ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑާމެދު އަޅާލުމެއް ކަންބޮޑުވުމެއް ވެސް ނެތް!

ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި ދިވެހިން 417 ދުވަސް ހޭދަ ކޮށްފި އެވެ. އިންތިހާ ބިރާއި އިންތިހާ ނުރައްކަލުގަ އެވެ. ދައްޗާއި ތުރާލުގައެވެ. ދިރިއުޅުން މުޅީންހެން ބަދަލު ކޮށްގެނެވެ. ކުރީން ކުރަމުން އައި ކިތަންމެ ކަމެއް ދޫކޮށް ރައްކާތެރި ކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވެސް އަޅައިގެންނެވެ. ނަމަވެސް އަދިވެސް މި ބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހެއް ނޭނގެ އެވެ.

މިއަހަރު ފެށިގެން އައީވެސް ކޮވިޑްގެ ނުރައްކާތެރި ކަމުގެ ތެރެއިންނެވެ. ނޮވެންބަރު އަދި ޑިސެންބަރުގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށަށް ދިޔަ ނަމަވެސް ޖަނަވަރީ ފެށުމާއެކު ކޮވިޑް ކޭސްތައް ފަންސާހުން މައްޗަށް ދާން ފެށި އެވެ. ފެބްރުއަރީގައި ދުވަހުގެ ނަންބަރު 100 އިން މައްޗަށް ދާން ފެށިއެވެ. އެ މަހުގެ ބައެއް ދުވަސް ދުވަހު 200 އިން މަތީގައި ވެސް ނަންބަރު ހުއްޓެވެ. އެކަމާއި ގުޅިގެން ފިޔަވަޅުތައް ހަރުކަށި ކުރި އެވެ. އަދި ދިވެހިން ކޮވިޑްގެ ތިންވަނަ ރާޅެއްގެ ނުރައްކަލަށް ހުށައެޅިފައިވާކަން ރަަސްމީކޮށް އިއުލާނު ކުރިއެވެ.

ކޮވިޑް ކޭސްތައް މަތީގައި ހުރި ނަމަވެސް ދެން އައީ ހައިރާންވާން ޖެހޭ ފަދަ ކަންތައްތަކެކެވެ. ހަރުކަށި ފިޔަވަޅުތައް ނަގަމުން އައި އެޗްޕީއޭ ގެ ނިންމުންތަކާމެދު ގިނަ ބަޔަކު ސުވާލު އުފައްދަން ފެށިއެވެ. ބައެއް ފިޔަވަޅުތައް އެޅުމަށް ފަހު 24 ގަޑިއިރު ނުވަނީސް އަނބުރާ ގެން ދެއެވެ. އަދި ސިޔާސީ ޕްރެޝަރަށް ބައެއް ފިޔަވަޅުތަކަށް ލުއި ދީ ފިޔަވަޅުތައް ބޮޑުވަރިހަމައަށް ދޫކޮށްލަން ފެށި އެވެ.

ނަންބަރުތައް މަތީގައި ވަނިކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމާ އިންތިހާބު މި މަހުގެ 10 ވަނަ ދުވަހު ވަނީ ބާއްވާފަ އެވެ. އޭގެ ފަހުން ވެސް ނަންބަރު ހުރީ ހަމަ ކުރީން ހުރި ހިސާބުގަ އެވެ. ނަމަވެސް މީގެ ހަފުތާއެއްހާ ދުވަސް ކުރީން ފެށިގެން ކޮވިޑް ކޭސްތައް ދަނީ ރެކޯޑް އަދަދަކަށް އިތުރުވަމުންނެވެ. ބައެއް ދުވަސް ދުވަހު ކޮވިޑް ނަންބަރު ހުރީ 300 އިން މަތީގަ އެވެ. މިދިޔަ 24 ގަޑިއިރުތެރޭ 464 މީހަކު ވަނީ ޕޮޒިޓިވްވެފައި ވެއެވެ.

ހަތް ދުވަހުން 2،000 ކޭސް

ކޮވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްތަކުގައި ވެސް 300 އިން މައްޗަށް ޕޮޒިޓިވް ކޭސްތައް އަރާފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ހަތް ދުވަހުގެ ތެރޭގައި ކޮވިޑް ކޭސްތައް ވަނީ 300 އިން މަތީގަ އެވެ. ދެ ދުވަހެއްގައި ނޫނީ ނަންބަރު ހުރީ އެ އަދަދު ގައެވެ. އެންމެ ފަހުން އިއްޔެ ކޮވިޑް ނަންބަރު ވަނީ 400 އިން މައްޗަށް އަރާފަ އެވެ.

މުޅި ހަފުތާއަށް ބަލާނަމަ 2،132 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މި މަހުގެ 22 ވަނަ ދުވަހު ޕޮޒިޓިވްވީ 164 މީހެކެވެ. ޖެހިގެން އައި ދުވަހު 319 މީހަކު ޕޮޒިޓިވްވިއެވެ. 24 ވަނަ ދުވަހު ޕޮޒިޓިވްވީ 218 މީހެކެވެ. 25 ވަނަ ދުވަހު 253 އަދި 26 ވަނަ ދުވަހު 328 މީހެކެވެ. 27 ވަނަ ދުވަހު 386 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

63 ރަށެއްގައި 1261 ކޭސް

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަތޮޅުތެރޭގަައި 1261 މީހަކަށް ކޮވިޑް ޖެހިފައި ވެއެވެ. މިއީ މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދެެވެ. އެހެން ކަމުން މިއީ އަތޮޅުތެރޭގައި ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވާ ދުވަސްވަރެވެ. 63 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ.

އަތޮޅުތަކުގެ ތެރޭގައި ކޮވިޑް ކޭސްތައް އިންތިހާއަށް މަތީގައި ހުރިިއިރު 100 އިން މަތީގައި ކޮވިޑް ކޭސްތައް ހުރި ރަށްތަކުގެ އަދަދަކީ ހަ އެކެވެ. އެއީ ބ. އޭދަފުއްޓާއި ޅ. ނައިފަރާއި ކ. މާފުއްޓާއި އއ. މަތިވެރި އާއި ތ. ވޭމަންޑޫ އާއި ލ. މާންދޫ އެވެ.

އޭދަފުށިން 121 މީހަކަށް ބަލި ޖެހިފައިވާއިރު ނައިފަރުގައި 130 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. މާފުށީގައި 209 މީހަކަށް ބަލި ޖެހިފައިވެއެވެ. މަތިވެރީގައި 171 މީހަކަށް ބަލި ޖެހިފައިވާއިރު ވޭމަންޑޫގައި 145 މީހަކަށް ބަލި ޖެހިފައި ވެއެވެ. އަދި މާންދޫގައި 126 މީހަކަށް ކޮވިޑް ޖެހިފައި ވެއެވެ.

  • ކ. މާފުށި - 209 ކޭސް
  • އއ. މަތިވެރި - 171 ކޭސް
  • ތ. ވޭމަންޑޫ - 145 ކޭސް
  • ޅ. ނައިފަރު - 130 ކޭސް
  • ލ. މާންދޫ - 126 ކޭސް
  • ބ. އޭދަފުށި - 121 ކޭސް
  • ކ. ހިންމަފުށި - 49 ކޭސް
  • ތ. ކިނބިދޫ - 37 ކޭސް
  • ކ. ގުޅި - 31 ކޭސް
  • އދ. މާމިގިލި - 25 ކޭސް
  • ލ. ގަން - 16 ކޭސް

އަތޮޅުތަކުގެ ތެރޭގެ ރަށްތަކުން އިއްޔެ އެކަނި ވެސް 225 ކޭސް ފެނިފައި ވެއެވެ. އެއީ 97 ދިވެހިންނާއި 128 ބިދޭސީންނެވެ.

މި އަހަރު 21 މަރު

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން ދާއިރު މި ބަލީގައި މަރުވަމުންދާ މީހުންގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ.

އިއްޔެ ވެސް ދެ މީހަކު މަރުވިއެވެ. ރޭ 8:44 ގައި މަރުވެފައި ވަނީ އިންޑިއާ ފިރިހެނެކެވެ. އުމުރުން 50 އަހަރުގެ މީހެކެވެ. އޭގެ ކުރީން އުމުރުން 85 އަހަރުގެ ދިވެހި އަންހެނަކު ވެސް މަރުވި އެވެ. މި ދެ މީހުންނަކީ ވެސް ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތައިގެ 11 ވަނަ ފަންގިފިލާގައި ފަަރުވާ ހޯދަމުންދިޔަ ދެ މީހުންނެވެ. އަދިވެސް ދަރުމަވަންތަ އައިސީޔޫގައި ތިން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިވަގުތު 122 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އެބަދެއެވެ.

މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 21 މީހަކު ވަނީ ކޮވިޑްގައި މަރުވެފައެވެ. އަހަރު ފެށުނުއިރު ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރަކީ 51 އެކެވެ. ނަމަވެސް އޭގެ ހަތަރު މަސް ފަހުން މިހާރު އެ ނަންބަރު ހުރީ 72 ގައެވެ. މި މަހު އެކަނި ވެސް ފަސް މީހުން މަރުވިއެވެ.

ކަންބޮޑުވުމެއް ނެތް

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ބައެއް ފިޔަވަޅުތައް އަދިވެސް އެގޮތުގައި ދެމި އެބައޮތެވެ. މާލޭގައި ހިންގަމުންދިޔަ ކާފިއު އުވާލާ، ވެހިކަލް މަނާ ގަޑި އުވާލާ، ކެފޭތަކާއި ހޮޓާތަކުން ހިދުމަތްދޭ ވަގުތު އިތުުރުކުރި ނަމަވެސް މާސްކު އެޅުމާއި އެއްވެ އުޅުމާއި ރަށްރަށަށް ދަތުރު ކުރުން ފަދަ ކަންކަން އަދިވެސް އޮތީ ހިފެހެއްޓިފަ އެވެ.

ނަމަވެސް ފިޔަވަޅުތަކަށް ބޯލެބުން ވަރަށް ބޮޑަށް ކުޑަވެ ފިޔަވަޅުތައް މަތިން ބައެއް މީހުން ވަނީ ހަނދާން ނެތިފައެވެ. މާސްކު ނާޅާ ބޭރުގައި އުޅޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެއްވުންތަކާއި އިހުތިޖާޖުތައް ހިނގައެވެ. ކޮވިޑް ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުންގެ މައްޗަށް އަމުރު ނެރަފައިވީ ނަމަވެސް ފުލުހުން އެ މަސައްކަތް ނުރަސްމީކޮށް ހުއްޓާލި ފަހުން ކިތަންމެ ދުވަހެކެވެ.

މާސްކު ނާޅާ ފުލުހުންގެ ކުރިމަތީ ކިތަންމެ ބަޔަކު އުޅުނު ނަމަވެސް ޖޫރިމަނާ ކުރުމެއް ނޯވެ އެވެ. އެންމެ ކުޑަމިނުން އެފަދަ މީހުން ހުއްޓުވާ ނަސޭހަތްތެރިވުމެއް ވެސް ނެތެވެ. އެހެންވީމަ ފިޔަވަޅުތަކަށް ސަމާލުކަން ދޭ މީހުން މަދުވެ ބިރެއް، ޖެހުމެއް ނެތި މަގުމަތީ އުޅުން އާންމުވެފައި ވެއެވެ.

ދެން އޮތީ ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި ކަމާގުޅޭ އިދާރާތަކުން ކުރަމުން އައި މަސައްކަތްތަކެވެ. ކޮންމެވެސް ސަބަބެއް އޮވެގެން ނަމަވެސް އެ މަސައްކަތް މިހާރު އޮތީ މުޅީން ހުއްޓިފަ އެވެ. ކޮންމެ ދުވަހަކު އެޗްޕީއޭގެ ޓްވިޓާ ހޭންޑްލްއިން ދެ ތިން ޓްވީޓެއް ކޮށްލުން ނޫން އެއްވެސް މަސައްކަތެއް ނެތެވެ. ޓްވީޓަކުން މާސްކު އަޅަން ހަނދާން ކޮށްދީފަ އެވެ. ނޫންނަމަ ގައިދުރުކަން އިސްކޮށް ސާފުތާހިރު ވުމަށް ބާރު އަޅާ ވީޑިއޯ ކޮޅެއް ޓްވީޓް ކޮށްލާފާނެ އެވެ. އެ ނިމުނީއެވެ.

މީގެ ކުރީން ކޮންމެ ދުވަހަކުހެން އަދި އޭގެ ފަހުން ހަފުތާއަކު ދެ ފަހަރު ބާއްވަމުން އައި ނޫސްވެރިންގެ ބައްދަލްވުންތައް ހުއްޓާލައިފި އެވެ. ވަރަށް ބޮޑު ކަމެއް ދިމާވެގެން ނޫނީ މިހާރު ނޫސްވެރިންގެ ބައްދަލްވުމެއް ނުބާއްވަ އެވެ. އެންމެ ފަހުންވެސް ނޫސްވެރިންގެ ބައްދަލްވުމެއް އޮތީ މީހެއްގެ ގަޔަށް ދެ ވައްތަރުން ދެ ޑޯޒް ވެކްސިން ދީގެން އެކަމުގެ ކަންބޮޑުވުން މުޅި ރާއްޖެ ހާސްކޮށްލުމުންނެވެ. އެ ދުވަހު ވެސް ހެދީ މުޅިން ދޮގެވެ.

ދެ ވައްތަރުން ވެކްސިން ޑޯޒް ފުރިހަމަ ކުރި މީހާގެ ހާލަތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ވަރަށް ގާތުން ބަލަމުންދާ ކަމަށް ރައްޔިތުންގެ ކުރިމަތީ އިއުލާނުކޮށް ބުހުތާނު ދޮގު ވާހަކަ ދެއްކިއިރު އޭރު އަދި އެ މީހާއަށް ގުޅާފައި ވެސް ނުވެއެވެ. ބިރުވެރިކަމާއި ހާސްކަމުގައި އެ މީހާ މުޅި ދުވަސް ހޭދަކުރި ފަހުން ގުޅާލާ ކިހިނެތްތޯ އަހާލީ ވެސް ނޫސްވެރިންގެ ބައްދަލްވުން ބޭއްވިތާ ދިހަ ބާރަ ގަޑިިއިރު ފަހުންނެވެ.

ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހިދާނެ ކަމުގެ އިންޒާރާއެކު އާންމުން ހޭލުންތެރި ކުރުވުމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކުން މީގެ ކުރަމުން އައި އެއްވެސް މަސައްކަތެއް މިފަހަރު ނުފެއެވެ. ސަރުކާރުގެ ވެސް އަދި އެޗްޕީއޭގެ ވެސް ކަންބޮޑުވުމެއް އޮތް ހެނެއް ހީއެއް ނުވެއެވެ. ގައިމު ސަރުކާރުން އަދި އެއްޗެއް ނުބުނެ އެވެ. މިދިޔަ ހަތް ދުވަހުތެރޭ 2،000 މީހުންނަށް ބަލި ޖެހި 62 ރަށަކަށް ބަލި ދިޔައިރު ދުވަހުގެ ނަންބަރު ބުނެދިނުން ނޫން ކަމެއް އެޗްޕީއޭއަކުން ނުކުރެ އެވެ.

އިންޑިއާ އާއި ލަންކާގެ ހާލަތު ގޯސް

ކޮވިޑް-19 އިގެ ހާލަތު ރާއްޖޭގައި ގޯސްވެ ހަތަރުވަނަ ރާޅެއްގެ ބިރުވެރިކަން ފެށިފައިވާއިރު ރާއްޖެއާ އެންމެ އަވައްޓެރި އިންޑިއާގައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ބޮޑު ގޯހަށް ބަދަލުވެފައެވެ. އެ ގައުމުގެ ހާލަތު ބުނެދޭ ތަފާތު ވީޑިއޯތަކާއި ފޮޓޯތަކުން މުޅި ސޯޝަލް މީޑިއާ އެ އޮތީ ފުރިފަ އެވެ. އެތައް ބަޔަކު ފަރުވާ ނުލިބި މަރުވަމުންދާއިރު ރެކޯޑް އަދަދަކަށް ކޮންމެ ދުވަހަކު އެ ގައުމުން ބައްޔަށް ހުށައެޅޭ މީހުންގެ އަދަދު އިތުރެވެ. ސައުވީސް ގަޑިއިރުގެ ތެރޭގައި އެތައް ލައްކަ ބަޔަކަށް ބަލި ޖެހިފައިވާކަން ދެނެގަނެވޭއިރު އެ ނަންބަރާއެކު މުޅި އިންޑިއާ އޮތީ ބަލިމަޑުކަމުގެ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.

ކޮވިޑުން ސަލާމަތްވުމަށް މިވަގުތު ހޯދިފައިވާ އެންމެ މޮޅު ފަރުވާއަކީ އެ ބައްޔަށް ހޯދާފައިވާ ވެކްސިން ކަމަށްވީއިރު ދުނިޔޭގެ ގިނަ ގައުމުތައް ބަރޯސާވެފައި އޮތީ އިންޑިއާއިން ފޯރުކޮށް ދެމުން އައި ކޮވިޝީލްޑް ވެކްސިނަށެވެ. ނަމަވެސް ހާލަތު ގޯސްވެ މިއަދު އެ ގައުމުވެސް ވަނީ ވެކްސިނަށް ޖެހިފައެވެ. އެމެރިކާ ފަދަ ގައުމުތަކުން މިހާރު ވަނީ އިންޑިއާއަށް ވެކްސިން ފޯރުކޮށް ދޭންް ނިންމާފަ އެވެ. މިއީ ރާއްޖެ ފަދަ އިންޑިއާގެ ވެކްސިނަށް އެދިއެދި ތިބި ކިތަންމެ ގައުމަކަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ.

އިންޑިއާގެ ހާލަތު ގޯސްވެ ބޮއްސުންލައިގެން ގޮސްފައިވާއިރު ކޮވިޑްގެ ނުރައްކާތެެރި ހާލަތެއް ލަންކާގައި ވެސް ވަނީ އުފެދިފަ އެވެ. އެ ގައުމުން ވެސް ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ކޮވިޑްގެ ވަރަށް ނުރައްކާތެރި ވޭރިއަންޓެއް އެ ގައުމުން ވަނީ ފެނިފައެވެ. މިއީ ލަންކާގެ ހާލަތު ނުރައްކާތެރި ފައްތަރަކަށް ގެންގޮސްދާނެ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ދެކެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ރާއްޖެ ބިރުވެރިކަމެއްގައި އޮތް އިރު ފިޔަވަޅުތައް ހަރުކަށިކޮށް ރައްކާތެރިކަމަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ އަނެއްކާވެސް ނުރައްކާތެރި ހާލަތަކަށް ދިއުމުގެ ބިރު ބޮޑެވެ. ހަތް ދުވަސް ވެގެންދިޔަައިރު ނަންބަރު ތިރިނުވެ ކޮންމެ ދުވަހަކު އިތުރު ރަށްތަކަކަށް ބަލި ފެތުރި ބަލި ޖެހޭ މީހުންގެ އަދަދު 400 އިން މައްޗަށް ދިއުމަކީ ބޮޑު ނުރައްކަލެއްގެ އިންޒާރެކެވެ. ރައްކާވެތިބިއްޔާ ދަތުރޭ ބުނާ ފަދައިން މިހާރުވެސް ފިޔަވަޅު އަޅަން ލަސްވެއްޖެ އެވެ. އަދި މި ހާލަތަށް ދިޔައިރު ކުރީން އިދާރާތަކުގެ އަމަލުތައް ހުރި ގޮތަށް މިހާރު އަމަލުތައް ނެތުމަކީ އެއަށްވުރެ މާބޮޑު ކަންބޮޑުވުމެކެވެ.