އީވާ އަބްދުﷲ

ސަރުކާރުތަކާއެކު ހާރިޖީ ސިޔާސަތު ބަދަލުކުރުން ހުއްޓުވަން ގަރާރެއް

ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ހާރިޖީ ސިޔާސަތު ބަދަލުވެގެންނުދާނެ ގޮތަށް ސިޔާސަތު ދެމެހެއްޓުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރު މަޖިލީހަށް ތައާރަފުކޮށް ފުރަތަމަ ކިޔުން އިއްވުމެވެ.

އީވާގެ ގަރާރުގައި ވަނީ ރާއްޖޭގައި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަދަލުވެގެންދާ ދިޔުމުގެ ސަބަބުން ޒަމާނުއްސުރެ ރާއްޖެއަށް މަދަދުވެރިވާ ގައުމުތަކާމެދު އޮތް ދުވަސްވީ ރަހުމަތްތެރި ގުޅުން ހީނަރުވެ ރާއްޖޭގެ ހާރިޖީ ގުޅުމަށް ދާއިމީ ގޮތެއްގައި އެކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކީ އެއް ލިޔުމެއްގެ ގޮތުގައި ވަކިން ލިޔެވި ކޮންމެ ސަރުކާރަކުން އަމަލުކުރުން ލާޒިމުވާގޮތަށް އޮތް ސިޔާސަތެއް ކަމުގައި ނުވާހިނދު، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާގޮތް ބަލައި، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) ގެ ދަށުން، އެ އިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ބާރާއި މަސްއޫލިއްޔަތެއް،" އީވާގެ ގަރާރުގައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ ގައުމުގެ ހާރިޖީ ސިޔާސަތު ރައީސް ކަނޑައަޅަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާ ހިލާފުނުވާ ގޮތަަށް ކަމަށެވެ.

ގައުމުގެ ހާރިޖީ ސިޔާސަތަކީ ގާނޫނީ އިމުން ބޭރުވެވޭނެ ނުވަތަ ވާނެ ގެއްލުމަކަށް ނުވަތަ ކުރާނެ ނޭދެވޭ އަސަރަކަށް ބެލުމެއްނެތި އެއިރެއްގައި އޮންނަ ސަރުކާރަކުން އެއްވެސް ދިރާސާއެއް ކުރުމަކާ ނުލައި ކުއްލިޔަކަށް އަމަލުކުރަން ފެންނަ ގޮތަކަށް ބައްޓަންކޮށް ގައުމުގެ ޒަމާންވީ ސިޔާސަތުތައް ބަދަލަުކޮށްލެވޭ ގޮތަށް އޮންނަ ކަމެއްގެ ގޮތުގައި ވެގެން ނުވާނެ ކަމަށްވެސް މި ގަރާރުގައިވެ އެވެ.

ގައުމުގެ އެތެރޭގެ ސިޔާސީ ހަލަބޮލިކަމުުގެ ތެރެއަށް ގައުމުގެ ހާރިޖީ ސިޔާސަތު ވަދެގެންދާތަން މިއަދު ފެންނަމުންދާ ކަމަށާއި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަދަލުވެގެންދާ ކަމަށް ގަރާރުގައިވެ އެވެ.

"ގައުމުގެ ހާރިޖީ ސިޔާސަތު ކުއްލިއަކަށް ބަދަލުވެގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން އެކި ގޮތްގޮތުން މި ކުޑަކުޑަ ދިވެހިރާއްޖެއަށް މަދަދުވެރިވާ ގައުމުތަކާމެދު އޮތް ދުވަސްވީ ގާތް ގުޅުން މިދަނީ ހީނަރުވަމުން،" ގަރާރުގައި ބުނެފައިވެ އެވެ.

ގައުމުގެ ހާރިޖީ ސިޔާސަތަކީ އަންނަ ކޮންމެ ސަރުކާރަކުންވެސް އެއަށް އިހުތިރާމުކޮށް ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް ސިޔާސީ ފައިދާއަށް ގައުމުގެ ހާރިޖީ ސިޔާސަތު ބޭނުންނުކުރެވޭނެ ގޮތަށް ބައްޓަންކުރުމަށް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.