އަފްގާނިސްތާނުގެ ސަރުކާރު ވެއްޓި ތާލިބަނުންގެ އަތްމައްޗަށް ގައުމު ގޮސްފައިވާއިރު އެ ގައުމުގެ ޖަލުގައި ތިބި ދިވެހި ދެމަފިރިންނާއި އެ މީހުންގެ ހަތަރު ދަރިންގެ ހާލު ހުރި ގޮތެއް އެނގިފައި ނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން
ބުނެފި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެޗްއާރްސީއެމްގެ މެމްބަރަކު އަވަސް އަށް ވިދާޅުވީ އަފްޣާނުގައި ތިބި ދިވެހިންގެ ހާލު އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އެ ގައުމުގެ ހިއުމަން ރައިސްޓް ކޮމިޝަނާއި ގުޅައި ވީއެންމެ އަވަހަށް އަފްޣާނުގައި ތިބި ދިވެހިންގެ މައުލޫމާތު ދިނުމަށް އެދިފައިވާނެ ކަމަށެވެ.
މ. މޫންލައިޓްވެލީ، އަލީ ޝާފިއު އާއި އޭނާގެ އަންހެނުންނާއި ހަތަރު ދަރިން ތިބީ އަފްގާނުގެ ޖަލެއްގަ އެވެ. އަފްޣާނިސްތާނުގެ ސަރުކާރު ބަދަލުވެފައި މިވަނީ އެ ކުދިން ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން ދަނިކޮށެވެ. މިކަމާ ގުޅިގެން އެޗްއާރްސީއެމްގެ މެމްބަރު ވިދާޅުވީ މިހާރު އޮތީ ފޮރިން މިނިސްޓްރީން އެކުދިން ގެނައުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަމުގެ އަޕްޑޭޓެއް ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.
ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން އެކުދިން ރާއްޖެ ގެނައުމަށް އުދަގޫތަކެއް ކުރިމަތިވާނެ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ. އަދި އެކުދިންނާ ގުޅޭ މައުލޫމާތެއް ލިބުނުހާ އަވަހަށް ހިއްސާ ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ޝާފިއު، އަފްޣާނިސްތާނަށް އެތެރެވެފައި ވަނީ އޮކްޓޫބަރު 2018 ގައެވެ. އޭނާ އެތެރެވީ ސްރީލަންކާ މަގުން ޕާކިސްތާނަށް ގޮސް އެ ގައުމުންނެވެ. ޝާފިއު އާއި އާއިލާ ހައްޔަރު ކުރީ އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސުންނެވެ. ޝާފިއު އަފްގާނިސްތާނަށް ދަތުރު ކުރީ ޓެރަރިސްޓު ޖަމާއަތް އިސްލާމިކް ސްޓޭޓުގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ހޮރިސާން ޕްރޮވިންސް"އާ ގުޅުމަށެވެ.
އޭނާ ވަނީ 2015ގައި ވެސް ޖިހާދު ކުރަން ދާން ކަމަށް ބުނެ ކުރީގެ އަނބިމީހާ އާއި ދަރިއަކު ގޮވައިގެން ސީރިއާ ފުރަން އުޅެފަ އެވެ. ނަމަވެސް އެފަހަރު ފުލުހުން އޭނާ އެއާޕޯޓުން ހިފެހެއްޓީ އެވެ.
ހަމަ އެ އަހަރު އޭނާ ވަނީ ބ. ހިބަޅިދޫ ފަޅުތެރެއިން ފެނިފައިވާ ސިފައިންގެ އިން ވަގަށް ނަގާފައިވާ ހަތިޔާރާއި ގޮވާތަކެއްޗާ ގުޅުން ހުރި ބައެއް ތަކެތި އޭނާގެ އަތުން ފެނިގެން ވެސް ހައްޔަރުކޮށްފަ އެވެ. ނަމަވެސް ހެކި ނެތިގެން އޭނާ ދޫކޮށްލީ އެވެ.