އެމެރިކާއިން އިސްނަގައިގެން އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އުފައްދާފައިވާ ކޯލިޝަންގެ ހަމަލާތަކުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަރުވި އާންމުންގެ އަދަދު 250 އަށް އަރައިފިއެވެ. ކޯލިޝަން ހަމަލާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 3952 އެވެ.
އެމެރިކާއިން މިދިޔަ އަހަރު އައިއެސްއާ ދެކޮޅަށް ހަނގުރަމަ ކުރަން ކޯލިޝަނެއް އުފެއްދީ 28 ގައުމާ އެކުއެވެ. މިހާރު މި ކޯލިޝަންގައި 65 ގައުމު އެބަ އޮތެވެ. މި ކޯލިޝަނުން ވަނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސީރިޔާގެ 16 ހާހަށްވުރެ ގިނަ އަމާޒުތަކަށް ވައިގެ މަގުން ހަމަލާދީފައެވެ.
ކޯލިޝަން ހަމަލާތަކުގައި މަރުވި އާންމުންގެ ތެރޭގައި 110 ކުޑަކުދިން ހިމެނެއެވެ. އަދި މި ހަމަލާތަކުގައި އައިއެސްގެ 3547 ހަނގުރާމަވެރިންނާއި އަލް ނުސްރާ ފްރޮންޓުގެ 136 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ހިސާބުތަކުން ދައްކައެވެ. އަލް ނުސްރާ ފްރޮންޓަކީ ދިވެހިންގެ ތެރޭން ސީރިޔާއަށް ހަނގުރާމައިގާ ބައިވެރިވުމަށް ދާ މީހުން ގުޅޭ ޖަމާއަތް ކަމަށް މައުލޫމާތު ލިބެއެވެ.
އެމެރިކާ ކޯލިޝަނުން ދޭ ހަމަލާތަކުގައި އާންމުންނަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް ސީރިޔާގެ ސަރުކާރާއި މި ކޯލިޝަންގައި ނުހިމެނޭ ރަޝިޔާ ފަދަ ގައުމުތަކުން ތުހުމަތު ކުރެއެވެ. އެމެރިކާއިން ބުނަނީ ކޯލިޝަންގެ ހަމަލާތައް އަމާޒުކުރަނީ ސީދާ އައިއެސް އަށް ކަމަށާއި އެކަކަމު ރަޝިޔާގެ ހަމަލާތަކުގެ ހަމައެކަނި ބޭނުމަކަށް ހަދާފައިވަނީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ހިމާޔަތްކުރުން ކަމަށެވެ. -- އަލްޖަޒީރާ