މުހައްމަދު ހަމީދު

ސީޕީ ޕޮލިސް ބޯޑަށް ހާޒިރު ކުރަނީ

Feb 21, 2022

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު، ޕޮލިސް ބޯޑަށް ހާޒިރުވާން އަންގައިފި އެވެ. އެކަން ނޫސްވެރިންނާއެކު ފުލުހުން ބޭއްވި ބައްދަލްވުމުގައި ސީޕީ ވަނީ ޔަގީން ކޮށްދެއްވާފައެވެ.

ސީޕީ ވިދާޅުވީ ޕޮލިސް އޮޕަރޭޝަނެއްގައި ގޯސް ހަދާފައިވާ ކަމަަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޕޮލިސް ބޯޑަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. ޕޮލިސް ބޯޑަށް ހާޒިރުވާން ސީޕީއަށް އަންގާފައިވަނީ މާދަމާ މެންދުރު ދޭއް ޖަހާއިރަށެވެ.

ޕޮލިސް ބޯޑްގެ ސަމާލު ކަމަަށް ޑްރަގް އޮޕަރޭޝަންގެ މައްސަލަ ގެނެސްފައިވަނީ ޕީޖީ އިންނެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ.

ނަމަވެސް ޕޮލިސް ބޯޑް އުފެއްދި މަގުސަދާއި އެ ބޯޑްގެ މަސައްކަތްތަކާމެދު އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ޕޮލިސް ބޯޑްގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރެކެވެ. އެއީ އަހްމަދު ފަޔާޒް ހަސަން އާއި އާއިޝަތު ނޫރާ މުހައްމަދު އާއި އަލީ ފާއިޒު އާއި އަހުމަދު ނާޝިދު އާއި އާދަމް އިބްރާހީމް އާއި ހާމިދު އަބްދުލްގަފޫރު އަދި ސަފާ ޝަރީފް އެވެ.

ބޯޑުގެ ރައީސަކީ އަލީ ފާއިޒު އެވެ. ނާއިބް ރައީސަކީ އަހުމަދު ފަޔާޒް ހަސަން އެވެ.

އެ ބޯޑުން މިހާރު ވަނީ ހަތް އޮފިސަރަކު ވަކި ކުރަން ނިންމާ އެކަން ތަންފީޒު ކުރަން އަންގާފައެވެ. ނަމަވެސް މަގާމުން ވަކިކޮށްފައިވަނީ ދެ އޮފިސަރުންނެވެ.