މޯލްޑިވްސް ޕޮލިސް ސާވިސް

ފަޒީލްގެ ފޯން ހިފަހައްޓައިފި

އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާތީ ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނަން ނެތުމުން، އެ ސްކީމަށް ޝަރުތު ހަމަވާކަން ދެއްކުމުގެ ގޮތުން ފޭކް ލިޔުންތަކެއް ތައްޔާރުކުރި ކަމުގެ ތުހުމަތު ކުރެވޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެކަމުގެ ތެރޭގައި ހިމެނޭ އެހެން ބައެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި އެވެ.

ފުލުހުން މިއަދު މި މައުލޫމާތު ހާމަކުރި ނަމަވެސް ތުހުމަތުކުރެވޭ މީހުންގެ އަތުގައި ހުރި އިލެކްޓްރޯނިކް އާލާތްތައް ހިފެހެއްޓީ ކޮން ދުވަހަކު ކަމެއް ފުލުހުން ނުބުނެ އެވެ.

ފަޒީލް އަތުގައި އޮތީ ފޭކް ޑޮކިއުމެންޓަކަށް ވިޔަސް އެއީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އޭނާއަށް ދިން ލިޔުމެއް ކަމަށް ތަހުގީގުގައި ފަޒީލް ވިދާޅުވި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ބިންވެރިޔާ ސްކީމާ ގުޅޭ ހިޔާނާތާއި ފޭކް ޑޮކިއުމަންޓްތަކެއްގެ މައްސަލަ ފެންމަތިވިއިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ފަޒީލްގެ ކޮއްކޮ އިބްރާހިމް ފަޒުލް ރަޝީދު އެވެ.

ފުލުހުންނާއި އޭސީސީ އިން މިމައްސަލައިގެ ޖިނާއީ ތަހުގީގު ފެށުމާ އެކު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި މިމައްސަލަ ފެންމަތިވުމާ ގުޅިގެން ފަޒީލްވެސް ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.

ފަޒުލް ވަނީ އިސްތިއުފާ ދެއްވުމުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އޭނާއަށް ކުރެވޭ ހުރިހާ ތުހުމަތެއް ދޮގުކުރައްވާފަ އެވެ.

ފަޒުލް ވިދާޅުވި ގޮތުގައި އޭނާއަށް ޖިނާއީ ތުހުމަތުތަކެއް ކުރަނީ އަގުވައްޓާލުމުގެ ގޮތުންނެވެ.