން ބައިވެރިވެ އެއަށް އަމަލުކުރުމަށް އެއްބަސްވެފައިވާ އިންޓަރނޭޝަނަލް ލޭބަރ އޮގައިނައިޒޭޝަންގެ 87 ވަނަ މުއާހަދާ (ފްރީޑަމް އޮފް އެސޯސިއޭޝަން އެންޑް ޕްރޮޓެކްޝަން އޮފް ދަ ރައިޓް ޓް އޯގަނައިޒް ކޮންވެންޝަން 1948) އަދި 98 ވަނަ މުއާހަދާ (ރައިޓް ޓު އޯގަނައިޒް އެންޑް ކަލެކްޓިވް ބާގެއިނިން ކޮންވެންޝަން 1949) އިން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުން ލާޒިމުކުރެއެވެ.
އިސްވެދެންނެވުނު ޙައްޤުތައް އެފަދައިން ލިބިގެންވާކަމަށް ލިޔެވިފައި އޮތްކަމުގައި ވީނަމަވެސް، ހަޤީޤަތުގައި މިޙައްޤުތައް ލިޔެވިފައިވާ ގޮތަށް ލިބެމުންދޭތޯ މިއީ އުފެދޭ ސުވާލެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަކީ 2008 ވަނަ އަހަރު ވުޖޫދަށްއައި ޤާނޫނު އަސާސީއެއްކަމަށް ވާއިރު، މިޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފައްދައި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވެ އުޅުމުގެ ހައްޤު އަދި ޤާނޫނީ ރައްކާތެރިކަން ފުރިހަމައަށް ލިބިދީފައެއް ނުވެއެވެ. ޤާނޫނުތަކުގައި ޙައްޤެއް ލިބޭނެކަމަށް ލިޔެފައި އޮތަސް އެ ޙައްޤު ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި އެކަން ތަންފީޛުކުރަންޖެހޭ ފަރާތްތަކުން ޛިންމާ އަދާނުކުރާނަމަ، ޤާނޫނެއްގެ ބޭނުމެއް ނޯންނާނެއެވެ.
މަސައްކަތްތެރީންނާ މަސައްކަތްކުރުވާ ފަރާތުގެ ސިނާއީ ގުޅުމުގެ މުހިންމުކަން
ތަނެއް ކުރިއަރައި ދާނީ އެތަނެއްގައި މަސައްކަތްކުރާ އެންމެހައި ފަރާތްތައް ގުޅިގެން އެއް މިސްރާބަކަށް މަސައްކަތްތައް ބައްޓަންކުރެވިގެންނެވެ. އަދި އެއް މިސްރާބަކަށް މަސައްކަތްކުރެވޭނީ އެތަނެއްގައި އުޅޭ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިވެ، އެ ބަދަހިކަން އުފެއްދުންތެރި ގުޅުންތަކަކަށް ވެގެންނެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސް އަކީ ވަޒީފާދޭ ފަރާތާ ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ ސިނާއީ ގުޅުންތަކެވެ. އަދި އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނެއްގެ ތެރެއިން ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކުގެ ބައިވެރިވުން ހިމެނިގެން މަޝްވަރާގެ ތެރެއިން ކަންކަން ހައްލުކުރުމުގެ ނިޒާމެއް ޤާއިމުވެގެންދާނެއެވެ.
އާންމު އުޞޫލެއްގެ ދަށުން މަސައްކަތްކުރާ ފަރާތްތަކަކީ އެތަނެއްގައި ހެދިފައިވާ ޤަވާއިދުތަކަށް ބޯލަބަންޖެހޭނެ ބައެކެވެ. މިހެން މިކަން އޮތުމުގެ ސަބަބުން ޙައްޤުތައް ގެއްލިގެން ދިއުމާއި، ވަޒީފާގެ މާހައުލުގައި ތަހައްމަލްކުރަންޖެހޭ ނުރަނގަޅު ކަންކަމުގެ ޝިކާރައަކަށް މަސައްކަތްތެރީން ވެގެން ދެއެވެ. މަސައްކަތްތެރީންގެ އިސްވެދެންނެވުނު މަޤާމުގެ ސަބަބުން އޭގެ ނާޖާއިޒު ފައިދާ މަސައްކަތްކުރުވާ އެއްވެސް ފަރާތަކުން ނެގުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ބަލައިގަނެވޭނެ ކަމެއްކަމަކަށް ނުވެއެވެ. މަސައްކަތް ގެއްލިދާނެ ކަމުގެ ބިރަށް މަސައްކަތު މާހައުލުގެ ރަނގަޅު ނޫންކަންކަން ބަރުދާސްތު ކުރުމަކީ އިއްޔެއަކު މިއަދަކު ހިނގާ ކަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް ބައެއް ދާއިރާ ތަކުގައި މިކަން ހިނގާލެއް ގިނައެވެ.
މިފަދަ ހާލަތްތަކުގައި އިންޑަސްޓްރިއަލް ރިލޭޝަންސް ރަނގަޅުގޮތުގައި ދެމެހެއްޓިފައިވާނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ބާރު އެޅޭނެއެވެ. އަދި އިޤްތިޞާދީ ގޮތުން މަސައްކަތްތެރިން ކުރިއަރައި ދިއުމަށް އިތުރު ބާރަކަށްވާނެއެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސްގެ ސަބަބުން ރައްކާތެރިކުރެވެނީ ހަމައެކަނި މަސައްކަތްތެރިންގެ ޙައްޤުތަކެއް ނޫނެއެވެ. މަސައްކަތްތެރިންގެ ހައްޤުތަކުގެ އިތުރުން ވަޒީފާދޭ ފަރާތުގެ ޙައްޤުތައްވެސް ރައްކާތެރިކުރެވެއެވެ. އެގޮތުން ވަޒީފާ އަދާކުރާ ފަރާތާއި މަސައްކަތްތެރިންނާ އޮންނަ ގުޅުން ރަނގަޅު ނަމަ، މަސައްކަތު މާހައުލުގައި މަސައްކަތުގެ ތެރެއިން ދިމާވާ އެކިއެކި ކަންކަން ހައްލުކުރެވޭނެއެވެ. އަދި މީގެ ސަބަބުން ބޭކާރު ގޮތުގައި އުފެދިދާނެ ދެބަސްވުންތަކުން ރައްކާތެރިވެވި، މަސައްކަތާ ގުޅިގެން ކުރެވޭ އިހުތިޖާޖުތަކާއި، ހަޅުތާލުތައް ނައްތާލެވި ނުވަތަ މަދުކުރެވިގެންދާނެއެވެ. މިކަންކަމުގެ ނަތީޖާއަކީ ވަޒީފާދޭ ފަރާތުގެ އަގުހުރި ވަގުތާއި ޚަރަދު ސަލާމަތްވެ އެފަރާތުގެ ވިޔަފާރި ކުރިއަރައިގެން ދިއުމަށް ބާރުލިބުމެވެ. ނުވަތަ އެތަނަކުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދިއުމެވެ.
މަސައްކަތްތެރިންނާ މަސައްކަތް ކުރުވާ ފަރާތުގެ ދެމެދުގައި ހިނގާ ހަމަނުޖެހުންތަކުގައި އެކަމުގެ ގެއްލުން ލިބެނީ ހަމައެކަނި މަސައްކަތްތެރިންނަކަށް ނޫނެވެ. އަދި ހަމަ އެކަނި ވަޒީފާދޭ ފަރާތަކަށްވެސް ނޫނެވެ. ހަމަނުޖެހުންތައް ހިނގާއިރު އެކަމުގެ ގެއްލުން މުޅި މުޖުތަމައުއަށް ކުރެއެވެ. މިގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހު ބ. ބޮޑުފިނޮޅުގައި ހިނގާ ދިޔަ ހާދިސާއަކީ މީގެ މިސާލެކެވެ. ކުރެވުނު މަސައްކަތަށް ލިބެންޖެހޭ އުޖޫރަ ނުލިބި، ވަޒީފާދިން ފަރާތުގެ އެއްބާރުލުން އެކަމުގައި ނުލިބި، މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްތެރިން ނިކުތް ނިކުތުމުގެ ކޮޅެއް މެދެއް އަދިވެސް ފެނިފައިނުވާއިރު، މަސައްކަތްތެރިންނަށް އެމީހުންގެ ހައްޤު ނުލިބި އަދި އެކަމުގެ ސަބަބުން ދައުލަތާ އަދި އެކަމުގައި ހިމެނޭ އެތައް ފަރާތެއްގެ އަގުހުރި ވަގުތުތަކާ ޚަރަދެއް އެކަމަށްވަނީ ހޭދަވެގެން ގޮސްފައެވެ. އެއީ މަސައްކަތްތެރީންނާ ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ޖެހޭ ހަމަނުޖެހުންތަކުގައި މުޅި މުޖުތަމައު އެކަމުގެ ވޭން ތަހައްމަލު ކުރަންޖެހޭ ކަމުގެ މިސާލެކެވެ. އަދި އެއީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރަން ވެއްޖެކަމަށް ހެކިދޭ ''ވޭކްއަޕް'' ކޯލެކެވެ.
އިންޑަސްޓްރިއަލް ގުޅުންތައް ކުރިއަރައި ދާއިރު، މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ޖަމްއިއްޔާތައް އުފެދިގެންދާނެއެވެ. މިގޮތުން ކަންކަމުގައި ވަކި ވަކި މަސައްކަތްތެރިން ނިކުމެ އަޑު އުފުލުމުގެ ބަދަލުގައި އެފަރާތްތަކުގެ އަޑު އުފުލައި ދޭނެ، ޙައްޤުތައް ހިމާޔަތްކުރުމަށް ގޮވާލާނެ ބަޔަކަށް މިޖަމްއިއްޔާތައް ވެގެންދާނެއެވެ. މިކަމުގެ ސަބަބުން ވަކި ވަކި މަސައްކަތްތެރިން މަސައްކަތު މާހައުލުގައި ލޭބަލްވެ، ޓާގެޓަކަށް ވުމުގެ ރިސްކް ކުޑަވެގެންދެއެވެ. އޭރުން ވަޒީފާދޭ ފަރާތްތަކާ ކުރިމަތިލާންޖެހޭނީ އަމިއްލަ އައިޑެންޓިޓީ އެއް ލިބިގެންވާ އަމިއްލަ ޙައްޤުތަކަށް ވަކާލާތު ކުރަން ދަންނަ ހައްޤު މިންވަރު ހޯދަން މަސައްކަތްކުރަން ކެރޭ ވަކި އުޞޫލުތަކެއްގެ ދަށުން ތަރުތީބު ވެގެންވާ ފަރާތްތަކަކާއެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނަކުން އަންނާނެ ކަންތައްތަކަކީ ކޮބާ؟
މިހާރު ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ މަސައްކަތްތެރިންގެ ޖަމްއިއްޔާތަކާ ވަޒީފާދޭ ފަރާތުގެ ޖަމްއިއްޔާތަކަކީ ޤާނޫނު ނަންބަރު 2003/1 (ޖަމްއިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓަރ ކުރެވިގެން ހިންގަމުންދާ ޖަމްއިއްޔާތަކެކެވެ. އެހެންކަމުން މަސައްކަތްކުރާ ފަރާތްތަކާ ވަޒީފާދޭ ފަރާތްތަކުގެ ޙައްޤުތައް އޭގެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމަށް ބޭނުންވާ ނިޒާމުތަކާ އެޙައްޤުތައް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ޤާނޫނީ ބާރު އަދި ރައްކާތެރިކަން މިޖަމްއިއްޔާތަކަށް ލިބިގެނެއް ނުވެއެވެ. އޭގެ ސަބަބުން ޙައްޤުތައް ހޯދުމަށް ވަކާލާތުކޮށް، އެދެެވޭ ގޮތުގައި މަސައްކަތު މާހައުލުގައި ހަރަކާތްތެރިވުން ވަރަށް ބޮޑަށް ވަނީ ހިފެހެއްޓިފައެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނެއްގެ ބޭނުމަކީ ކޮބައިތޯ ބަލާލާއިރު، މިފަދަ ޤާނޫނަކުން މަސައްކަތްތެރިންގެ ޖަމްއިއްޔާތައް ނުވަތަ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޖަމްއިއްޔާތައް ރަޖިސްޓަރ ކުރެވި، މިޖަމްއިއްޔާތަކުގެ މެންބަރުންނަށް ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ވެސް ކަށަވަރުކުރެވިފައިވާ މަސައްކަތްތެރިންގެ ހައްޤުތަކުގެ ތެރެއިން ހިމެނޭ މުހިންމު ހައްޤުތަކެއްކަން ފާހަގަކޮށްލެވެއެވެ. މިފަދަ ޤާނޫނަކުން ވަޒީފާދޭ ފަރާތްތަކާ ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އޮންނަންޖެހޭ ގުޅުން ބަދަހިވެ ކުރިއަރައިގޮސް، ޖަމްއިއްޔާތަކުގެ މެދުގައި ކަލެކްޓިވް ބާގެއިނިންގ ނިޒާމެއް ޤާއިމުވެގެންދާނެއެވެ. މިއީ އިންޑަސްޓްރިއަލް ގުޅުމުގެ ތެރެއިން އުފެދޭ ދެބަސްވުންތައް ހައްލުކުރުމަށް އަމަލުކުރާނެ ހަރުދަނާ ނިޒާމަކަށް ވެގެންދާނެއެވެ. އަދި މިކަމުގައި ސަރުކާރުގެ ފުރިހަމަ ބައިވެރިވުން ހިމެނޭ "ޓްރައިޕާރޓައިޓް ލޭބަރ ޑައިލޮގް" އެއް ޤާއިމުވެގެންދާނެއެވެ. "ޓްރައިޕާރޓައިޓް ލޭބަރ ޑައިލޮގް" އަކީ މަސައްކަތްތެރިން ތަމްސީލްކުރާ ފަރާތްތަކާއި، މަސައްކަތްކުރުވާ ފަރާތްތައް ތަމްޞީލުކުރާ ފަރާތްތަކާ ސަރުކާރު ތަމްސީލްކުރާ ގޮތުން ތިން ފަރާތް ބައިވެރިވާގޮތަށް ބޭއްވޭ މަޝްވަރާއެވެ. އަދި މިއީ ހުޅުވިފައިވާ ދީމިގްރާތީ ޤައުމުތަކުގައާއި އަދި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އަސާސީ ކޮންވެންޝަންތަކުންވެސް މިފަދަ ކަންކަމުގައި މަޝްވަރާ ކުރުމުގައި އަމަލުކުރާ ނިޒާމެވެ. މިގޮތުން، ސަރުކާރާއި، ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭފަރާތްތަކުގެ ޖަމިއްޔާގެ މެދުގައި މަޝްވަރާކުރުމާއި، ނެގޯޝިއޭޓްކުރުމާއި، ކޮންސަލްޓް ކުރުމާއި، މަޢުލޫމާތު ބަދަލުކުރުމުގެ ދޮރުތައް މިނިޒާމުގެ ތެރެއިން ހުޅުވިގެންދާނެއެވެ. މިކަންކަން މެދުވެރިކޮށް އިންޑަސްޓްރީގައި، ނުވަތަ މަސައްކަތުގެ މާހައުލުގައި އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން އިތުރުވެ މައްސަލަތައް އެފެދުން މަދުވެގެންދާނެކަމީ ޔަގީންކުރެވޭ ކަމެކެވެ.
ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މަޝްވަރާގެ އުޞޫލު ޤާއިމުވެގެން ދިއުމުން، މަސައްކަތަށް ބާރު ލިބޭ އިތުރު ސްކީމްތައް އުފެދުމަށް ބާރުލިބެއެވެ. މިގޮތުން މަސައްކަތު މާހައުލުގައި ދިމާވާ ދަތިތައް މެނޭޖްމެންޓާ ހިއްސާ ކުރެވި، ކަންކަން ނިންމުމުގައި މަސައްކަތްތެރިންގެ ބައިވެރިވުން އޮންނާނެއެވެ.
އެހެންކަމުން އިންޑަސްޓްރިއަލް ގުޅުމެއްގެ މައިގަނޑު މަޤްޞަދަކީ މަސައްކަތްތެރިންނާ އަދި މަސައްކަތްކުރުވާ ފަރާތްތަކުގެ ބެސްޓް އިންޓަރެސްޓްގައި ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރުމެވެ. މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރި ކުރެވި، އަދި އެކަންކަމުގެ ސަބަބުން ވަޒީފާދޭ ފަރާތަށް އުފެއްދުންތެރިކަމާ އިޤްތިޞާދީ ގޮތުން ކުރިއަރައި ދިއުމެވެ. އަދި މިކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގައި އިންސާނީ ހައްޤުތައް ކުރިއަރައި، ދިވެހިރާއްޖޭގައި ވަޒީފާގެ ބާޒާރު ކުރިއަރައިގެން ދާނެއެވެ.
އެޑިޓަރުގެ ނޯޓް: މިއާޓިކަލް ލިޔުއްވާފައިވަނީ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުގެ ވަކީލް އަލްއުސްތާޒާ މަރިޔަމް އިނާޝާ އެވެ.