ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ ހާލަތު ގޯސްވަނީ، ވެކްސިން ޖަހާ

ކޮވިޑްގައި ދިވެހިން 543 ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް 81،301 މީހަކަށް ބަލި ޖެހިއްޖެ އެވެ. 226 މީހަކު އެ ބަލީގައި މަރުވެއްޖެ އެވެ. ކޮވިޑްގެ ބަލާ މުސީބާތުގައި އޭޕްރީލް ފަހު ހަފުތާއިން ފެށިގެން ޖޫންގެ ފުރަތަމަ ހަފުތާއާ ހަަމައަށް ދިވެހިން ހޭދަކުރީ ވަރަށް ނުރައްކާތެރި އަދި އެހާމެ ބިރުވެރި ދުވަސްތަކެވެ. އެ މުއްދަތުގެ ތެރޭގައި އެކަނިވެސް 111 މީހަކު ކޮވިޑްގައި މަރުވި އެވެ. 30،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވެއެވެ. މަރުވި މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ ކުރިން އެއްވެސް ބައްޔެއް ނެތް މީހުންނެވެ. ނަމަވެސް މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ހިފެހެއްޓި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް މަދުވި އެވެ.

ނަމަވެސް ހާލަަތު ގޯސްވާން އަނެއްކާވެސް ވަނީ ފަށާފަ އެވެ. މިދިޔަ ދިހަވަރަކަށް ދުވަހު ކޮވިޑް ނަންބަރު ހުރީ 100 އިން މަތީގަ އެވެ. މާލެ ސަރަހައްދުން އަދި އަތޮޅުތަކުންވެސް ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ހާލަތު ރަނގަޅަށް އޮތް ދުވަސްތަކުގައި 7،000 ޓެސްޓުން ޕޮޒިޓިވް ނަންބަރު ހުރީ ގިނަ ދުވަސް ދުވަހު 50 އިން ދަށުގައެވެ. ނަމަވެސް މިހާރު 5،000 ޓެސްޓުން ޕޮޒިޓިވް ނަންބަރު ހުންނަނީ 100 އިން މަތީގަ އެވެ.

އަދި މިދިޔަ ދެ ހަފްތާއެއްގެ ތެރޭގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފަ އެވެ. ފެސިލިޓީތައް ހުހަށް އޮތް ދުވަސްތަކެއް ދިޔަ ނަމަވެސް މިހާރު ކޮންމެ ދުވަހަކުހެން ނަންބަރު ދަނީ އުފުލެމުންނެވެ. އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ދެ އަދަދުގެ ނަންބަރަކުން ދަށް ކުރެވުނު ދުވަސްތަކެއްވެސް ދިޔަ އެވެ. މިއަދު އެ ނަންބަރު ހުރީ 24 ގައެވެ. އެހެން ކަމުން މިއީވެސް ވިސްނާލުން މުހިންމު ކަމެވެ.

މިދިޔަ 10 ދުވަހު ކޮވިޑްގެ ނަންބަރު

  • އޮގަސްޓް 23 - 108 މީހުން
  • އޮގަސްޓް 24 - 151 މީހުން
  • އޮގަސްޓް 25 - 110 މީހުން
  • އޮގަސްޓް 26 - 108 މީހުން
  • އޮގަސްޓް 27 - 103 މީހުން
  • އޮގަސްޓް 28 - 139 މީހުން
  • އޮގަސްޓް 29 - 113 މީހުން
  • އޮގަސްޓް 30 - 169 މީހުން
  • އޮގަސްޓް 31 - 152 މީހުން
  • ސެޕްޓެންބަރު 1 - 189 މީހުން

އަދި ކުޑަކުދިންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ދަނީ އިތުރުވަމުންނެވެ. ސުކޫލު ވެކްސިން ޕްރޮގްރާމް ވަރަށް ބާރަށް އެހާމެ ކާމިޔާބު ކަމާއެކު ކުރިއަށް ދިޔަނަމަވެސް މިހާރުވެސް ސުކޫލުތަކުން ޕޮޒިޓިވް ކޭސްތައް ފެނެ އެވެ. ހުރިހާ މައުލޫމާތެއް މީޑިއާތަކަށް ތިލަ ނުވި ނަމަވެސް މިހާރުވެސް ކިޔެވުން މެދުކެނޑިފައިވާ އެތައް ކުލާހެއް ބައެއް ސުކޫލުތަކުގައިވެ އެވެ.

މީގެ އިތުުރުން ދުނިޔޭގެ އެކި ގައުމުތަކުން އައު ވޭރިއަންޓް ފެނުމާއި ބަލި ފެތުރޭ މިންވަރު އިތުރުވުމުގެ ކަންބޮޑުވުން އަދިވެސް ފިލާ ނުދެ އެވެ. އަވައްޓެރި އިންޑިއާގެ ހާލަތު އަދިވެސް ރަނގަޅެއް ނޫނެވެ. ކޮވިޑް މެނޭޖްކުރުމުގައި ނަމޫނާ ދެއްކި ސްރީލަންކާގެ ހާލަތު އޮތީ ދުވަހަކު ވެސް އެ ގައުމު ނުދެކޭ ފަދަ ހާލަތެއްގަ އެވެ. މި ފަހުން ކޮންމެ ދުވަހަކު 100 އަށް ވުރެ ގިނަ ކޮވިޑް މަރު އެ ގައުމުން ރިޕޯޓް ކުރެ އެވެ. ޔޫރަޕްގައިވެސް ހާލަތު ގޯސް ގައުމުތައް ވެއެވެ. ތުރުކީން އައު ވޭރިއަންޓެއް ފެނިގެން އެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގެ ރިސޯޓްތަކުން ބަލި ޖެހޭ މީހުންގެ އަދަދުވެސް މި ފަހުން ދަނީ އިތުރުވަމުންނެވެ. އެއީ ދުނިޔޭގެ ހާލަތު ގޯސްވުމުން ރާއްޖެއަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. މިދިޔަ ސައުވީސް ގަޑިއިރު 35 ކޭހެއް އެކި ރިސޯޓްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ކުރީ ސައުވީސް ގަޑިއިރު 48 ކޭހެއް ވަނީ ރިޕޯޓްކޮށްފަ އެވެ.

ވެކްސިން ނުޖަހާ 30،000 މީހުން

ކޮވިޑްގެ ނުރައްކާތެރި ހަތަރު ރާޅެއްގެ ތަޖުރިބާ ދިވެހިން ކޮށްފައިވާއިރު އެފަދަ ހާލަތަކަށް ނުދާނެ ކޮންމެ ފިޔަވަޅެއް އަޅަން މަޖުބޫރެވެ. ބަލީން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ ވަސީލަތަކީ ކޮވިޑް-19 ވެކްސިނެވެ. ދިވެހިންގެ ނަސީބު ވަރަށް ރަނގަޅެވެ. މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ވަނީ ލިބިފަ އެވެ. އިއްޔެގެ ނިޔަލަށް 302،000 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފަ އެވެ.

އަދި އުމުުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ހާއްސަ ކެމްޕެއިނެއް އޮތީ ފަށާފަ އެވެ. ސުކޫލު ދަރިވަރުންނަށް ހާއްސަ މި ކެންޕެއިންގެ ތެރެއިން 10 ދުވަސްތެރޭ 33،000 ކުދިންނަށް ވެކްސިން ދީފައިވެ އެވެ. ނަމަވެސް އެ ކުދިންނަށް ކޮވިޑުން ފުރިހަމަ ރައްކާތެރިކަމެއް އޮތީ ދެވަނަ ޑޯޒް ފުރިހަމަކޮށްގެންނެވެ.

ކޮވިޑް ވެކްސިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނު ނަމަވެސް ވެކްސިންގެ އެންމެ ޑޯޒެއް ނުޖަހާ މީހުންގެ ބޮޑު އާބާދީއެއް ވެއެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި 30،000ގެ އާބާދީއެއް އެއްވެެސް ޑޯޒެއް ނުޖަހާވެ އެވެ. މި މީހުންނާ ކޮންޓެކްޓް ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ނަމަވެސް މި ކަމުގައި ފަރުދީ ޒިންމާ ވަރަށް ބޮޑެވެ. ރާއްޖެ ކޮވިޑްގެ ފަސްވަނަ ރާޅެއްގެ ތެރެއަށް ދިއުމުގެ ކުރީން އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ފުރިހަމަ ކުރި އާބާދީ ވީހާވެސް އިތުރުކުރުމެވެ. އެހެން ކަމުން ވެކްސިން ފުރިހަމަ ނުކޮށް ތިބި މީހުން އަވަހަށް ވެކްސިން ޖެހުން މުހިންމެވެ. އެއީ ތިމާއާ މުޅި މުޖްތަމައުގެ ރައްކާތެރިކަމަށްޓަކައެވެ.