ފުލުހުންގެ އިދާރާގެ އިސް ހަތް އޮފިސަރަކު ވަޒީފާ އިން ވަކިކުރަން ނިންމި ކަމަށް ބުނެ ދައުރުވަމުންދާ ހަބަރުތަކުގައި ހިމަނާފައިވާ އޮފިސަރުންގެ ލިސްޓް ސައްހަ ނޫން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ބުނެފި އެވެ.
ޕޮލިސް ބޯޑުން ދިވެހި ފުލުހުންގެ ހިދުމަތުގެ އިސް ހަތް އޮފިސަރަކު ވަކިކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި އޮފިސަރުންގެ ފޮޓޯއާއެކު ވަނީ ނަންތައް އާންމުކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ލިސްޓް ސައްހަ ނޫން ކަމަށެވެ.
"ރިޕޯޓްކޮށްފައިވާ ލިސްޓްގައި އެބަ ހިމެނޭ ފުލުހުންގެ ހިދުމަތަށް ލިބިފައިވާ ލިސްޓްގައި ހިމެނިވަޑައިނުގަންނަވާ އޮފިސަރުންވެސް. އަޅުގަނޑުމެން މި ދަންނަވަނީ އެ ލިސްޓަކީ ސައްހަ ލިސްޓެއް ނޫނޭ،" އޮފިސަރު އަވަސްއަށް ވިދާޅުވިއެވެ.
އޮފިސަރު ވިދާޅުވީ ޕޮލިސް ބޯޑުގެ ނިންމުން ފުލުހުންގެ ހިދުމަތަށް ލިބިފައިވާ ކަމަށާ ނަމަވެސް އެ ނިންމުމާއި ގުޅޭގޮތުން އަދި ގޮތްތަކެއް ނިންމާފައިނުވާ ކަމަށެވެ. އެ ކަމާއި ގުޅޭ ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޕޮލިސް ބޯޑްގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރެކެވެ. އެއީ އަހްމަދު ފަޔާޒް ހަސަން އާއި އާއިޝަތު ނޫރާ މުހައްމަދު އާއި އަލީ ފާއިޒު އާއި އަހުމަދު ނާޝިދު އާއި އާދަމް އިބްރާހީމް އާއި ހާމިދު އަބްދުލްގަފޫރު އަދި ސަފާ ޝަރީފް އެވެ.
ބޯޑުގެ ރައީސަކީ އަލީ ފާއިޒު އެވެ. ނާއިބް ރައީސަކީ އަހުމަދު ފަޔާޒް ހަސަން އެވެ.
ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.
ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިވެސް ތިބޭނެ އެވެ.
ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަންޖެހޭ ކަންތައްތައް ވެސް ގާނޫނުގައި ހިމެނެ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ. އަދި އޮފިސަރަކާ ދެކޮޅަށް ޕޮލިސް ބޯޑަށް ކުރެވޭ ތުހުމަތުތައް މަދަނީ މިންގަނޑަކުން ސާބިތުވާ ނަމަ އަދި އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލުކަން ނެތް ބޭފުޅެއް ކަމަށް ބޯޑަށް ފެންނަ ނަމަ، ވަޒީފާއިން ވަކިކުރަން ބޯޑަށް ނިންމި ދާނެ އެވެ.