ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދިވެހިން 11 މަސް ދުވަސް ހޭދަކޮށްފި އެވެ. ރާއްޖެއިން ކޮވިޑް ކޭހެއް ފެނުނުތާ 328 ދުވަސްވީއިރު މިއަދަކީ މި ބަލިމަޑުން އަރައިގަތުމަށް ދިވެހިން ތާރީހީ ދަތުރެއް ފެށި ދުވަހެކެވެ. ދައްޗާއި އުނދަގުލުގައި އަދި ވޭނާ ހިތާމާގައި ހޭދަކުރި އެތަށް މަސްތަކެއް މާޒީގެ ތެރެއަށް ދޫކޮށް ކުރިން އުޅުނު އާންމު ހާލަތަށް ރުޖޫއަ ވުމަށް މިއަދު ދިވެހިންވެސް ދަތުރު ފެށީއެވެ. މާތްﷲގެ ރަހުމަތާއެކު ރާއްޖޭގައި މިއަދު ކޮވިޑް ވެކްސިން ވަނީ ދޭން ފަށާފައެވެ.
އޮކްސްފޯޑް-އެސްޓްރާޒެނެކާގެ "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގެ ހަ ސެންޓަރެއްގައި ޖަހަން ވަނީ ފަށާފައެވެ. މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށި ސިޓީގައިވެސް މިއަދު ވަނީ ވެކްސިން ޖަހަން ފަށާފައެވެ. ވެކްސިންގެ ފުރަތަމަ ބުރު މިއަދު ފެށީ ގިނަ ތައްޔާރީތަކަކަށް ފަހުއެވެ. އެ މަސައްކަތަށް ފަންނާނީ މީހުން ތަމްރީނު ކޮށް ޓްރެއިން ކުރުމަށް ގިނަ ޕްރަގްރާމެއް ހިންގުމަށްފަހު އެވެ.
ޖުމްލަ 660 ވުރެ ގިނަ ސިއްހީ އޮފިޝަލުން ވަނީ ކޮވިޑް ވެކްސިން ކެންޕެއިނަށް ތަމްރީނު ކޮށްފައެވެ. އެއީ ވެކްސިން ޖެހުމާއި ވެކްސިން ޖެހުމަށް ފަހު ދިމާވެދާނެ ސިއްހީ މައްސަލަތަކަށް އެޓެންޑް ކުރެވޭނެ މިންވަރަށް ތަމްރީނު ކޮށްފައިވާ އޮފިޝަލުންނެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ވެކްސިން ދިނުމުގެ މަސައްކަތް ހިނގާނީ މި ޓްރެއިން ފުރިހަމަކޮށް އެކަމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ އޮފިޝަލުން ތިބެގެންނެވެ. އެކަމުގެ ޔަގީންކަން ކަމާބެހޭ އިދާރާތަކުން ދެކެއެވެ.
ކޮވިޑް ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވާއިރު ކޮވިޑާ ދުނިޔެ ހަނގުރާމަ ކުރާތާ 14 މަސް ދުވަސް ފާއިތުވެއްޖެ އެވެ. މިދިޔަ ދިގު މުއްދަތުގައި މި ބަލިމަޑުކަމުން ސަލާމަތްވެވޭނެ ބޭހެއް ނުވަތަ ވެކްސިނެއް ހޯދުމަށް މުޅި ދުނިޔެ އެކުގައި މަސައްކަތް ކޮށްފި އެވެ. 30 ގުރޫޕަކުން ބޭހާއި ވެކްސިން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފި އެވެ. މި ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ބޮޑު ބަލާއާފާތުން މިންޖުވެވެން އޮތް އެންމެ ފަހި ފުރުސަތަކީ ވެކްސިން ޖެހުމެވެ. ބައްޔެއް ކޮންޓްރޯލް ކުރުމަށް ދުނިޔެ އެކުގައި މިހާ ދިގު މުއްދަތަކަށް މަސައްކަތް ކުރި މިއީ ފުރަތަމަ ފަހަރެވެ. މުޅި ދުނިޔެވެސް ގަބޫލުކުރާ ގޮތުން ކޮވިޑުން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ވަސީލަތަކީ ވެކްސިނެވެ. މުހިންމީ އެންމެން ވެކްސިން ޖެހުމެވެ.
ރާއްޖޭގައި ވެކްސިން ޖެހުމުގެ މަސައްކަތް ފެށިއިރު ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހު 26 ވަނަ ދުވަހު އެމްއެފްޑީއޭއިން ވަނީ ދީފަ އެވެ. ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާ ކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު އެވެ. ކޮވިޝީލްޑްގެ 100،000 ޑޯޒް ރާއްޖޭގައި އެބަހުއްޓެވެ. އެއީ 50،000 މީހުންނަށް ވެކްސިން ދެވޭނެ މިންވަރެކެވެ. ކޮންމެ މީހަކަށްވެސް ކޮވިޑްގެ ދެ ޑޯޒް ވެކްސިން ދޭން ޖެހެއެވެ.
ކޮވިޝީލް ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީގެ ހޯދުމެކެވެ. އެ ވެކްސިނަށް ހުއްދަ ދިނުމުގެ އިދާރީ ހުރިހާ މަރުހަލާތަކެއް މިހާރު ވަނީ ކަނޑައްތު ކޮށްފައެވެ. ވެކްސިނަކީ ޑަބްލިއުއެޗްއޯގެ ހުރިހާ މިންގަނޑުތަކެއް ފުރިހަމަ ކޮށް ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރު ކުރުމަށް ފަހު ތައްޔާރު ކޮށްފައިވާ ވެކްސިނެކެވެ. މި ވެކްސިންގެ އެތަށް މިލިއަން ޑޯޒެއް މިހާރުވެސް އުފައްދާ އެތަށް ހާސް ބަޔަކަށް ދީފިއެވެ. ނަތީޖާ ރަނގަޅެވެ. ދިވެހިންގެ އަތުގައި މި ހުރީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބޭސް އުފައްދާ ކުންފުނި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން މެނިފެކްޗްކުރި ވެކްސިނެވެ. ކޮވިޑަށް ވެކްސިންއުފެއްދުމުގައި މުޅީ ދުނިޔެހެން ބަރޯސާކުރާ ކުންފުންޏަކީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓެވެ. މިއީވެސް މި ވެކްސިނަށް އޮތް ބޮޑު ޔަގީން ކަމެކެވެ.
ވެކްސިން ޖަހަން ދާއިރު ސަމާލުވާންވީ ކަންކަން
ރާއްޖޭގައި މިއަދު ވެކްސިން ޖަހަން ފަށާފައި ވަނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އަދި އައްޑު އަތޮޅުގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ. ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ. ފުރަތަމަ މަރުހަލާގައި ވެކްސިން ދޭނީ ފްރަންޓް ލައިންގައި ހަރަކާތްތެރިވާ ސިއްހީ އޮފިޝަލުންނަށެވެ. މިއަދު ކުރިއަށް ދަނީ ސިއްހީ ދާއިރާގެ އޮފިޝަލުންނަށް ވެކްސިން ދިނުމެވެ.
ނަމަވެސް ރާއްޖެއިން ވެކްސިން ލިބޭ މިންވަރަކުން އަދި ވެކްސިން ސްޓޮކްގައި ހުރި މިންވަރަކުން ކަނޑައެޅިފައިވާ ކެޓަގަރީތަކުގެ ތަރުތީބުން ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވެކްސިން ޕްރަގްރާމް ފުޅާކޮށް ވެކްސިން ދިނުމުގެ މަސައްކަތް ފެށޭނެއެވެ.
ވެކްސިން ޖަހަން ދާއިރު ސަމާލުކަން ދޭން ޖެހޭ ގިނަ ކަންތައްތަކެއް ވެއެވެ. ސިއްހީ މައްސަލައެއް ހުންނަ ނަމަ އެ ކަމަކާއި ގުޅިންހުރި ރިކޯޑްސްތައް ވެކްސިން ސެންޓަރުތަކަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. ވެކްސިން ޖެހުމުގެ ކުރިން ސިއްހީ ހާލަތު އިތުރަށް ދެގެނަތުމަށް އިތުރު ސުވާލުތަކެއް ކުރާނެ އެވެ. ވެކްސިން ޖެހުމުގެ ކުރިން ރެޖިސްޓްރޭޝަން މަރުހަލާގައި ސުވާލު ކަރުދާސް ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެއީ ވެކްސިން ދިނުމުގެ ކުރިން ކޮންމެހެން ހޯދަން ޖެހޭ މައުލޫމާތެވެ.
"ވެކްސިން ޖަހަން ވަޑައިގަންނަވާއިރު ސިއްހީ މައްސަލައެއް ހުންނަ ބޭފުޅެއްނަމަ ރެކޯޑްތައް ހިފައިގެން އައުމަކީ ވަރަށް މުހިންމު ކަމެއް،" ޑރ. ފާތިމަތު ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެކްސިން ޖެހުމަށްފަހު އެއްވެސް އުނދަގުލެއް ވޭތޯ ބެލުމަށް ވެކްސިން ޖެހި ސެންޓަރުގައި 15 މިނެޓް މަޑުކުރަން ޖެހޭނެ އެވެ. އަދި އާންމުކޮށް ސީރިއަސް އެލާޖިކެއްވާ މީހެއްނަމަ 30 މިނެޓް އެ މީހެއްގެ ހާލަތު މޮނިޓަރު ކުރާނެ އެވެ. ވެކްސިންގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކަށް އޮފިޝަލުން ތިބޭނީ ތައްޔާރަށެވެ.
"ވެކްސިން ޖެހުމަށްފަހު ކޮންމެ ބޭފުޅަކުވެސް 15 މިނެޓް އެ ތަނެއްގައި މަޑުކުރަން ޖެހޭނެ. އެއީ ވެކްސިންގެ ސަބަބުން އެއްވެސް ރިއެކްޝަނެއް އާދޭތޯ ބެލުމަށްޓަކައި. ސީރިއަސް އެލާޖިކެއް ހުންނަ ނަމަ 30 މިނެޓް ވަންދެން މަޑުކުރަން ޖެހޭނެ،"
ކޮވިޑް ވެކްސިން ޖަހާނީ ކޮނޑު މަސްގަނޑަށެވެ.
"އެހެންވީމަ ފަސޭހައިން ވެކްސިން ޖެހޭނެ ހެން ދޫ ހެދުމެއް ލައްވައިގެން ވަޑައިގެންނެވުން މުހިންމު،"
މީގެ އިތުރުން ވެކްސިން ޖަހަން އައުމުގެ ކުރިން ރަނގަޅަށް ކެއުމަކީވެސް މުހިންމު ކަމެކެވެ. އަދި ވެކްސިން ސެންޓަރަށް އަންނައިރު ފެން ފުޅިއެއް ގެނައުން މުހިންމެވެ.
ވެކްސިން ޖެހުން ރަނގަޅު ނޫނީ ކޮން ބައެއް؟
ކޮވިޑް ވެކްސިނާ ގުޅޭގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ބައެއް މީހުން ތަފާތު ވާހަކަތައް ދައްކައެވެ. އެ ވެކްސިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައެވެ. އަދި ވެކްސިން ޖަހަން ޖެހޭ އުމުރުފުރާތަކާ ގުޅޭ ބަހުސްތައް ހިނގައެވެ.
ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި 18 އަހަރުން ދަށުގެ މީހުންނަށް ކޮވިޑް ވެކްސިން ޖަހާކަށް ނުޖެހޭނެ އެވެ. އަދި މާބަނޑު މީހުންވެސް ވެކްސިން ޖެހުން ރަނގަޅެއް ނޫނެވެ. އެހެންވީމަ ރާއްޖޭގައިވެސް ކޮވިޑް ވެކްސިން މި ދެ ކެޓަގަރީގެ މީހުންނަށް ނުދޭނެ އެވެ. މާބަނޑު މީހުންނަށް ވެކްސިން ނުދިން ނަމަވެސް ގާތުން ދޭ މައިންނަށް ވެކްސިން ދޭނެ އެވެ. އެފަދަ މީހުންނަށް ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
މީގެ އިތުރުން ލޭ ދިޔާކުރަން ބޭސް ބޭނުން ކުރަން ޖެހޭ މީހުންގެ ތެރެއިން ސްޓޭބަލް މީހުންނަށް ވެކްސިން ދެވޭނެ އެވެ. ލޭ ދިޔާކުރަން ބޭސް ބޭނުން ކުރާ މީހުންނަށް ވެކްސިން ދީފިނަމަ ބައެއް ފަހަރު ވަރަށް ގިނައިން ލޭ އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ވެފައިވެސް އެބަ ހުއްޓެވެ. ނަމަވެސް ދިގު މުއްދަތަކަށް މި ބޭސް ބޭނުންކުރާ މީހުންނަކީ ސްޓޭބަލް ހާލަތުގައި ތިބޭ ބައެކެވެ. އެހެންވީމަ ވެކްސިން ދިން ނަމަވެސް އެފަދަ މައްސަލަތައް ދިމައެއް ނުވެއެވެ.
އަދި ވޯފަރިން ބޭނުން ކުރާ މީހެއްނަމަ އައިއެންއާރު ރަނގަޅު ރޭންޖްގައި ހުރިނަަމަ ވެކްސިން ޖެހޭނެއެވެ.
ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުންގެ ތެރެއިން ވެކްސިން ދެވޭނީ ބަލި ޖެހުނުތާ 28 ދުވަސްވީ މީހުންނަށެވެ. މާނައަކީ ބަލި ޖެހި 14 ދުވަސް ފަހުން ރަނގަޅުވުމާއެކު ވެކްސިން ނުދެވޭނެ އެވެ. ވެކްސިން ދެވޭނީ ބަލި ދެނެގަނެވުނުތާ 28 ދުވަސް ފަހުންނެވެ.
މީގެ އިތުރުން އެހެން ބައްޔަކަށް ވެކްސިނެއް ޖަހާފައި ހުރި މީހެއް ނަމަ އެ ވެކްސިނެއް ޖެހިތާ 14 ދުވަސް ފަހުން ވެކްސިން ޖެހޭނެ އެވެ.
"މިސާލަކަށް އިންފްލެންޒާ ވެކްސިން ޖަހާފައި ހުރި މީހަކު ނަމަ ކޮވިޑް ވެކްސިން ޖެހޭނީ 14 ދުވަސް ފަހުން،"
ދިމާވެދާނެ ސިއްހީ މައްސަލަތައް
މި ވެކްސިން ދިނުމުން ކޮށްފައިވާނެ އަސަރުތަކުގެ ތެރޭގައި އިންޖެކްޝަން ޖެހިތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ، ނޫފައިގަތުން ފަދަ ކަންކަން ހިމެނެއެވެ. އަދި ހުން އައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި މޭނުބައިކުރުމާއި ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން ހިމެނެއެވެ.
މީގެ ތެރެއިން ކުދިކުދި ކަަންކަމަކީ މިހާރު އާންމުކޮށް ބޭނުން ކުރާ ގިނަ ވެކްސިން ޖެހުމުންވެސް ދިމާވާ ކަންކަމެވެ. ނަމަވެސް ކޮވިޑް ވެކްސިން ޖެހުމުން ބައެއް މީހުންނަށް ބޯ އެނބުރުމާއި ކާހިތް ނުވުމާއި ބަނޑުގައި ރިއްސުން އަދި ގޮއްލުން ފަދަ ކަންކަން ވަރަށް މަދުން ނަމަވެސް ދިމާވެފައިވެއެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެއީ ވެކްސިންގެ ސަބަބުން ދިމާވާ ބޮޑު އެލާޖީއެކެވެ. އެފަދަ އެއްވެސް ކަމެއް ދިމާވެއްޖެނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުން މުހިންމުވެ. ނަމަަވެސް ހަނދާނުގައި ބަހައްޓަންވީ މިއީ ވަރަށް މަދުން ނޫނީ ނުވާ ކަންކަން ކަމެވެ.
"ވަރަށް މަދުން ފެންނަ އަލާމަތްތަކުގެ ތެރޭގައި ބޯ އެނބުރުމާއި ކާހިތް ކެނޑުން އަދި ބަނޑުގައި ރިއްސުމާއި ގޮއްލުން ކަހަލަ ކަންކަން ދިމާވޭ. އަދި ވަރަށް މަދު ހާލަތެއްގައި ވަރަށް ބޮޑު އެލާޖިކް ރިއެކްޝަނެއް އަތުވެދާނެ. މީގެ އަލާމާތަކީ ނޭވާއަށް އުނދަގޫވުން، ގައިގައި ފިތް ނެގުން ކަހަލަ ކަންކަން. މިކަހަލަ އަލާމާތެއް ފެނިއްޖެނަމަ ހޮސްޕިޓަލަށް ވަޑައިގަންނަވަންވާނެ. އެހެން ކަހަލަ އަލާމާތެއް ނަމަ 1676 މާލޭގައި ނަމަ ގުޅުއްވާފައި އެ މައުލޫމާތު ފޯރުކޮށްދޭން ވާނެ. ރަށެއްގައި ނަމަ ހެލްތް ސެންޓަރަށް އެކަން އަންގަންވާނެ،" ނަޒްލާ ވިދާޅުވިއެވެ.
ވެކްސިން ޖަހާ ތަން ރަތްވުން ނުވަތަ އެ ތަނަށް ކޮންމެވެސް ވަރަކަށް ތަދުވުމަކީ ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. އެފަދަަ ކަމެއް ދިމާވުމުން ބައެއް މީހުން އެތަންތަން ބޮނޑިތާން ކުރެއެވެ. ނަމަވެސް މިއީ ރަނގަޅު ކަމެއް ނޫނެވެ. ކޮވިޑް ވެކްސިން ޖެހުމަށްފަހު އެ ތަނެއް ރަތްވެ، ނުވަތަ ތަދުވީނަމަވެސް ބޮނޑިތާން ނުކުރަން ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދެއެވެ.
ވެކްސިނަށް އަވަހަށް ރަޖިސްޓްރީ ކުރޭ
ކޮވިޑް ވެކްސިނަށް މިހާރުވެސް ވަނީ ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާފައެވެ. ވެކްސިނަށް މިހާރު ކޮންމެ މީހަކަށްވެސް ރަޖިސްޓްރީ ކުރެވިދާނެ އެވެ. މިހާރުވެސް 20،000 ވުރެ ގިނަ މީހުން ވެކްސިނަށް ރަޖިސްޓްރީ ކޮށްފި އެވެ.
ހެެލްތް ޕްރޮޓެކްޝަން އެޖެންސީއާ ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުންވެސް ވަނީ ކޮވިޑް ވެކްސިނަށް އަވަހަށް ރަޖިސްޓްރީވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.
"އޭރުން އަޅުގަނޑުމެންގެ ވެކްސިން ޕްލޭނަށްވެސް ފަސޭހަ ވެގެންދާނީ،" ވެކްސިނަށް ރަޖިސްޓްރީވުން އަވަސް ކުރުމަށް އިލްތިމާސް ކުރައްވާ ޑރ. ނަޒްލާ ވިދާޅުވިއެވެ.
ވެކްސިން ޖެހުމަށްފަހުވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދޫކޮށް ނުލަން އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު އަދި ދެވަނަ ޑޯޒަށް ފަހުވެސް މާސްކު އެޅުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ހިފެހެއްޓުން ވަރަށް މުހިންމެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 53 މީހަކު މަރުވެއްޖެއެވެ. މި ބަލީގައި ސީރިއަސް ހާލަތުގައި މިހާރުވެސް ދެތިން މީހަކު ވެއެވެ. 163 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑްގައި ހޭދަކުރި 11 ދުވަސް ދުވަހަކީ ދިވެހިން މި ފަހުން މިހާ ދިގު މުއްދަތެއްގައި ބަލިމަޑުކަމާ ހަނގުރާމަކުރި ފުރަތަމަ ފަހަރެވެ. އާންމު ހާލަތު ދޫކޮށް ދިރިއުޅުން މުޅީން އެހެން ގޮތަކަށް ބަދަލުވާން މަޖުބޫރުވިއެވެ. ދައްޗާއި އުނދަގުލައި 328 ދުވަސް މާޒީގެ ތެރެއަށް ދޫކޮށް އާންމު ހާލަތަށް ދާން އެންމެން އެކުގައި މަސައްކަތް ފަށަންވީ ވަގުތަކީ މިއީއެވެ. ދައުލަތުން ހިންގާ ކޮވިޑް ވެކްސިން ޕްރަގްރާމަށް އެންމެންވެސް އެއްބާރުލުން ދޭން ޖެހެއެވެ. ވެކްސިންގެ ސަބަބުން އެތަށް ފުރާނައެއް ސަލާމަތް ކުރެވޭނެއެވެ. މި ބަލިމަޑުކަމުން ސަލާމަތްވެ އާންމު ދިރިއުޅުމަކަށް ދެވޭނީ އޭރުންނެވެ.