ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

މާލެ ސަރަހައްދުގައި ވެކްސިން ނުޖަހާ ލައްކައެއްހާ މީހުން

ކޮވިޑް-19 ވެކްސިން ޕްރޮގްރާމް ކުރިއަށްދާއިރު އަދިވެސް މާލެ ސަރަހައްދުގައި ވެކްސިން ފުރިހަމަ ނުކުރާ ލައްކައެއްހާ މީހުން އެބަތިއްބެވެ. ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ވަނީ ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.

އަވަސްއާ ވާހަކަދައްކަވަމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މާލެ ސަރަހައްދުގައި ވެކްސިން ފުރިހަމަ ނުކުރާ ލައްކައެއްހާ މީހުން އެބަތިބި ކަމަށެވެ. އަދި 40،000 އަށް ވުރެ ބޮޑު އާބާދީއެއް އެންމެ ޑޯޒެއްވެސް ނުޖަހާ ތިބިކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

ސަރުކާރުން ވަނީ އެތައް މަސައްކަތަކުން ރާއްޖޭގައި ތިބި އެންމެންނަށް ވެކްސިން ޖެހޭނެ މިންވަރަށް ކޮވިޑް ވެކްސިން ހޯދާފަ އެވެ. ވެކްސިން އުފައްދަން ފެށުމާއެކުހެން އެކި ގޮތްގޮތުން ވެކްސިން ހޯދުމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން ކާމިޔާބު މަަސައްކަތްތަކެއް ކުރި އެވެ. އަދި އަވައްޓެރި އިންޑިއާގެ އެހީގައި ލިބުނު 200،000 ޑޯޒް ވެކްސިނާ އެކު ފެބްރުއަރީ ފުރަތަމަ ދުވަހު ވެކްސިންގެ ތާރީހީ ކެމްޕޭން ފެށި އެވެ. އޭގެ ފަހަށް އެކުވެެރި ޗައިނާގެ އެހީގައި ލިބުނު 200،000 ޑޯޒް ވެކްސިނާއެކު ކެމްޕެއިން އިތުރަށް ވަރުގަދަ ކުރި އެވެ. އެ ގައުމުން މިހާރު ވަނީ އިތުރު 300،000 ޑޯޒް ހަދިޔާ ކުރަންވެސް ނިންމާފަ އެވެ.

އޭގެ އިތުުރުން ސިންގަޕޫރުގެ ކުންފުންޏެއް މެދުވެރިކޮށް 700،000 ޑޯޒް ހޯދުމަށް އޯޑަރުކޮށް ފައިސާ ދެއްކި އެވެ. އެ ވެކްސިން ލިބުން ވަރަށް ބޮޑަށް ލަސްވި ނަމަވެސް އެ ވެކްސިންގެ ފުރަތަމަ ސްޓޮކް ލިބި މިހާރު ވަނީ ވެކްސިން ޖަހަން ފަށާފަ އެވެ. އަދި އޭގެ ފަހުން އިންޑިއާއިން އިތުުރު 300،000 ޑޯޒް ގަތުމަށް ނިންމާ ފައިސާ ދައްކާފައިވެ އެވެ.

ސަރުކާރުން ވަނީ ރަޝިއާގެ ވެކްސިން ގަތުމުގެ މަޝްވަރާތައް ވެސް ފަށާފަ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައިވެސް ވެކްސިނާއި ސިރިންޖް ހޯދާފައިވެ އެވެ.

ފަހުން ލިބުނު ވެކްސިން ސްޓޮކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ޕްރޮގްރާމް މެދުނުކެނޑި މުޅި ރާއްޖެއަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމުގެ ކަށަވަރުކަން ސަރުކާރުން ވަނީ ހޯދާފަ އެވެ. އަދި ކުރިއަށް އޮތް މަސް ނިމުމުގެ ކުރީން ރާއްޖޭގެ 90 ޕަސެންޓަށް ވެކްސިން ދިނުމަށް އަމާޒު ހިފާ ވެކްސިން ކެމްޕެއިން ވަނީ އިތުރަށް ފުޅާކޮށްފަ އެވެ.

މީގެ އިތުރުން ވެކްސިން ޖަހަން އަންނަ މީހުންނަށް ފަސޭހައަކަށް އިންތިޒާމު ކުރެވިފައިވާ އެޕޮއިންޓްމަންޓް އުސޫލެއްގެ ތެރެއިން ވެކްސިން ޖެހޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. އަދި އެޕޮއިންޓްމަންޓް ހެއްދުމުގައި ދަތިތަކެއް ދިމާވާ ކަމުގެ ޝަކުވާއާ އެކު މިހާރު ވަނީ ކޮންމެ ސެންޓަރެއްގައި ހާއްސަ ޑެސްކެއްވެސް ބަހައްޓާފަ އެވެ.

ރާއްޖެއިން މިހާތަނަށް 271،552 މީހަކު ވަނީ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. އަދި 323،568 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ފައިޒާ ވެކްސިނާއި ސިނޯފާމް ވެކްސިނާއި އެކްސްޓްރަޒަނިކާ ވެކްސިން ފުރިހަމަ ކުރި މީހުންނެވެ.

ސަރުކާރުން ވަނީ ވެކްސިންގެ ޑޯޒް އަވަހަށް ފުރިހަމަކޮށް ކޮވިޑުން ރައްކާތެރި މުޖުތަމައެއް ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ކޮވިޑްގައި ދިވެހިން 513 ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް މި ބަލީގެ ހަތަރު ރާޅެއްގެ ތަޖުރިބާ ދިވެހިން ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ހާލަތު ގޯސްވީ ހަތަރުވަނަ ރާޅުގައި މެއި މަހުގެ ތެރޭގަ އެވެ. އެ މަހު އެކަނިވެސް 40،000 އާ ގާތްކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހުނެވެ. 100 އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވި އެވެ. އެތައްހާސް ބަޔަކު އެޑްމިޓްކޮށްގެން ފަަރުވާދޭން ޖެހުނެވެ.

މިހާތަނަށް 77،633 މީހަކަށް ރާއްޖެއިން ބަލި ޖެހިފައިވެ އެވެ. އަދި 74،928 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. މިވަގުތުގެ އެކްޓިވް ކޭސްގެ އަަދަދަކީ 2،472 އެވެ. ހޮސްޕިޓަލްގައި 19 މީހަކަށް ފަރުވާ ދެމުންދާއިރު ބަލީގައި މަަރުވި މީހުންގެ ޖުމްލަ އަދަދަކީ 221 އެވެ.