AVAS PHOTO ESSAY

ބްރިޖް ގޭޓް ދަބަރު ގޭޓެއް!

ސިނަމާލޭ ބްރިޖްގެ މައި ގޭޓް: ބެލެހެއްޓުމުގައި ފަރުވާ ކުޑަ ކުރުމާއި އަޅައިލުން ކުޑަވުމުގެ ސަބަބުން ގޭޓް މިހާރު ވަނީ ދަބަރަށްވެ ވީރާނާވާން ކައިރިވެފައި -- ފޮޓޯތައް: އަހުމަދު އަޝްހާދު (ޖެރީ) | އަވަސް

އޯގަސްޓް 30، 2018 ގައި ސިނަމާލެ ބްރިޖް ހުޅުވި އެވެ. އެއީ ހުރިހާ ދިވެހިން ދެކެމުންއައި ހުވަފެނެއްގައި ކުލަޖެހުނު ތާރީހީ ދުވަހެކެވެ. މީގެ ތިން އަހަރު ކުރި އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގަ ހިންގި އެންމެ ބިޔަ ބޮޑު މަޝްރޫއު ވެސް މެއެވެ. ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި ފުރަތަމަ ފަސް އަހަރު ތެރޭގައި ބުރިޖް އަޅުއްވާނެ އެވެ. ބުރިޖްގެ ފައުންޑޭޝަންގެ މަސައްކަތް ކުރަން ޕްލެޓްފޯމެއް އެޅީ މެއި، 2016 ގައެވެ. މެއި، 30، 2017، ގައި ބްރިޖުގެ ކޮންކްރީޓް ތަނބުތައް ފެނުން މައްޗަށް އެރިއެވެ.

ސިނަމާލެ ބްރިޖްގައި ހަދާފައި ވަނީ ވެހިކަލްތަކަށް ހަތަރު ލޭން ހިމެނޭ ގޮތަށް ހުޅުލޭ ކޮޅަށް ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުރެއެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ހަރަދު ކުރި އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަ ކުރިއެވެ. ބްރިޖު ދަތުރުތަކަށް އާއްމުކޮށް ހުޅުވާލީ ސެޕްޓެމްބަރު 7، 2018 އިގަ އެވެ.

ބްރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލު ކޮށްގެނެވެ. ކުރިން ބްރިޖް ދަގަނޑުތަކުގައި ދަބަރު ޖަހާތީ އެހެން މެޓީރިއަލެއް ބޭނުން ކޮށްގެން ދަބަރު ނުޖަހާ ގޮތް ވަނީ ހަދާފަ އެވެ. އެ ކުންފުނިން ބްރިޖް ބެލެހެއްޓި ނަމަވެސް އެނގިފައިވާ ގޮތުގައި ބްރިޖްގެ ގޭޓަކީ މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ ބައެކެވެ. ބްރިޖްގެ މޫނުމަތި ނުވަތަ ގޭޓް އެއްގޮތަކަށް ވެސް ނުބަލަހައްޓާތީ މިހާރު ވަނީ މުޅީން ދަބަރަށް ވެފަ އެވެ.

މާލޭ ކޮޅުން ބުރިޖު ފަށައިދޭ އިސްލާމީ ވަންތަކަން ރަމްޒު ކޮށްދޭ ދޮރާއްޓާއި އެތާނގައި ދިވެހިންނާއި ޗައިނާ ބަހުން ލިޔެފައިވާ ބްރިޖްގެ ނަން "ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބުރިޖް" ހިމެނޭ ލެޑް ބޮކިތައް ފަހަރަކު އަކުރެއް ނިވެމުން ގޮސް ނަމާއި ދޮރާށީގައި ހިމެނޭ އެހެން ބައެއް ލައިޓްތައް އެއްކޮށް ނިވާލީ ސެޕްޓެމްބަރު 29، 2019 އިގަ އެވެ. އޭގެ ފަހުން ނޮވެމްބަރު 27، 2019 އިގައި ބްރިޖްގެ ގޭޓް ދިއްއްލި އެވެ. ނަމަވެސް އޭގެ ހަފުތާއެއް ފަހުން އަނެއްކާ ވެސް ނިވާލި ގޮތަށް ނުދިއްލަ އެވެ.

އެނގިފައިވާ ގޮތުގައި ބްރިޖްގެ ގޭޓްގެ ދިއްލުންތައް ނިވާލީ ހޭންވޭރު ޕާކް ހެދުމުގެ ތެރޭގައި ކަރަންޓަށް ދިމާވި މައްސަލައަކުންނެވެ. އޭގެ ފަހުން އެ މައްސަލަ ހައްލު ނުކޮށް އޮތީ އެވެ. އަދި ގޭޓް މަރާމާތު ކުރުމާ ބެލެހެއްޓުން ހުއްޓާލީ ވެސް އެހިސާބުން ފެށިގެނެވެ. މިހާރު މުޅި ގޭޓް ވަނީ ދަބަރަށް ވެފަ އެވެ.

ގުއްބަކާއި ދެ މުންނާރު ހިމެނޭ، އަދި ރާއްޖެ އާއި ޗައިނާގެ ގުޅުން ވެސް ރަމްޒުކޮށްދޭ ގޭޓް ނިވާލާއި ގޭޓް ދަބަރަށް ވާން ދޫކޮށްލުމުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުން އުކާ ލޮނާއެކުވެ ގޭޓް ދަބަރު ގުޅައަކަށްވެފައިވާއިރު ގޭޓް ފެންނަނީ ވަރަށް ހަޑިކޮށެވެ. ފީވެގެން ގޭޓް ވެއްޓެން އުޅޭކަހަލަ އިހުސާސާސެއް ވެސް ބައެއް ފަހަރަށަް ކުރެވެ އެވެ.