މޯލްޑިވްސް ޕޮލިސް ސާވިސް

ޖަވާބުދާރީވާން ފުރުސަތު ނުދީ އޮފިސަރުން ވަކިކޮށްފި

އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު މަގާމުން ވަކިކޮށްފި އެވެ. އެ ދެ އޮފިސަރުން މަގާމުން ވަކިކޮށްފައިވާކަން މިއަދު ވަނީ އަންގާފައެވެ. މީގެ ދުވަސްކޮޅެއް ކުރީން އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ނިންމާފައިވާކަން ވަނީ ލިޔުމުން އަންގާފައެވެ.

މީގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު ވަކިކުރުމުގެ އިޖުރާއަތް ވަނީ ފަށާފައެވެ. އެ ގޮތުން އެ ހަތަރު ބޭފުޅުންނަށް މިއަދު ވަނީ ވަކިކުރުމުގެ އިޖްރާއަތް ފަށާ ނޯޓިސް ފޮނުވާފައެވެ.

ފުލުސް އޮފިސަރުން ވަކިކޮށްފައި މިވަނީ އޮފިސަރުން އެކަމާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތުން ބޭރުން މައްސަލަ ނިންމަން ދައުލަތް ދެކޮޅު ހެދުމުން މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމާފައިވަނިކޮށެވެ.

އޮފިސަރުންގެ މައްސަލާގައި ވަކާލާތުކުރާ ދިވެހި ޗެމްބާސްގެ ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ މި މައްސަލައިގައި މިއަދު އޮތް ޑިސްޕިއުޓް މަރުހަލާގައި ފަނޑިޔާރު ތަކުރާރުކޮށް މައްސަލަ ހައްލު ކުރުމަށް ފުރުސަތު ދައުލަތަށް ދެއްވި ކަމަށެވެ. ނަމަވެސް ދައުލަތުން އެދެމުން ދިޔައީ އިތުރު ވަގުތަށް ކަމަށާއި އެކަމަކު އޮފިސަރުންގެ މަސްލަހަތަށް ބަލައި، ވަގުތު ދެވެން ނެތް ކަމަށް ގާޒީ ނިންމެވި އެވެ.

"މި މަރުހަލާގައި މައްސަލަ ހައްލު ނުވުމާއި ގުޅިގެން މިހާރު ވަނީ މައްސަލަ ޝަރީއަތަށް ފޮނުުވުމަށް ނިންމާފައި،" ސިވިލް ކޯޓުގެ ގާޒީ ކަން ވެސް ކުރައްވާފައިވާ ނިހާޔަތު ވިދާޅުވި އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ފަރުހާދާއި ޝުހާދު ބައިވެރިވެފައެއް ނުވެ އެވެ.

ދިވެހި ޗެމްބާސް އިން ބުނީ ފުލުހުންގެ އިދާރާގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ އޮފިސަރުންތަކެއް ވަކިކުރަން ނިންމާފައި ވަނީ ބޭއިންސާފުން ކަމަށެވެ. އޮފިސަރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދީ ވަޒީފާ އިން ވަކިކުރާތީ އެ ބޭފުޅުންނަށް ގާނޫނީ ގޮތުން ލިބޭ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ.

ފުލުހުންގެ އޮފިސަރުންތަކެއް ވަކިކުރަން ފުލުހުންގެ ބޯޑުން ލަފާ ދީފައިވާ ގާނޫނާ އެއްގޮތަށް ކަން ޔަގީން ކުރުމަށްޓަކައި އެ މައްސަލަ ވަނީ މަޖިލީހުގެ 241 ކޮމިޓީ އަށް ވެސް ހުށަހަޅާފަ އެވެ.