އީވާ އަބްދުﷲ

ބިލުތައް ނެތުމުން ތަޅުމުގައި ކުރާނެ ބަހުސެއް ނެތް: އީވާ

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިވަގުތު ކުރާނެ މާބޮޑު ބަހުސެއް ނެތް ކަަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އީވާ މިއަދު ވިދާޅުވީ ނިމިގެން ދިޔަ މަޖިލީހުގެ ދައުރުގައި ގިނަ ބިލުތަކެއްގެ ބަހުސް ނިންމި ކަމަށާއި އަދި އެ ބިލުތައް މިހާރު އޮތީ ކޮމިޓީ މަރުހަލާގައި ކަމަށެވެ.

ނިމިގެން ދިޔަ ދައުރުގައި ހުށަހެޅި ގިނަ ބިލުތަކެއް ގާތްގަނޑަކަށް ނިންމާލެވުނު ކަންވެސް އީވާ ފާހަގަކުރެއްވި އެވެ.

"އެހެންވެ އިއްޔެ ވެސް އަޅުގަނޑު ދެންނެވީ މި ދައުރުގެ މައިގަނޑު މަސައްކަތް މި ވަގުތު ކުރެވެން އޮތީ ކޮމިޓީ މަރުހަލާގައޭ،" އީވާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް އިއްޔެ ފަށިފަހުން މިހާތަނަށް ބަހުސްކޮށްފައިވަނީ އެންމެ ދެ ބިލަކަށެވެ. އެއީ އުފަންވުމާ މަރު ރަޖިސްޓްރީ ކުރުމާ ގުޅޭ ބިލާއި ޖަނަވާރުންގެ ސިއްހަތާ ގުޅޭ ބިލާއި ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ބިލެެވެ.

އެ ތިން ބިލަކީވެސް ނިމިގެން ދިޔަ ދައުރުގައި މަޖިލީހަށް ހުށަހެޅި ބިލުތަކެކެވެ. ނަމަވެސް އެ ބިލުތަކުގެ ބަހުސްތައް ނިމިގެން ދިޔަ ދައުރުގައި އެއްވެސް ވަރަަކަށް ކުރިއަށް ގެންގޮސްފައި ނުވެ އެވެ.


މަޖިލީހުގައި ބަހުސްކުރާނެ ބިލުތައް ނެތިގެން މަޖިލީހުގައި އިތުރަށް ކުރާނެ ބަހުސެއް ނެތް ކަމަށް އީވާ ވިދާޅުވި އިރު މި ދައުރުގައި 32 ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަަމަށް ސަރުކާރާ ހާވާލާދީ މިއަދު އީވާ ވަނީ ވިދާޅުވެފަ އެވެ. މީގެތެރޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިތުރު އިސްލާހެއް ގެނައުމުގެ ބިލާއި، ހެއްކާ ބެހޭ ބިލުގެ އިތުރުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ނިއުސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ބިލު ފަދަ މުހިންމު ބިލުތައް ހިމެނެ އެވެ. ނަމަވެސް އެ ބިލުތައް މަޖިލީހަށް ފޮނުވާނެ ދުވަހެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

މަޖިލީހުގެ ތަޅުމުގައި ބަހުސްކުރާނެ ބިލުތައް ނެތިގެން މިއަދާއި އިއްޔެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔައީ މެންދުރު ނަމާދުގެ ވަގުތާ ހަމައަށެވެ. މީގެ ކުރިން މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ނިންމާލަނީ މެންދުުރުފަހު 2:30 ގައެވެ.