ރައްޔިތުންގެ މަޖިލިސް

ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކުރަން ގޮވާލާ ގަރާރެއް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ -- ފޮޓޯ: މަޖިލިސް
0%
0%
0%

ދިވެހި ދައުލަތުގެ ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ގަރާރު މަޖިލީހަށް ތައާރަފުކޮށްފަ އެވެ.

ގަރާރުގައި ބުނެފައިވަނީ ދައުލަތް ދަރަނިވެފައިވާ މިންވަރާއި އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި އަދި އެ ދަރަނި އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ އާމްދަނީ ޖާގަދޭނެ މިންވަރު ދެނެގަތުމާއި ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް އޮކްޓޫބަރު 27، 2020 ގައި މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓް ފާސްކޮށް އޭރު އޮތް ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ލަފާދީފައިވާ ކަމަށާ ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީ މުރާޖައާކޮށް ދަރަނީގެ ސްޓްރެޓެޖީ ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ނަތީޖާ ހާސިލުކުރެވޭނެ ގޮތަށް ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު މަޖިލީހާ ހިއްސާކުރުމަށް ބަޔާންކުރި ނަމަވެސް އޭރުގެ ސަރުކާރުން އެ މައުލޫމާތު މަޖިލީހާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ 2013 ވަނަ އަހަރު އަމަލުކުރަން ފެށި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު އިސްލާހުކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޓެކްނިކަލް އެހީތެރިކަން ދިވެހި ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

އެ ގާނޫނަށް ހުށަހަޅާ އިސްލާހު މަޖިލީހަށް ހުށަހެޅުން މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައިވާއިރު އަންނަ ކޮންމެ ސަރުކާރަކުންވެސް ވެރިކަމާ ހަވާލުވުމާއެކު ދައުލަތް ދަރަނިވެރިވާ މިންވަރާއި އެ ދަރަނި ބެހެއްޓިފައިވާ ގޮތާއި އެ ދަރަނި އަނބުރާ ދެއްކުމަށް އަމާޒުކުރާ ގޮތުގެ ޕްލޭން އާންމުކުރަންޖެހޭ ގޮތަށް ގާނޫނުގައި ހިމެނުން މުހިންމު ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގައި ހިންގާ ޕަބްލިކް އިންވެސްޓްމަންޓް ޕްރޮގްރާމްތަކުގައިވެސް ގައުމުގެ ތަރައްގީއަށް ވާސިލުވާނެ މައިގަނޑު އަމާޒެއް ފެންނަން ނެތުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އީވާގެ ގަރާރުގައި ބުނެފައިވެ އެވެ.

އެހެންކަމުން ވަށާޖެހޭ ޕްލޭނެއް އެކުލަވާލައި އެ ޕްލޭންއަކީ ރާއްޖޭގެ މާލީ ހާލަތް ތަންދޭ މާލީ ގޮތުންވެސް އިގުތިސާދީ ގޮތުންވެސް ގައުމު ކުރި އަރައިދާނެ ފަދަ ސިޔާސަތެއް ސަރުކާރުން އެކުލަވާލުމަށާއި ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށާއި ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ގާއިމުކުރުމަށް ރާއްވާފައިވާ ގޮތާއި ތަރައްގީގެ މަޝްރޫއުތަކުގެ ހަރަދު އަންދާޒާތަކާއި ސްޓްރެޓީޖިކް ޕްލޭން ހާމަކުރުމަށް މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910