ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަން ޗައިނާއިން ފެށުނީ 2019 ވަނަ އަހަރުގެ ނޮވެންބަރު ފަހުކޮޅު ނޫނީ ޑިސެންބަރު ކުރީކޮޅެވެ. އެއީ ޗައިނާގައި އޮތް ބައްޔެއް ކަމަށް ދެކި ބައެއް ގައުމުތަކުން "ގާފިލު" ކަމުގައިވަނިކޮށް މުޅި ދުނިޔެ އެ ބަލީގެ ޝިކާރައަކަށްވެ މި ފަހުން ދުނިޔެ ތަޖުރިބާކުރި އެންމެ ބޮޑު ބަލިމަޑުކަމަށް ކޮވިޑް-19 ވެގެންދިޔައީއެވެ. ޗައިނާއިން ބަލި ފެނުނުތާ ތިން މަހެއްހާ ދުވަސް ފަހުން ރާއްޖެއަށްވެސް އެބަލި އައެވެ. އަދާ ހަމައަށް 22،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހި 66 މީހަކު ބަލީގައި މަރުވެއްޖެ އެވެ. އަދިވެސް ކޮންޓްރޯލެއް ނެތި ބަލިޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ކޮވިޑް ބަލިމަޑުކަމާއި ދެކޮޅަށް ދިވެހިން ފެށި މަަސައްކަތުގައި އެހެން ގައުމުތަކެކޭ އެއްގޮތަށް އިސް ސަފުގައި ތިއްބެވީ ސިއްހީ ހިދުމަތްތެރިންނެވެ. އެންމެ އިސް އިދާރާއަކަށްވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެވެ. ނިންމުންތަކުގެ ވެރިއަކަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސަރުކާރުން ނިންމާ ހުރިހާ ނިންމުންތަކެއްގައި ފަހު ބަސް ވިދާޅުވާނީ ކަމާގުޅުންހުރި ސިއްހީ އިދާރާތަކުން ކަމަަށް ވިދާޅުވެފައެވެ.
އެފަހުން އެ ދުވަސްވަރަކަށް އޭރެއްގެ ހާލަތަކަށް ވިސްނާ ކަމާގުޅޭ އިދާރާއިން ގެންދިޔައީ ފިޔަވަޅުތައް އަޅަމުންނެވެ. ބައެއް ފަހަރު ވަރަށް ހަރުކަށި ފިޔަވަޅުތަކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރިއެވެ. މާލެ ސިޓީ ލޮކްޑައުންކޮށް ގޭގެއިން ނިކުމެ އުޅުންވެސް މަނާކުރިއެވެ. ރާއްޖޭގެ އިގްތިސާދުގެ އިންޖީނު މުޅީން ހުއްޓާލާ ދުނިޔެމަތީ ސުވަރުގޭގެ ގޮތުގައި މަޝްހޫރު މި ގައުމުގެ ބޯޑަރު ފުރަތަމަ ފަހަރަށް ދިގު މުއްދަތަކަށް ބަންދުކުރިއެވެ. އެތެރޭގެ އިގްތިސާދުވެސް ހުއްޓާލާ ވިޔަފާރިތަކުގައި ވަގުތީ ގޮތުން "ބަންދު" ބޯޑް އަޅުވަން ޖެހުނެވެ. މިހެން ގޮސް ކިތަންމެ ފިޔަވަޅެކެވެ. ފިޔަވަޅުތަކުގެ އަސަރު އެކި މީހުންނަށް އެކި ވިޔަފާރިތަކަށް އެކި އާއިލާތަކަށް އެކި ކުންފުނިތަކަށް އެކި މިންވަރަށް ކުރިއެވެ.
ބައެއް އާއިލާތަކުން މާލެ ދޫކޮށް ރަށަށް ދިރިއުޅުން ބަދަލުކުރީ މަޖުބޫރު ވެގެން އެ ނޫން ގޮތެއް ނެތިގެންނެވެ. ބައެއް ވިޔަފާރިތައް މުޅީން ބަގުރޫޓްވެ ދުވަހަކު ވިޔަފާރިއެއް ނުކުރާ ފަދައެވެ. ބައެއް ވިޔަފާރިތަކަށް އެތަށް މިލިއަން ގެއްލުންވެ ބަގުރޫޓްވުމާއި ހަމައަށް ދިޔައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅާ ފިޔަވަޅުތަކާއި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން ދޭ ލަފާ ދޭތެރޭ އެކި ފަހަރު އެކި ގޮތަށް ބަހުސް ކުރެވެއެވެ. ނިންމުންތަކާއި ފިޔަވަޅުތަކާމެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. މީގެ ކުރިން އިދިކޮޅުން ބުނި ގޮތުން ކޮވިޑް ފިޔަވަޅުތައް އުވާނުލާ ދޭތެރެ ދޭތެރެއިން ހަރުކަށި ކުރަނީ ސިޔާސީ ބޭނުމަކަށް ސަރުކާރުގެ ނުފޫޒު އޮވެގެނެވެ. ބޭނުންވަނީ ރައްޔިތުން މަގުތަކަށް ނިކުތަ ނުދީ ގޭގައި ބޭތިއްބުމެވެ. ސަރުކާރަށް ކަންކަން ނުވުން ކޮވިޑާ ބޮލުއަޅުވާ ރައްޔިތުން ކުރިމައްޗަށް ނެރޭނެ "ބަހަނާ" އެއް ހޯދުމެވެ. މިކަހަލަ ކިތަންމެ ތުހުމަތެއް އިދިކޮޅުން ކުރިއެވެ.
އޭރު ސަރުކާރުގެ ދިފާއުގައި އޮތް ޕާޓީތަކުން ދެއްކީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ މުހިންމު ކަމުގެ ވާހަކައެވެ. އެޗްޕީއޭއިން އަޅާ ފިޔަވަޅުތަކަކީ މަޖުބޫރުން އެ ނޫން ގޮތެއް ނެތިގެން ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައެވެ. ފިޔަވަޅުތަކަށް ބޯލެނބުމުގެ މުހިންމު ކަމުގެ ވާހަކައެވެ.
ނަމަވެސް މިހާރު މިވަނީ ކުއްލިއަކަށް އެ ވާހަކަތައް ބަދަލުވެފައެވެ. ކާބޯތަކެތީގެ ހިދުމަތްދޭ އެތަށް ވިޔަފާރިތަކަކުން މިދިޔަ އަހަރުން ފެށިގެން ކުރަމުންދިޔަ ޝަކުވާތަކުގެ އަޑު ކުއްލިއަކަށް މެޖޯރިޓީއަށް އަޑުއިވުނު ކަހަލަ އެވެ. އެޗްޕީއޭގެ ނިންމުންތައް ގޯސްވެއްޖެ އެވެ. އެ ނިންމުންތައް ކުށްވެރި ކުރަން ފަށައިފިއެވެ. ބޮޑެތި ތުހުމަތުތައް ޑޮކްޓަރުންނާއި އެޗްޕީއޭ އަދި ޓެގް ޓީމަށް އަމާޒުވެސް ވެއްޖެ އެވެ. ފިޔަވަޅުތައް އިތުރުކުރަމުން ދަންމަމުން ގެންދަނީ ނުހައްގު "މަންފާ" ތަކެއްގެ އެދުމަށް ކަމަށްވެއްޖެ އެވެ.
ސުވާލަކީ މިއީއެވެ. މިވީ ކިހިނެތް ހެއްޔެވެ. ކުއްލިއަކަށް މިވަރު މިވަރު އަރުވާލީ ކީއްވެ ހެއްޔެވެ. އިންތިހާބެއް ބޯމަތިވުމުން ވިޔަފާރިވެރިންގެ ޑިމާންޑްތައް ބޮލާލާ ޖެހެން ނެތީ ހެއްޔެވެ. ނޫންނަމަ ފަރުދާއެއްގެ ފުރަގަހުގައި ހިންގަމުންދިޔަ "ޖަރީމާ" ތަކެއްގެ މައުލޫމާތު ލިބި އެކަން ޔަގީންވީ ހެއްޔެވެ.
ޓެގް ޓީމަށް ބޮޑެތި ތުހުމަތުތަކެއް
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކެފޭ/ހޮޓާ/ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަން އެޗްޕީއޭއަށް އެކި ގޮތްގޮތުން އައީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެކަމުގެ ސާފު ހެއްކަކީ ރޭގަނޑު 8 ޖަހާއިރު ތަަންތަން ބަންދުކުރަން އަންގަމުންދިޔަ އެންގުން އާ ކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭ އެ އެންގުން ބާތިލުކޮށް ވަގުތު އިތުރުކޮށް އާ އެންގުމެއް ނެރުމެވެ. އެކަން އެވީ އެހެން ނޫންނަމަ ދެން އޮތް ގޮތަކީ އެޗްޕީއޭގެ ނިންމުންތަކުގައި ހަރުދަނާ ކަމެއް ނެތުމެވެ.
އާ އެންގުން ނެރުމާއެކު ދެން އައީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޓްވީޓެކެވެ. އެމަނިކުފާނު ވިދާޅުވީ ވިޔަފާރިވެރިން ތިބީ ރޭގަނޑު 10:30 އަށް ހިދުމަތް ދެވޭ ގޮތް ހެދުމުން އުފަލުން ނޫން ކަމަަށެވެ. އަދި އެމަނިކުފާނު މިހާރު ބޭނުންވަނީ ފިޔަވަޅުތައް މުޅީން އުވާލައްވަން ކަމަށެވެ.
އެމަނިކުފާނު މި ޓްވީޓް އައިއިރު މަޖިލީހުގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް އޮތީ މަޖިލީހުގެ އިގްތިސާދީ ކޮމެޓީއަށް ހާޒިރުވާން އަންގާފައެވެ. މަޖިލީހުގެ ޖަލްސާއަށް އޮތީ ކުއްލި މައްސަލައެއް ހުށައަޅާފައެވެ. ޓެގް ޓީމަށް ބޮޑެތި ތުހުމަތުތައް އައީ މަޖިލީހުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުންނެވެ. އަދި ކޮމެޓީގައި ބައެއް މެންބަރުން ދެއްކެވި ވާހަކަފުޅުގައެވެ.
މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވި ގޮތުގައި ކުއްލި ހާލަތު ދަމަހައްޓަނީ ޓެގް ޓީމަށް އެކަމުން ފައިދާއެއް ވާތީއެވެ. އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އެއްވެސް ބާރެއް ނެތެވެ. އެކަމަނާގެ ނިންމުންތަކަކީ ނުފޫޒާއި މަޖުބޫރުން ނިންމާ ނިންމުންތަކެކެވެ. އެކަމުގެ ގިނަ ބައިވަރު ހެކިތައް ހުރި ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެޗްޕީއޭއަކުން ނޫން މި ކަންކަން ކުރަމުންދަނީ. އެޗްޕީއޭގައި މައިމޫނާ އަބޫބަކުރުގެ ބާރެއް ނެތް ކަމަށް ގަބޫލު ކުރެވެނީ... ހަމައެކަނި ޓެގް ޓީމުން ހައިޖެކް ކޮށްފައި އޮންނަ އައިޖީއެމްއެޗްގެ ބަޔަކު ހިސާރު ކޮށްގެން މިއުޅެނީ،" ބޮންޑެ ވިދާޅުވި އެވެ.
ބޮންޑެ ވިދާޅުވި ގޮތުގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ ނަމުގައި އަޅާފައިވަނީ އަސާސެއްވެސް ނެތް ފިޔަވަޅުތަކެކެވެ. އެ ފިޔަވަޅުތަކަކީ ބުއްދިއަށް ގަބޫލުކުރަންވެސް ދަތި ފިޔަވަޅުތަކެކެވެ. އެހެންވީމަ އެ މައްސަލަތަކަށް ހައްލު ހޯދާ އެޗްޕީއޭ މެދުވެރިކޮށް ހިންގާ "ޖަރީމާ" ތައް ހުއްޓުވަން ޖެހެއެވެ.
އެޗްޕީއޭގެ ނިންމުންތަކާމެދު ސުވާލު އުފެއްދި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ބައެއް ނިންމުންތައް ވަރަށް ހޫނުވެ ސައުވީސް ގަޑިއިރު ނުވަނީސް ބަދަލު ކުރަން ނުވަތަ އުވާލަން ޖެހިފައި އެބަހުއްޓެވެ. އަދި ބައެއް ދާއިރާތަކަށް ފިޔަވަޅު އަޅާ ބައެއް ދިމަދިމާއިން ލުއިތައްވެސް ދީފައިވެއެވެ.
އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެޗްޕީއޭއަކުން ނޫން މި ކަންކަން ކުރަމުންދަނީ. އެޗްޕީއޭގައި މައިމޫނާ އަބޫބަކުރުގެ ބާރެއް ނެތް ކަމަށް ގަބޫލު ކުރެވެނީ... ހަމައެކަނި ޓެގް ޓީމުން ހައިޖެކް ކޮށްފައި އޮންނަ އައިޖީއެމްއެޗްގެ ބަޔަކު ހިސާރު ކޮށްގެން މިއުޅެނީއިބްރާހިމް ރަޝީދު | މާފަންނު މެދު ދާއިރާގެ މެންބަރު
ބޮންޑެގެ އެ ވާހަކަފުޅަށް ބާރުދީ މައްޗަށްގޮޅި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވެސް ވާހަކަދެއްކެވިއެވެ. ބޯދިގުވެސް ވަނީ ކުއްލި ހާލަތު އިތުރުކުރުމާއި ފިޔަވަޅުތައް ދެމެހެއްޓުމާމެދު ސުވާލު އުފައްދަވާފައެވެ. އަދި ޓެގް ޓީމުގެ މެންބަރުން ނުގަވައިދުން ފައިސާ ހޯއްދަވަމުން ގެންދަވާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
"އެބަ ފެނޭ 15 ވަރަކަށް މިލިއަން ޑޮލަރު ޕީސީއާރު ޓެސްޓްތަކަށް ހަރަދު ކުރި ކަމަށް ދިވެހިރާއްޖޭގައި. މީގެން ފަސްވަރަކަށް މިލިއަން ޑޮލަރު އެތަނުން އެއް ޑޮކްޓަރެއްގެ ގުޅުން ހުންނަ ކޮންމެވެސް ކުންފުންޏަކުން އެ ނަގާ ވާހަކަ ވެސް ބަޔަަކު ދައްކަމުން އެބަދޭ،" ބޮޑެތި ތުހުމަތުތައް ފެންމަތިކުރައްވާ ރަޝީދު ވިދާޅުވިއެވެ.
ތުހުމަތުތައް ސާފުވާން ޖެހޭ
ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ދިވެހިން އަހަރު ދުވަސް ހޭދަކުރީއެވެ. ސިއްހީ ހިދުމަތްތެރިން އެ މީހުންގެ ހުރިހާ ކަމެއް ގުރުބާން ކޮށް ރައްޔިތުންގެ ހިދުމަތުގައި ތިބޭތާ އަހަރު ދުވަސްވީއެވެ. އިންސާނީ ހިދުމަތުގައި ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ މާހިރުން ހޭދަކުރި އަގުހުރި ވަގުތުތަކާއި ކުރެއްވި ބުރަ އަދި ގައުމީ ހިދުމަތުގެ މި ވަގުތު ފެންމަތި ވެގެން މި އައީ ކޮން ފަދަ ބޮޑެތި ތުހުމަތެކެވެ.
މި ހުރިހާ ތުހުމަތުތަކެއް އޭގެ އެންމެ ފުނުން ތިލައަށް ރައްޔިތުންނަށް ސާފުވާން ޖެހެއެވެ. މެންބަރުން އަތްޕުޅުގައި ހުރި ކަމަަށް ބުނާ ސާފު ހެކިތައް ބޭރަށް ނެރެ ހާމަކޮށްދޭން ޖެހެއެވެ. އެ ތުހުމަތުތައް އަމާޒުވާ ބޭފުޅުން އެކަންކަމުގައި ދިފާއުގައި ދައްކަވަން ހުރި ވާހަކަތަކަށް ފުރުސަތު ދޭން ޖެހެއެވެ.
މިއީ ސިޔާސީ ބޭނުމަކަށްޓަކައި ދައްކައިގެން ވާނެ ވާހަކަތަކެއް ނޫނެވެ. އަދި މިއީ ހަގީގަތެއް އޮތް ވާހަކަތަކެއް ނަމަ ދޫކޮށްލައިގެން ވާނެ ކަންކަމެއްވެސް ނޫނެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަދައްކަވަމުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވި ގޮތުގައި ފިޔަވަޅުތައް އަޅުއްވަނީ ބަލަން ޖެހޭ ވަރަށް ގިނަ ކަންކަމަށް ބެއްލެވުމަށް ފަހުއެވެ. އެކަމުގައި ޓެގް ޓީމާއި އެޗްޕީއޭ އަދި ހެލްތް މިނިސްޓަރުގެ ދައުރު މުހިންމެވެ. ކުއްލި ހާލަތު ދިގު ދަންމަމުން ގެންދަނީ އެކަމުގެ މުހިންމުކަން ބޮޑު ކަމުންނެވެ. އަދި މިވަގުތުވެސް އެ ހާލަތު އެ ގޮތުގައި ކުރިއަށް ގެންދިއުމަކީ ބަލި ކޮންޓްރޯލް ކުރަން ކޮންމެހެން މުހިންމު ކަމެކެވެ. އެއީ ހެލްތް މިނިސްޓަރާއި ސިއްހީ މާހިރުންގެވެސް ވިސްނުމެވެ.
މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރެއްވި ބޮޑެތި ތުހުމަތުތައް ކޮމެޓީގައި މައިިމޫނަށް އަމާޒެއް ނުކުރައްވައެވެ. އެހެންވީމަ ތުހުމަތުތަކާއި ގުޅޭގޮތުން ސީދާ އެކަމަނާ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ފިޔަވަޅުތައް އެޅީ ބަލި ފެތުރުން ކޮންޓްރޯލް ކުރަން އެ ފިޔަވަޅުތައް ކޮންމެހެންވެސް މަޖުބޫރުވުމުން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ކޮބާ؟
ކޮވިޑްގެ މި ހާލަތުގައި އަހަރު ދުވަސްވަންދެން ސިއްހީ ހިދުމަތްތެރިން ކުރި ބުރަ އަދި މިންނެތް މަސައްކަތުގެ އަގު އެންމެ ބޮޑަށް ވަޒަން ކުރައްވާ އެއް ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ބަލިމަޑުކަމުގެ ތެރޭ ގައުމާ މުހާތަބު ކުރެއްވި ފުރަތަމަ ދުވަހު އެމަނިކުފާނު ވަނީ ބޮޑެތި ހުރިހާ ނިންމުންތަކެއް ނިންމުގެ ފުރިހަަމަ ބާރު ސިއްހީ ޓީމަށް ދެއްވާފައެވެ. އަދި ގައުމާ މުހާތަބު ކުރައްވާ ކޮންމެ ފަހަރަކު، ނޫސްވެރިންނާ ބައްދަލު ކުރައްވާ ކޮންމެ ފަހަރަކު އެމަނިިކުފާނު އެންމެ ކުރިއަށް ނެރުއްވަނީ ސިއްހީ ހިދުމަތްތެރިންގެ ހިދުމަތެވެ. އެކަމަށް ޝުކުރުވެރިވާ ހާލު ސިއްހީ ހިދުމަތްތެރިންނަށް ދަރާފައިވާ ދަރަނި ބޮޑު ކަމުގެ ވާހަކަ ތަކުރާރުކޮށް ދައްކަވައެވެ.
މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަރަށް ބުރަކޮށް އުޅުއްވާ ދުވަސްވަރެކެވެ. ރަށްވެހި ފަތިސް އޮންލައިން ބައްދަލްވުންތަކުގައި ބައެއް ރޭރޭ ދެތިން ގަޑިއިރު ހޭދަކުރައްވައެވެ. އެނޫންވެސް އެމަނިކުފާނު ކުރައްވާނެ ބައިވަރު ބައިވަރު މަސައްކަތް ހުންނާނެއެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވާ ދެއްވުމަށް ބުރަކޮށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ނަމަވެސް މިހާރު ފެންމަތިވެގެން އައި ތުހުމަތުތަކަކީ އެކަންކަމާ ގުޅޭގޮތުން ސަރުކާރުން ވާހަކަދައްކަން ޖެހޭނެ ކަންކަމެވެ. އެކަމުގެ ހަގީގަތް ސާފުކޮށްދޭން ޖެހޭނެ ކަންކަމެވެ. ސިއްހީ ހިދުމަތްތެރިންގެ އަގު ވަޒަން ކުރައްވާނަމަ އެކަން ކުރަން ޖެހެއެވެ. އަދި ކޮރަޕްޝަނާ ފަސާދައާ ދެކޮޅަށް މަސައްކަތް ކުރާނަމަ ތުހުމަތުތައް ބަލާ ގޯހެއް ނެތްކަން ޔަގީން ކުރަން ޖެހެއެވެ. ގޯހެއް އޮތްނަމަ ފިޔަވަޅު އަޅަން ޖެހެއެވެ.
މިހާރުވެސް ލައްކަ ގޯސް ހިނގައިފިއެވެ. ބައެއް ބޭފުޅުން މަގާމުން ވަކިވުމާއި ސަސްޕެންޑްވުމާއި މައްސަލަތައް ބަލާނެ ކަމަށް ބުނުން ނޫން ކަމެއް އަދި ނުހިނގައެވެ. ރައްޔިތުންނަށް ޔަގީންކަން ދިން "ޒީރޯ ޓޮލަރަންސް" ސިޔާސަތު ރަނގަޅަށް ތަންފީޒުވާތަނެއް އަދި ނުފެނެއެވެ.