އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުންނަށް ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ނެތް ކަމުގެ ޝަކުވާ ވަރަށް ބޮޑުވިއެވެ. ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންވެސް ގެންދެވީ އެމޭރުމުން ވާހަކަ ދައްކަވަމުންނެވެ. ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށް އިންތިހާއަށް ބޭނުންވާ ކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުން ތަކުރާރުކޮށް ގެންދެވީ ކެންޕެއިން ކުރެވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް އެދިވަޑައިގަންނަވަމުންނެވެ. އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުންވެސް ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރިއެވެ. ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުން އެޗްޕީއޭއާ ޓެގް ޓީމަށް ވަރަށް ބޮޑަށް އަމާޒުވިއެވެ. އެންމެ ފަހުން ކެންޕެއިން ކުރުމަށް ފަސޭހަކޮށްދީ އެޗްޕީއޭގެ ހަރުކަށި ގައިޑްލައިން ލުއި ކުރުމަށް މަޖިލީހުން ވަނީ އެދިފައެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް ގައިޑްލައިނަށް ލުއިދޭން ޖެހޭ ކަމަށް ކޮމެޓީގެ މުގައްރިރު ވަނީ ވިދާޅުވެފައެވެ. އެ ދުވަހު މައިމޫނާ އަބޫބަކުރު ވިދާޅުވީ އީސީން އެދުނު ގޮތަށް ހާއްސަ އިމްތިޔާޒުތަކެއް ހަމަޖައްސައިދެވޭތޯ ބައްލަވާނެ ކަަމަށެވެ. ނަމަވެސް މިހާރު ހަދައިފައިވާ ގައިޑް ލައިންތައް ހަދާފައިވަނީ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.
މަޖިލީހަށް ހާޒިރުކޮށްފައިވަނިކޮށް ބުރާސްފަތި ދުވަހުގެ ރޭ ކުއްލި ގޮތަކަށް އެޗްޕީއޭއިން ވަނީ ގައިޑްލައިން ލުއިކޮށް ކަރަންޓީނުވުމަކާ ނުލައި ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ދީފައެވެ. އެ އިއުލާނު ސަރުކާރުގެ ގެޒެޓްގައި ސާއިއުކުރީ ބުރާސްފަތި ދުވަހުގެ ރޭ 10:12 ގައެވެ.
"ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ގައިޑްލައިން" ގައި ބުނާގޮތުން ކަރަންޓީނުވުމަކާ ނުލައި ކުރުމުއްދަތަށް (ފަސް ދުވަހަށް ވުރެ ދިގު ނޫން) އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ އެވެ. ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާއީދު ހޯދުމަށް ކެންޕޭން ކުރުމަށް ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ނުވަތަ ރިސޯޓަކުން ނޫނީ ގެސްޓްހައުސް ހިންގާ ރަށަކުން ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލާ ދަތުރު ކުރެވުނު ނަމަވެސް ފަސް ދުވަހަށްވުރު ދިގު މުއްދަތަކަށް ދަތުރުކުރާނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީންވާން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
އަދި ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުންވެސް އެޗްޕީއޭގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އުސޫލުގެ ދަށުން ދަތުރުކުރެވޭނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާ އޮވެގެނެވެ. މީގެ އިތުރުން އެޗްޕީއޭއިން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން ކައުންސިލަށް ފޮނުވުމާއި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ނުވަތަ ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެފައިވާނަމަ ދަތުރުގައި ބައިވެރިނުވެވޭނެ ކަމަށްވެސް ކަނޑައަޅާފައި އޮތެވެ.
ކެންޕެއިނަށްދާ ރަށެއްގައި ވަކިން ތިބެވޭނެ އިންތިޒާމު ހަމަަޖެއްސުމާއި އެ ރަށެއްގައި ބައްދަލްވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ތަނަށް ނޫނީ ނުދިއުމަށާއި ގޭގެއަށް ޒިޔާރަތް ކުރުމާއި ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމު ތިބޭ ތަނަށް އާންމުން ދިއުންވެސް އުސޫލުގައި މަނާ ކުރެއެވެ. އަދި ހަ ފޫޓްގެ ގައިދުރުކަން ބެހެއްޓުމާއި ހާމަ ތަންތަނާގައި ބައްދަލްވުންތައް ބޭއްވުން ފަދަ އެތަށް ކަމެއް އުސޫލުގައި ހިމަނާފައިވެއެވެ.
އުސޫލު އާންމު ކުރުމާއެކު އާންމުން ރަތަށް އެރިއެވެ. އަދި ބައެއް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާ ޓީމުގައި މަަސައްކަތް ކުރައްވާ ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
އޭގެ ތެރެއިން އެއް ބޭފުޅަކީ ޑރ. އަލީ ނަޒީމެވެ. އޭނާ ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި ދެކޮޅު ނުޖެހޭ ގައިޑްލައިންތައް ނުނެރުމަށް އެދިވަޑައިގެންފައެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އެޗްޕީއޭއިން ނެރުނު އުސޫލާ ދޭތެރޭ އަލުން ވިސްނާވަޑައިގަތުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
އިޖްތިމާއީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުންނާއި ދީނީ އިލްމުވެރިންނާއި ސިޔާސީ މަސައްކަތާ ދުރުގައި ގައުމީ ހިދުމަތުގައި ފާހަގަކޮށްލެވޭ އެތަށް ބަޔަކަށްވެސް އެޗްޕީއޭގެ އާ އުސޫލުގެ ސަބަބުން ލިބުނީ ބޮޑު ހައިރާން ކަމެކެވެ. މުއައްސަސާތަކުގެ ނިންމުންތަކަށް ކިތަންމެ ބޯލަނބަން ކިތަންމެ ބޭނުންވިޔަސް ދެކޮޅު ނުޖެހޭ އަދި ސިޔާސީ ނުފޫޒުގައި ނެރޭ އުސޫލުތަކަށް ތަބާވާނީ ކިހިނެތްތޯ އެ ބޭފުޅުން ސުވާލު އުފެއްދެވިއެވެ. މީގެ އިތުރުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރަން އޮތް މުއައްސަސާއަކުން ސިޔާސީ ނުފޫޒުގައި ޖެހި ސިޔާސީ މީހުންނަށް ހާއްސަ ހުއްދައެއް ދިނުމުން އެޗްޕީއޭއިން މިހާރު ނެރެފައިވާ އުސޫލުތަކާމެދު ސުވާލު އުފެދި އުސޫލުތަކަށް ތަބާވުމުގައި ރައްޔިތުން ވަރަށް ބޮޑަށް ފަރުވާ ކުޑަކުރާނެ ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވައެވެ.
"އެޗްޕީއޭގެ ހަރުދަނާ އުސޫލު ދޫކޮށްލައްވައިފިކަން ބުރާސްފަތި ދުވަހު ނެރުނު އުސޫލުން ޔަގީންކޮށްދީފި. އެއީ މުޅި ރާއްޖެއަށް ބަލި ފެތުރުމަށް ހުޅުވޭ ދޮރެއްކަން އެ ބޭފުޅުންނަށް އެނގިވަޑައިގެން ތިއްބަވާ ކޮންމެވެސް ނުފޫޒެއްގެ ތެރެއިން އެކަން ކުރެއްވީ. އެއީ ޔަގީން ކަމެއް. ނަމަވެސް ދެރަކަމީ އެކަން އެ ބޭފުޅުން ކުރެއްވިކަން. ދެންވާނެ ގޮތަކީ އާންމުން މިހާރު ހުރި އެއްވެސް ފިޔަވަޅަކަށް ތަބާނުވުން، އެޗްޕީއޭއާމެދު އިތުބާރު މުޅީން ގެއްލުން،" ދައުލަތަށް 30 އަހަރު ހިދުމަތަށް ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.
އެޗްޕީއޭގެ އާ އުސޫލާ ގުޅިގެން ރުޅިވެރިކަމާއެކު ވަރަށް ގިނަ އާންމުން ވަނީ ފާޑުކިޔާފައެވެ. އަދި ކެންޕެއިން ޓީމުތައް ދިޔަނަމަވެސް ރަށްރަށައް ނާރުވާނެ ކަމަށް ބުނެ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ފަދަ ބައެއް ވާހަކަތައްވެސް ހިއްސާކޮށްފައިވެއެވެ. އުސޫލުގެ ސަބަބުން މި މިންވަރަށް އާންމުންގެ ރުޅިވެރިކަމާއި ނަފްރަތު އެޗްޕީއަށް އަމާޒުވިއެވެ.
އެހެން ކަމުން އުސޫލު އާންމުކުރިތާ ބަރާބަރު 25 ގަޑިއިރާއި 10 މިނެޓްތެރޭ އުސޫލު ވަނީ އުވާލާފައެވެ. ރޭ 11:02 މިނެޓްގައި އެޗްޕީއޭއިން ކުރި ކުރު ޓްވީޓެއްގައި ބުނެފައިވަނީ އެޗްޕީއޭގެ އުސޫލު އުވާލާފައިވާ ކަމަށެވެ. އެޗްޕީއޭއިން ބުނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިސްލާހު އުވާލަން ނިންމައިފި ކަމަށެވެ.
ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިސްލާހު އުވާލަން ނިންމައިފީމެވެ.ހެލްތް ޕްރޮޓެކްޝަން އެޖެންސީ | މާޗް 12، 2021
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެޗްޕީއޭއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ވަރަށް ގިނަ ފިޔަވަޅުތަކާމެދު އާންމުން ގެންދިޔައީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް އެއިން ކޮންމެ ފިޔަވަޅަކީވެސް ރައްޔިތުންގެ ރައްކާތެރިކަމަަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއްކަން ވިސްނައިދޭން ސިއްހީ މާހިރުންނާއި އެޗްޕީއޭއިން އެތަށް މަސައްކަތްތަކެއް ކުރިއެވެ. އެ ފިޔަވަޅުތަކަށް ގިނަ ރައްޔިތުން ތަބާވެސް ވިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބަލި ކޮންޓްރޯލް ކުރެވި ޕޮޒިޓިވް ކޭސްތަކުގެ އަދަދު ބޮޑުތަނުން މަދު ކުރެވުނެވެ.
މިއަހަރު ފެށުނީއްސުރެ އިއްޔެއާ ހަމައަށް ޕޮޒިޓިވް ކޭސްތައް ހުރީ ފަންސާހުން މަތީގައެވެ. މިދިޔަ 60 ދުވަހު ކޭސްތައް ހުރީ ސަތޭކައިން މަތީގައެވެ. އެޗްޕީއޭއިން ބުނާ ގޮތުން މިއީ ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތެވެ. ރާއްޖެ ދުވަހަކުވެސް ތަޖުރިބާ ނުކުރާ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަަމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ފިޔަވަޅުތައް ވަރުގަދަކޮށް ހަރުކަށި ކުރިއެވެ.
އެފަދަ ހާލަތެއްގައި ކުއްލި ގޮތަކަށް ކަރަންޓީނުވުމަކާ ނުލައި ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ދިނުން ވީ ބޮޑު ޖޯކަކަށެވެ. ގިނަ ބައެއްގެ ނަޒަރުގައި މިއީ ވަރަށް ބޮޑު ސިޔާސީ ނުފޫޒެއްގެ ތެރެއިން ނިންމާފައިވާ ނިންމުމެކެވެ.
އަވަސްއާ ވާހަކަދައްކަވަމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އެޗްޕީއޭގެ ނިންމުމަކީ ސަރުކާރުގެ އެއްވެސް ނުފޫޒެއް އޮވެގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި އެ ނިންމުން ބަދަލު ކުރަން ސަރުކާރުން އެޗްޕީއޭއަށް ރޭ ހުށައެޅި ކަމަށެވެ. އެޗްޕީއޭގެ ނިންމުން އައީ އޭގެ ފަހުންނެވެ.
ކޮންމެ އަކަސް ކޮވިޑްގެ އެންމެ ނުރައްކާތެރި ރާޅުގައި ކުއްލި ގޮތަކަށް އެޗްޕީއޭއިން ނިންމި ނިންމުންގެ ހަގީގަތް ސާފުކޮށްދޭން ޖެހެއެވެ. އެޗްޕީއޭއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަން ޖެހެއެވެ. އެޗްޕީއޭއިން ސައުވީސް ގަޑިއިރުތެރޭ އާ އުސޫލެއް ހަދާ އެ އުސޫލު ބާތިލުކުރުމަކީ ކުޑަކަމެއް ނޫނެވެ. އެކަން އެހެންވާނީ ނުފޫޒެއްގެ ތެރެއިން ކުރި ކަމަކަށް ވީމައެވެ. ނޫނީ އުސޫލު ހަދަން ތިބީ ކަމުގެ ތަޖުރިބާކާރުންނަށް ނުވީމައެވެ. ނަމަވެސް ފަހުން މިބުނި ގޮތް އެއީ ރަނގަޅު ގޮތަކަށް ނުވާނެ އެވެ. އެޗްޕީއޭއާ ޓެގް ޓީމުގައި އެ ތިބީ މި ދާއިރާގެ ވަރަށް ތަޖުރިބާކާރު ބޭފުޅުންނެވެ. އެހެންވީމަ ދެން އޮތީ ކުރީން ބުނި ގޮތެވެ. އެއީ އެކަން ވީ ގޮތްނަމަ އެކަން ސާފުކޮށްދޭން ޖެހެއެވެ. ރައްޔިތުންގެ އިތުބާރު އެފަދަ މުއައްސަސާއަކަށް ވަރަށް މުހިންމެވެ.