އެޑްވަޓޯރިއަލް

ސްމާޓް ސިޓީން ވިޔަފާރިތަކަށް ލިބޭނެ ލުއިތައް

Aug 1, 2021

އިންޓަނެޓަކީ އަޅުގަނޑުމެންގެ މުޖުތަމައުއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވި އެއްޗެކެވެ. އިންޓަނެޓުގެ ޒަރީއާއިން ވިޔަފާރިވެރިންނާ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ގުޅުން ބަދަހިވެ ވިޔަފާރިކުރުމާއި ހިދުމަތްތައް ހޯދުމައް އާގޮތްތަކެއް ތައާރަފްވެގެން ގޮސްފި އެވެ. ނަމަވެސް އިންޓަނެޓް އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ވެސް ރާއްޖޭގައި ވިޔަފާރިވެރިންނަށް މިފަދަ ޓެކްނޮލޮޖީގެ ޒަރީއާއިން ފޯރުކޮށްދެވޭ ހިދުމަތްތައް ފޯރުކުރުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ އުމްރާނީ އޮނިގަނޑު ގާއިމުކުރުމަކީ މިހާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕޮރޭޝަން (އެޗްޑީސީ)ގެ މައި މަގުސަދެވެ.

އެޗްޑީސީން ބުނާ ގޮތުގައި އެކުންފުނީގެ އަމާޒަކީ މި ހިދުމަތްތައް ދިނުމުގެ ބަދަލުގައި ހިދުމަތްދޭ ފަރާތްތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމެވެ. މި ވަސީލަތްތައް ގާއިމުކުރުމުން އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކަށްވެސް ވަކި ފަރުދުންނަށް ހިދުމަތް ދިނުމުގައި ލުއި ގޮތްތަކެއް މަގުފަހިވާނެއެވެ. އެޗްޑީސީގެ މި މަޝްރޫއު ނިމުމުން އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކަށް އަމިއްލައަށް އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރާކަށް ނުޖެހޭނެ އެވެ. އަދި ގޭގެޔަށާއި އޮފީސްތަކަށް ބޭނުންވާ އިންޓަނެޓްގެ ހިދުމަތް ދިނުމަށްޓަކައި ކޮންމެ ފަހަރަކު މަގު ކޮނެ ފައިބާ ކޭބަލް ވަޅުލާކަށް ނުޖެހޭނެ އެވެ. ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއު ކާމިޔާބު ކަމާއެކު ނިމުމުން މިފަދަ އިންޓަނެޓް އަދި ޓެކްނޮލޮޖިކަލް އެޑްވާންސްތަކާއެކު ތައާރަފުވާ ވަސީލަތްތައް ބޭނުންކުރުމަކީ ފަސޭހަކަމަކަށް ވާނެ އެވެ.

މިފާއިތުވި އަހަރުގެ ބަލިމަޑުކަމުގެ ތެރެއިންވެސް އަޅުގަނޑުމެން ދިވެހިން ޓެކްނޮލޮޖީ އަށް ބަރޯސާވާވަރު އިތުރު ވެއްޖެއެވެ. އަދި ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި އަމިއްލަ ދިރިއުޅުމާއި ވިޔަފާރީގެ ދުނިޔޭގައި ޓެކްނޮލޮޖީގެ ބޭނުންކުރުން އޮތީ އެތައް ގުނައެއް ކުރީގަ އެވެ. "އިންޓަނެޓް އޮފް ތިންގްސް" އަކީ އިންޓަނެޓްގެ ޒަރީއާއިން ގުޅާލެވޭ އެކިވަސީލަތްތަކާއި އެވަސީލަތްތަކުގެ މެދުގައި ޑޭޓާ ފޮނުވާ ބަދަލުކުރާ ކުރުމެވެ. ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި މިފަދަ ވަސީލަތްތައް ބޭނުންކުރުމާ މިކަމަށް ހުރި ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ. ހޯދުންތަކުން ދައްކާ ގޮތުން 2025 ވަނަ އަހަރާ ހަމައަށް 55 ބިލިއަން "އިންޓަނެޓް އޮފް ތިންގްސް" ޑިވައިސަސް ބޭނުންކުރެވޭނެ އެވެ.

އެޗްޑީސީން ދެކޭ ގޮތުގައި ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ އުފެދުމާއެކު އަލަށް ފަށާ ވިޔަފާރިތަކަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ އެވެ. ބިޒްނަސް އިންކިއުބޭޝަން ޕްރޮގްރާމްތަކާއި، އެކްސެލަރޭޓާ ޕްރޮގްރާމްތަކުގެ އިތުރުން ކޯވާކިން ސްޕޭސްތައް އުފެދި ގްރޭޓާ މާލެ ސަރަހައްދުގައި އީޖާދީ ވިޔަފާރިތައް ފުޅާވާނެ އެވެ. ބިޒްނަސް އިންކިއުބޭޓާސް އަކީ އަލަށް ފަށާ ވިޔަފާރި އަދި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދޭ ތަންތަނެވެ. ބިޒްނަސް އިންކިއުބޭޓާސްގައި އިންވެސްޓާސް ހޯދުމާއި އީޖާދީ އެހީ އަދި މަސައްކަތް ކުރާނެ ޖާގައާއި އެހެނިހެންވެސް އަލަށް ފަށާ ބިޒްނަސް އަކަށް ބޭނުންވާނެ ނަސޭހަތާއި އެހީ ފޯރުކޮށްދެވޭނެ އެވެ. މިތަންތަނުގައި ކަމާ ގުޅުންހުރި މާހިރުންނާއި އެކަމަށް ޝައުގުވެރިވާ އެހެން ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަން ފުރުސަތު ލިބިގެންދާނެ އެވެ.

އެކްސެލަރޭޓާ ޕްރޮގްރާމްސް އަކީ ފަށައިގެންފައިވާ ކާމިޔާބު ކުދި ވިޔަފާރި ފުޅާ ކުރުމަށް އެހީވެދޭ ޕްރޮގްރާމްތަކެވެ. މިޕްރޮގްރާމްތަކުގެ ތެރެއިން ބޮޑެތި އިންވެސްޓަރުން ހޯދުމާއި ވިޔަފާރި ފުޅާކުރަން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ. އިންކިއުބޭޓާ ޕްރޮގްރާމްތަކާ ހިލާފަށް އެކްސެލެރޭޓާ ޕްރޮގްރާމްތަކުން މިހިދުމަތްތައް ދެނީ ފަށާ ވިޔަފާރީގެ ޝެއާއެއް ނުވަތަ ލިބޭ ފައިދާގެ އިންސައްތައެއް އެކްސެލެރޭޓާ ޕްރޮގްރާމަށް ނަގާ ގޮތަށެވެ.

ކޯވާކިން ސްޕޭސަސް އަކީ އަމިއްލަ ފަރާތްތަކަށް ގޮސް މަސައްކަތް ކުރަން ތިބެވޭ ގޮތަށް ހަދާފައިވާ ތަންތަނެވެ. މިތަންތަނުގައި ވަކި ވަކިން ނުވަތަ ގިނަ މީހުން ހިމެނޭ ޓީމުތަކަށް މަސައްކަތް ކުރަން ތިބެވޭނެ ގޮތް ހަމަޖެހިފައި އޮންނާނެ އެވެ. މިފަދަ ކޯވާކިން ސްޕޭސަސްގައި ގޭގޭއާއި އޮފީސްތަކުގައި ހުންނަ އިންޓަނެޓް ކަނެކްޝަނަށް ވުރެ ފެންވަރު ރަނގަޅު އަވަސް ހިދުމަތްތައް ލިބޭނެ އެވެ. އިންޓަނެޓްގެ އިތުރުން މިތަންތަނަކީ އޮފީސް ފަރުނީޗަރާއި، ޕްރިންޓް ކުރުމުގެ ހިދުމަތާއި، މީޓިން ރޫމް އަދި ވަކި ވަކި އޮފީސް ހުންނަ ތަންތަނެވެ.

ކޯވާކިން ސްޕޭސަސް އަކީ ސްޓާޓްއަޕް ކުންފުނިތަކަށް ވަރަށް ބޭނުންތެރި ހިދުމަތެކެވެ. އަދި މިތަންތަނަކީ ފްރީލާންސް މަސައްކަތް ކުރާ ފަރާތްތައް ނުވަތަ ކާމިޔާބު ކުދި ވިޔަފާރި ހިންގަމުންދާ ފަރާތްތަކަށްވެސް ބޭނުންހިފޭނެ ތަންތަނެވެ.

ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ އަކީ ކުރީއްސުރެ ހިނގަމުން އަންނަ ބޮޑެތި ވިޔަފާރިތަކަށް ވެސް އެދެވޭ ބަދަލު ތަކެއް އަންނާނެ ކަމެކެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އޮފީސްތަކުގައި ކުރަމުން އައި ބޮޑެތި އުނދަގޫ މަސައްކަތްތައް މިވަނީ ކުދި އަވަސް މަސައްކަތްތަކަށް ވެސް ބަދަލުވެފަ އެވެ. އަދި އިންޓަނެޓް އޮފް ތިންގްސް ތައާރަފްވުމާ އެކު ވިޔަފާރީގެ އެކި މަރުހަލާތައް މޮނިޓާ ކުރުމާއި އާ އެފިޝަންޓް ގޮތްތައް ދެނެގަތުން ފަސޭހަވެ ވިޔަފާރި ފުޅާވާނެ ގިނަ ގޮތްތަކެއް މަގުފަހިވާނެ އެވެ. ހުރިހާ ވަސީލަތްތަކަކީވެސް އެއް ވިއުގައަކުން ގުޅާލެވިފައިވާ ވަސީލަތްތަކަކަށް ވުމުން މަސައްކަތް ކުރުމަށް ކޮންމެހެން އޮފީހަށް ހާޒިރުވާކަށް ނުޖެހޭނެ އެވެ. ކޮންމެ ތަނެއްގައި ހުރެގެންވެސް މަސައްކަތް ފުރިހަމަ ކުރެވޭނެ ގޮތް މަގުފަހިވާނެ އެވެ.

ކޮންމެ ވިޔަފާރިއެއްގެ ވެސް މަގުސަދަކީ ފައިދާ ލިބޭ މިންވަރު އިތުރުކޮށް ވިޔަފާރިއަށް ހިނގާ ހަރަދު ކުޑަކުރުމެވެ. އެހެންކަމުން މިފަދަ ޓެކްނޮލޮޖިކަލް ކުރިއެރުންތަކާއިއެކު ވިޔަފާރި ހިންގުމުގައި ހަރަދު ކުޑަ، ވިޔަފާރިއަށް ފައިދާހުރި އަދި މަސައްކަތްތައް ފަސޭހަ ކުރުމަށް ބޭނުންކުރެވޭ ވަސީލަތްތައް އަދި ސޮފްޓްވެއާ ބޭނުންކުރެވޭނެ ގޮތް މަގުފަހިވާނެ އެވެ.

ސްމާޓް ސޮފްޓްވެއާ ބޭނުންކުރަން ފެށުމުން ޑޭޓާ ޓްރެކް ކުރެވޭ މިންވަރު އިތުރުވާނެ އެވެ. މިއާއެކު ޑޭޓާ މިހާރަށްވުރެ ރައްކާތެރިކަމާއެކު ބަލަހައްޓާ ބޭނުންކުރުމަށްވެސް ފުރުސަތު ހުޅުވިގެންދާނެ އެވެ. ވިޔަފާރިތަކުގެ ތަފާތު އެކި ބޭނުންތަކަށް ފެތޭގޮތަށް ޑޭޓާ އެއްކުރުމާ ޑޭޓާ ފޯރުކޮށްދިނުންވެސް ފަރުމާކުރެވޭނެ އެވެ.

އީޖާދީ ވަސީލަތްތަކާއި ހައިސްޕީޑް އިންޓަނެޓް ގިނަ ބަޔަކު ބޭނުންކުރަން ފެށުމުން ވިޔަފާރިކުރާ ފަރާތްތައް ނުވަތަ ހިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތައް ވިޔަފާރިވެރިންނާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ފަސޭހައިން ދެނެގަނެވޭނެ އެވެ. އަދި ކަސްޓަމަރުން ބޭނުންވާ މުދަލާއި ހިދުމަތްތައް ދެނެގަތުމަކީ ވިޔަފާރިތަކާ ހިދުމަތްތައް ކާމިޔާބު ކަމާއެކެ ފުޅާކޮށް ދެމެހެއްޓުމަށް އެންމެ މުހިންމު އެއް ކަމެވެ.

އެޗްޑީސީން ދެކޭ ގޮތުގައި މި ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ސަބަބުން މީހުންގެ ދިރިއުޅުން ފަސޭހަވެގެންދާނެ އީޖާދީ ހައްލުތަކެއް ތައާރަފްވެގެންދާނެ އެވެ. ހުރިހާ ފަންތިއެއްގެ ހުރިހާ ބާވަތެއްގެ ވިޔަފާރިތަކަކަށްވެސް ފައިދާވާނެ އިންފްރާސްޓްރަކްޗާއެއް ގާއިމު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތަކަށާއި ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ.