ރައްޔިތުންގެ މަޖިލިސް

ފަޅުރަށްތަކާ ބެހޭ ބިލު ކޮމިޓީއަށް

ފަޅު ރަށް ވަރުވާއަށް ލިޔެ އަދި ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް ދޭން ރާއްޖޭގެ ފަޅު ރަށްރަށާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު އިތުރަށް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 43 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލު ބަލައިގަތުމަށް ފަހު ބިލު ދިރާސާ ކުރަން ފޮނުވީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށެވެ.

ބިލުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާއި ތައާރަޒުވާ ކަންކަން އިސްލާހު ކުރުމެވެ. ބިލަށް ގިނަ މެމްބަރުން ތާއީދު ކުރެއްވި ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެވެފައި ވެއެވެ. އެގޮތުން އެ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެނަމަ ލާމަރުކަޒީ ގާނޫނުގެ ބާރު ކެނޑިގެންދާނެ ކަމަށް ބައެއް މެމްބަރުން ފާހަގަ ކުރެއްވި އެވެ.

ބިލުގައިވާ ގޮތުން ކައުންސިލްތަކުގެ އިހްތިސޯސްތަކުގެ ތެރޭގައި ހިމެނޭ ފަޅުރަށެއް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ކަނޑައަޅައިފިނަމަ އެ ރަށެެއް ކައުންސިލްގެ އިހުތިސޯސުން ވަކިކުރަން ޖެހެ އެވެ. ނަމަވެސް އެ މާއްދާ އެ ގޮތަށް އޮތުމުން ބަލައި ނުގަނެވޭނެ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ވިދާޅުވެފަ އެވެ.

ހަމަ އެހެންމެ ކައުންސިލެއްގެ އިހްތިސޯސްގައި އޮންނަ ރަށެއް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރަށް ނަގަން ނިންމައިފިނަމަ ކައުންސިލާ މަޝްވަރާކޮށް ބަދަލު ދޭން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ އެދި ވަޑައިގެންފަ އެވެ.