ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިންގެ މުހިންމު ކަމަށް މިވާހަކަ ފުދޭ

Feb 2, 2021
13

ދުޅަހެޔޮ ކަމުގައި ތިބި އެތަށް މިލިއަން އިންސާނުންގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި ބަޔަކަށް ހަދާލި ނުރައްކާތެރި އެތަށް ބަލިމަޑުކަމެއް ދުނިޔެ ދެކެ، ތަޖުރިބާ ކޮށްފި އެވެ. ބަލިމަޑުކަމުގެ ސަބަބުން އެތަށް މިލިއަން ބަޔަކު މަރުވެ ހިނގައްޖެއެވެ. މިއީ ފޮރުވެން ނެތް ހަގީގަތެވެ. އެއިން ކޮންމެ ބިރުވެރިކަމާއި ނުރައްކާތެރި ބަލިމަޑުކަމަކުން އެތަށް މިލިއަން ފުރާނައަކަށް ރައްކާތެރިކަން ދިނީ މާތްﷲގެ ރަހުމަތުން ސިއްހީ ތަޖުރިބާކާރުންގެ ތަފާތު ހޯދުންތަކުން އުފެއްދި ވެކްސިންތަކުންނެވެ.

ދުނިޔެ މިހާތަނަށް ދުށް ބޮޑެތި ބަލިމަޑުކަމުގެ ތެރޭގައި ކަށިވިދުރި ނުވަތަ ސްމޯލްޕޮކްސް ހިމެނެއެވެ. ވިހިވަނަ ގަރުނުގައި އެ ބަލީގައި ތިން މިލިއަން މީހުން މަރުވެދިޔައެވެ. އެ ބަލި ޖެހުނު ބައެއް މީހުން ބަލިން ރަނގަޅުވީއިރު އެއް ފަހަރު ބަލި ޖެހޭ މީހަކަށް ދެވަނަ ފަހަރަށް ބަލި ނުޖެހޭކަން ސިއްހީ މާހިރުންނަށް ފާހަގަ ކުރެވުނެވެ. އެހެން ކަމުން ނުރައްކާތެރި ކަށިވިދުރިއަށް ފަރުވާ ހޯދި ދާނެ ކަމުގެ އުންމީދު އާވެ އެ މަސައްކަތް ފެށުނެވެ.

އެފަހަރު އެ މަސައްކަތުގައި ފުރަތަމަ ކާމިޔާބު ހޯދީ ދުނިޔޭގައި ބޭސްވެރިކަމުގައި އެންމެ ކުރިއަރާފައި އޮތް ޗައިނާގެ ބޭސްވެރިންނެވެ. ޗައިނާގެ ބޭސްވެރިން ހޯދި މި އާދަޔާ ހިލާފު ފަރުވާއަކީ ކަށިވިދުރި ޖެހި ބޮޑުވަރު ނުވެ ތިބޭ މީހުންގެ ފާރުތަކުން ހަންކޮޅެއް ނަގާ ހިއްކުމަށް ފަހު ބަލިނުޖެހޭ މީހުންގެ ނޭފަތަށް އެ ހަންކޮޅު ޖެހުމެވެ. އެހެން ހެދުމުން ކަށިވިދުރި އެ މީހަކަށް ނުޖެހެއެވެ. މިއީ ދުނިޔޭގެ ތާރީހުގައި ހޯދުނު ފުރަތަމަ ވެކްސިން ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި ބަލިމަޑުކަމާކާ ދެކޮޅަށް އެހާތަނަށް ހޯދުނު އެންމެ މޮޅު އަދި އާދަޔާ ހިލާފު ފަރުވާއަށް ވެގެންދިޔައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަށިވިދުރި ފެތުރުނު ދުވަސްވަރު އެ ބައްޔާ ދެކޮޅަށް ރާއްޖޭގަައިވެސް ވަަރުގަދަ ހަނގުރާމައެއް ކުރެވުނެވެ. އެކަން ތާރީހުން ފެންނަން އެބައޮތެވެ. 1835 ގައި ދަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ އައި ޑރ. ޑޭވިޑް ކެންބަލް ލިޔުއްވާފައިވާ ގޮތުގައި ބޭރުން އަންނަ ބޯޓް ފަހަރާއި އުޅަނދުތައް ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ. އަދި މީރުބަހުރުގެ އެންމެ ބޮޑު ޒިންމާއަކީ ރާއްޖެ އެތެރެވާ ނުވަތަ ރަށްރަށަށް އަރާ މީހުންނަކީ އެއްވެސް ބައްޔެއް ނެތް މީހެއް ކަމުގައި ކަށަވަރުވުމެވެ.

ރާއްޖޭގައިވެސް ހަލުވިކަމާއެކު ކަށިވިދުރި ފެތުރި ބޮޑު ބަލިމަޑުކަމެއް އާންމުވިއެވެ. އެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހިންނަށް އޭރުވެސް ލިބުނު އެންމެ ބޮޑު ވަސީލަތަކީ ކަށިވިދުރިން ރައްކާތެރިކޮށްދޭ ވެކްސިނެވެ. އެއީ ރާއްޖެއަށް އެހާތަނަށް ގެނެވުނު ފުރަތަަމަ ވެކްސިން މެއެވެ. އެއީ ފެބްރުއަރީ 13، 1960 ގައެވެ. ރާއްޖޭގައި އެ ދުވަސްވަރު ވަރަށް ފުޅާކޮށް އެ ވެެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އޭރު ދިވެހިންގެ ތެރޭގައި އެކަން މަޝްހޫރު ވެފައި އޮތީ "އަތްކެނޑުން" ގޮތުގައެވެ.

ދުނިޔެއިން 300،000 މިލިއަން ފުރާނަ ވަކިކޮށްލި ކަށިވިދުރި ނައްތާލެވިފައިވަނީ 1980 ގައެވެ. އެ ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްވީ ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް އެ ވެކްސިން ދިނުމުންނެވެ.

ރާއްޖޭގައި މިހާތަނަށް ހިންގުނު ވެކްސިންގެ ކޮންމެ ޕްރަގްރާމެއްވެސް ކުރިއަށް ގެންދިޔައީ ގައުމީ ބޮޑު ހަރަކާތެއްގެ ގޮތުގައެވެ. ހުރިހާ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އޮތް ހަރަކާތެއްގެ ގޮތުގައެވެ. އެހެން ކަމުން 1960 ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ހިންގުނު ގައުމީ ވެކްސިން ކޮންމެ ކެންޕެއިނެއްވެސް ވަރަށް ކާމިޔާބެވެ.

ރާއްޖޭގައި ވެކްސިންގެ ތާރީހު

  • 1972 - ރާއްޖެއަށް ބީސީޖީ ވެކްސިން ތައާރަފު ކުރުން
  • 1976 - ޑަބްލިއުއެޗްއޯ އަދި ޑެންމާކް ސްކައުޓް އެސޯސިއޭޝަންގެ އެހީގައި ހިންގި ގައުމީ ވެކްސިން ކެންޕެއިން
  • 1983 - ރާއްޖެއަށް މީސުލްސް ވެކްސިން ތައާރަފު ކުރުން
  • 1985 - އަތޮޅުތަކަށް މާލެއިން ޓީމުތައް ގޮސް ހިންގި ވެކްސިން ޕްރަގްރާމް
  • 1991 - ޕޯލިއޯ ވެކްސިން ތައާރަފު ކުރުން
  • 1993 - ހެޕަޓައިޓިސް ބީ ވެކްސިން ތައާރަފު ކުރުން
  • 2000 - ރާއްޖެއިން ޕޯލިއޯ ނައްތާލުން
  • 2003 - އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން ވެކްސިން ޖަހަން ފެށުން
  • 2007 - ރާއްޖެއަށް އެމްއެމްއާރް ވެކްސިން ތައާރަފު ކުރުން
  • 2013- ރާއްޖެއަށް ޕެންޓަވެލަންޓް ވެކްސިން ތައާރަފު ކުރުން
  • 2015 - ރާއްޖެއަށް އިން-އެކްޓިވޭޓަޑް ޕޯލިއޯ ވެކްސިން ތައާރަފު ކުރުން
  • 2016 - ނުވަ މަހުގައި ދޭން ޖެހޭ މީސުލްސް ވެކްސިންގެ ބަދަލުގައި މީސުލްސް ރުބެއްލާ ވެކްސިން ދޭން ފެށުން
  • 2017 - މީސުލްސް ރުބެއްލާ ވެކްސިންގެ ގައުމީ ކެންޕެއިން ފެށުން

ރާއްޖޭގައި 40 އަހަރުގެ ދިގު މުއްދަތަކަށް ހިންގުނު ވެކްސިން ކެންޕެއިންތަކުގައި އާބާދީގެ 93 އިންސައްތައަށް ވަނީ ވެކްސިން ދީފައެވެ. އެކަމުގެ ސަބަބުން ބޮޑެތި ބަލިތަކުން ސަލާމަތްވެފައިވާ މުޖްތަމައެއް ބިނާ ކުރެވުނެވެ.

ނަމަވެސް ރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައިވެސް ގަވާއިދުން ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ ދުނިޔެއިން ނައްތާލެވިފައިވާ ނުރައްކާތެރި އެތަށް ބައްޔެއް އަލުން އައުމަށް ދެވޭ ފުރުސަތެކެވެ.

ރާއްޖެއިން ނައްތާލި ހިމަބިހި ނުވަތަ މީސުލްސް މިދިޔަ 2020 ވަނަ އަހަރު އަލުން ފެތުރި އެ ބަލީގެ އައުޓްބްރޭކެއް އައުމަކީ އެކަމުގެ ހެއްކެވެ. މިއީ ވެކްސިނަށް ސަމާލުވުމަށް ދިވެހިންނަށް ލިބުނު އިންޒާރެއް ކަމުގައި ސިއްހީ ތަޖުރިބާކާރުން ދެކެއެވެ.

"ކޮންމެ ވެކްސިނެއްވެސް އެ ކަނޑައަޅާ ވަގުތުގައި ޖެހުން އެއީ ރައްކާތެރިކަމަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް،" ޑރ. ފާތިމަތު ނަޒްލާ ވިދާޅުވިއެވެ.

ބަލިމަޑުކަމެއް ނައްތާލުމަށް ނުވަތަ އެ ބައްޔަކުން ސަލާމަތްވުމަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމަކީ މުހިންމު ކަމެކެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ފަސޭހައިން ފެތުރޭ ބޮޑުބަލިމަޑު ކަމަކުން ސަލާމަތްވުމަށް އާބާދީގެ 98 އިންސައްތަ މީހުންނަށް ވެކްސިން ދޭން ޖެހެއެވެ. އަދި ފަސޭހައިން ފެތުރޭ ނުރައްކާތެރި ބަލިތަކަށް އޮތް އެންމެ ޔަގީން ހަތިޔާރަކީ ވެކްސިނެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި ނުރައްކާތެރި ދުވަސްތައް މާޒީގެ ތެރެއަށް ދޫކޮށްލުމަށް އިއްޔެ ދިވެހިން ފެށީ ތާރީހީ ދަތުރެކެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް އިއްޔެ ފެށީ ކުރިއަށް އޮތް ހަ މަސްތެރޭ މުޅި އާބާދީގެ ވެކްސިން ޖެހޭ އުމުރުގެ ހުރިހާ އެންމެންނަށް ވެކްސިން ދިނުމުގެ ގަދަ އުންމީދު ގައެވެ. ކާބަފައިންގެ ހިތްވަރުން ލިބުނު ރައްކާތެރިކަމުގެ އުފާ މިއަދުގެ ޒީލަށް ލިބޭ ފަދައިން މިއަދުގެ ޒީލުގެ ހިތްވަރުން ދެން އޮތް ޖީލަށް ރައްކާތެރިކަން ހޯދައިދިނުމުގެ ވަރުގަދަ އަޒުމުގައެވެ.

ވެކްސިނަކީ ހަމައެކަނި ފުރަން ޖެހޭ ގޮޅިއެއް ނޫނެވެ. އަދި އެއީ ހަމައެކަނި ޖަހަން ޖެހޭ އެއްޗެއްވެސް ނޫނެވެ. އެއީ ވަރުގަދަ ހަތިޔާރެއް ކަމުގައި ދެކި މި ބަލިމަޑުން ސަލާމަތްވެ އާންމު ހާލަތަށް ރުޖޫއަވުމުގެ އުންމީދުގައެވެ.